ޢިލްމުވެރިން ހިންގަވަން ބޭނުންވާ ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ބޭނުންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޢިލްމުވެރިން ހިންގަވަން ބޭނުންވާ ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ބޭނުންވޭ!

ރަައްޔިތުންގެ ދިނީ ހޭލުންތެރިކަން އިތުރުކުރުވުމަށް ދީނީ ޢިލްމުވެރިން ކުރައްވަން ބޭނުންފުޅުވާ ކަންކަމަށް، ހިންގަވަން ބޭނުންފުޅުވާ ކަންކަމަށް މާލީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތުން ރަށްތަކަށް ދަތުރުކުރައްވަން ބޮޑެތި ޚަރަދުތައް ކުރައްވަންވެސް ބޮޑެތި ޚަރަދުތައް ކުރައްވަން ޖެހިވަޑައިގަންނަވާތީ އާއިވެސް އެކުގައެވެ.

ތަފާތު ސަބަބުތަކާއިހުރެ ބޮޑެތި ޖަމާޢަތްތަކާއި ގުޅިވަޑައިނުގެން ތިއްބެވި ޢިލްމުވެރިންވެސް ވަރަށް ގިނައެވެ. އެބޭފުޅުންނަށް ބޭނުންފުޅުވާ އެހީތެރިކަން ލިބިވަދައިނުގަންނަވާތީ ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފައެވެ.

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށެނީއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރަން އެންމެ ބާރަށް މަސައްކަތްކުރަންވީ މަސް ބައްދަލުކުރަނީއެވެ. ވީމާ މިއީ ވިސްނައިލުން ވަރަށް މުނާސަބް ވަޤުތެކެވެ. ތަނަވަސްކަންހުރި ފަރާތްތަކުން ﷲ ގެ މަގުގައި ހޭދަކުރުން އިތުރުކުރަން އެންމެ ރަނގަޅު ފުރުޞަތު އައިސް އަރައިހަމަކުރީއެވެ.

މިއަދުނޫހުގައި މީގެ ކުރިންވެސް ވާނީ މިކަމަށް ކެންޕޭނުކޮށްފައެވެ. ރަނގަޅު ނަތީޖާއެއްވެސް ފެނުނުކަން ފާހަގަކުރެވެއެވެ. މާޝާ ﷲ

މުސްލިމުންނަށް އޮތީ ހަމައެކަނި ކީރިތި ޤުރްއާން ކިޔެވުމެއް ނޫނެވެ. ކީރިތި ޤުރްއާނުގައިވާ ޢާޔަތްތަކުގެ މާނަކިޔައި އުނގެނުމެވެ. ކީރިތި ޤުރްއާނުގެ މާނަ ފުރިހަމަކަމުން އިތުރު ތަފްޞީލު ބޭނުންވެއެވެ. އެހެންވެ ޢިލްމެވެރިން ދެއްވަވާ ތަފްސީރުކްލާސްތައް ގިނަ ބައަކު އަޑުއަހައެވެ. ދަސްކުރަން މަސައްކަތްކުރެއެވެ. އެހެނަސް ލިބޭ ފުރުޞަތުތައް ވަރަށް މަދެވެ.

މިއަދު ކުރިމަތިވަމުން މިދާ މައްސަލަތަކުގެ ޙައްލުވެސް ލިބުން އޮތީ ކީރިތި ޤުރްއާނަށް މީސްތަކުން ހޭލުންތެރިކުރުވުނު ވަރަކުންނެވެ. އެކަން ކުރެވޭނީ މީސްތަކުންނަށް ޤުރްއާނުގެ ތަފްސީރު އޮޅުންފިލިވަރަކުންނެވެ.

ދީނީ ޢިލްމުވެރިންނަށް ކުރަން އޮތް އާދޭހަކީ ތިއަ ބޭފުޅުންގެ ޚިދުމަތް ފުޅައުކޮށްދެއްވެވުމެވެ. ﷲ ތަނަވަސްކަން ދެއްވެވި މުއްސަނދިންގެ ކިބައިން ކުރަން އޮތް އާދޭހަކީ ޢިލްމުވެރިން ކުރައްވާ މަސައްކަތްތަކަށް އެބޭފުޅުންގެ ޒަކާތުފަންޑުން އެހީތެރިވެދެއްވުމެވެ.

ހުރިހާ ފައިސާ އެކުގައި އިސްލާމިކް މިނިސްޓްރީ އާއި ޙަވާލުކުރުމުގެ ބަދަލުގައި އެއިން ބައެއް ރާއްޖޭގެ ދީނީ ހޭލުންތެރިކުރުވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަށް ދެއްވެވުމަކީ ކޮންމެވެސް މިންވަރަކަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރުވެގެންދާނެ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ.

 

މިއަދު އޮންލައިން