ހިދާޔަތު ނުލިބިގެން ކަންބޮޑުވަނީ ހެއްޔެވެ؟ ޙައްލު މިއޮތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ހިދާޔަތު ނުލިބިގެން ކަންބޮޑުވަނީ ހެއްޔެވެ؟ ޙައްލު މިއޮތީއެވެ!

ހިދާޔަތަކީ ތެދުމަގެވެ. ﷲ ތަޢާލާގެ މަގެވެ. ހިދާޔަތު ލިބޭނީ އެމީހަކު ހޯދަން މަސައްކަތްކުރުމުންނެވެ. އެކަމަށް އެމީހާ ޝައުޤުވެރިވެ ތެދުވެރިކަމާއިއެކު މަސައްކަތްކުރަމުން ﷲ ތަޢާލާއަށް ދެންނެވުމުންނެވެ. ހިދާޔަތަށް އެދޭ މީހާއަށް ފުރަތަމަ ކުރަންޖެހޭ ކަމަކީވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ފާފަތައް ކުރުމާއި ދުރުހެލިވުމެވެ. 

ބައެއް މީހުން ބުނެއެވެ. "އަހަރެން ޤުރްއާން ކިޔަވަމެވެ. ނަމާދުވެސް ކުރަމެވެ. އެހެނަސް ފާފަކުރެވެއެވެ. ތެދުމަގެއް ނުފެނެއެވެ. ހިދާޔަތެއް ނުލިބެއެވެ." 

އެފަދަ މީހުން ޤުރްޢާނުގައިވާ މިޢާޔަތް ކިޔައިލާށެވެ! 

﴿يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَى صِرَاطٍ مُسْتَقِيمٍ﴾ [المائدة: 16] 

މާނައީ:

"ﷲ، އެއިލާހު ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގު ދައްކަވަތެވެ. އަދި އެއިލާހުގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އެބައިމީހުން ނެރުއްވަވައެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެބައިމީހުންނަށް މަގުދައްކަވައެވެ." 

މިއާޔަތުގައިވާ ފަދައިން ތިބާ ތިއަހުރީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގަށް ފުރިހަމައަށް ތަބަޢަވެގެންހެއްޔެވެ؟ އެހެންކަމަށްވާނަމަ ސަލާމަތުގެ މަގަށް ދައްކަވާނެކަން އެއީ މިޢާޔަތުން ލިބިގެންދާ ޔަޤީންކަމެކެވެ. 

ހަމަ އެއާއިއެކު ﷲ ތައާލާ ރުހިވޮޑިގަންނަވާ މަގަށް ތަބަޢަވުމުން ދެއްވަވާނެ ނިޢްމަތްތައްވެސް އެވަނީ ބަޔާންކުރައްވަވައިފައެވެ. " އަދި އެއިލާހުގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އެބައިމީހުން ނެރުއްވަވައެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެބައިމީހުންނަށް މަގުދައްކަވައެވެ." 

އެނގި ޔަޤީންވެގެން މިދިއައީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގަށް ފުރިހަމަ ގޮތުގައި ތަބާވުމުން އެމީޙަކަށް ބޭނުންވާ ހިދާޔަތު ﷲ ތަޢާލާ ދައްކަވާނެކަމެވެ. ވީމާ ފުރިހަމަ ތައުބާއަކުން ތައުބާވާށެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގަސް ފުރިހަމަ ގޮތުގައި ތަބަޢަވާށެވެ. އެއިރުން ފާފަކުރެވުމާއި ދުރުހެލިވެވޭނެއެވެ. އަދި ސާފު ސީދާ ތެދުމަގަށް ހިދާޔަތުވެސް ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން