މިއަދު މީސްތަކުންނަށް ދިރިއުޅެން ޖެހިފައި މިވަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތާއި ވަރަށް ދުރުގޮތަކަށް ކަންކަން ހުރި މާޙައުލެއްގައެވެ. އެހަނަސް ކަންބޮޑުނުވާށެވެ. އެއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެކަން އަމިއްލައަށް ދެނެގަންނާށެވެ.
އެކަން އަމިއްލައަށް ދެނެގަތުމަކީ ތިމާ ކުރާ ޢަމަލުތައް ﷲ ތަޢާލާގެ މަގާއި ސީދާކޮށް ބަހައްޓަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުންނަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ނުކޮށްހުރުމާއި ރުހިވޮޑިގަންނަވާނެ ޢަމަލުތައް ކުރުން ގިނަކުރުމެވެ.
މުޖުތަމަޢުތަކުގައި ހިނގާ ހުރިހާ ކަމެއްވެސް ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވެއެވެ. ބޮޑުންނަށް ތިބި ބައަކު ކުރާ ހުރިހާ ކަންކަންވެސް ދެކެދެނެވޮޑިގެންވެއެވެ. އެހެންކަމުން މިގޮތަށް ވިސްނާށެވެ.
އެމީހުން ކުރަން ބޭނުންވާހައި ނުބައި ކަންކަން ކުރަން ދޫކޮށްލައްވަވާފައި މިވަނީ އަހަރެމެންނަށް ފައިދާއަކަށެވެ. ނުބައިކަން ބޮޑު މާޙައުލެއްގައި ދިރިއުޅެންޖެހުމުންވެސް ތަޤްވާވެރިކަމުގައި ޘާބިތުވެ ހުންނަ މީހަކަށް ލައްވަވާނެ ބޮޑު ރަޙްމަތާއިމެދުގައި ވިސްނާށެވެ. އޭނާއަށް ކުރިމަތިވެފައިވާ ދަތިތަކާއިއެކުގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުން ދެއްވަވާނެ ޘަވާބަށް ވިސްނައިލާށެވެ.
އެއްވެސް ޙާލެއްގައި މިބުނަނީ މުޖުތަމަޢު ފަސާދަކުރަން ރުހުމަކަށް ނޫނެވެ. ފަސާދަކުރާ މީހުންގެ ކަންކަމަށް ރުހޭކަށް ނޫނެވެ. ހިތުގެ އެންމެ އަޑިން އެކަންކަމަށް ދެކޮޅުހަދަންވާނެއެވެ. ޙާލަތު ބަދަލުކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެއިރުން އެފަދަ މީހުންނަށް ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތް ވަރަށް ބޮޑުވާނެކަން ޔަޤީންކޮށް އެބޮޑު ރަޙްމަތަށް އެދިގެން މަސައްކަތްކުރާށެވެ.
އިން ޝާ ﷲ އެމީހަކަށް ދެދުނިޔޭގައިވެސް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ!