ތަނަވަސްކަމާއި އުފާވެރިކަން ލިބި ހިތްހަމަޖެހިގެން ދުނިޔޭގައި އުޅެން ބޭނުން ނުވާނެ މީހަކު ނުހުންނާނެއެވެ. އެކަންކަމަށް އެދިގެން މަސައްކަތްކުރުމަކީވެސް އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. މައްސަލަ މިއޮންނަނީ އެކަންކަން ހޯދަން ޢަމަލުކުރެވޭ ގޮތުގައެވެ.
ގިނަ ބައަކު އަބަދުވެސް މަސައްކަތްކުރަނީ ތަނަވަސްކަމާއި މަތީމަޤާމުތަކާއި ދުނިޔަވީ ކަންކަމުގައި އެކަކު އަނެކަކަށް ވާދަކޮށް ކުރިހޯދުމަށެވެ. އަނެއކާއަށްވުރެ މުއްސަނދި، ތަނަވަސް ދިރިއުޅުމެއް އުޅުމަށެވެ. އަނެކާއަށްވުރެ މަތީ މަޤާމެއް ހޯދުމަށެވެ.
ދުނިޔޭގެ ކަންކަމުގައި އަނެކުންނާއި ވާދަކުރުމަކީ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. މަސައްކަތްކުރަންވީ ކިރިޔާ ފުދުންތެރި ދިރިއުޅުމެއް އުޅެލެވޭވަރުވުމަށެވެ. އެވަރަށް ދެއްވަވައިފިނަމަ އެމީހަކީ މުއްސަންޖެކެވެ. ފުދިގެންވާ މީހެކެވެ.
ވާދަކުރަންވީ އަޅުކަމުގައި ކުރިއަރައިދިއުމަށެވެ. ތިމާއަކީ އެންމެ ތަޤްވާވެރި، އެންމެ ގިނައިން ހެޔޮ ޢަމަލުކުރާ އަދި އެންމެ އަޚްލާޤް ރަނގަޅު މީހާ ކަމުގައިވުމަށެވެ. އެކަންކަން ޙާޞިލުކުރެވޭނީ އިއްޔެ ކުރި އަޅުކަންތަކަށްވުރެ ގިނައިން މިއަދު އަޅުކަންކޮށްގެންނެވެ. އިއްޔެއަސްވުރެ ގިނައިން މިއަދު ހިނިތުންވެގެންނެވެ.
ތިބާއަށް ދެރަގޮތެއް ހަދަން، ދެރައެއް ދޭން މީހަކު މަސައްކަތްކުރިނަމަވެސް އެކަމާއިމެދު ކަންބޮޑުނުވާށެވެ! އެއީ ރަޙްމަތެއްކަމުގައި ދެކޭށެވެ! އެއްވެސް މީހަކީ އަނެކާއަށް ދެރައެއް ދެވޭނެ މީހެއް ނޫނެވެ. ﷲ ތަޢާލާ މިންވަރުކުރެއްވެވިކަމެއް މެނުވީއެވެ.
ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ އެފަދަ މީހުންނާއިމެދު ސަމާލުވުމެވެ. ތިމާއަށް އެއްވެސް ދެރައެއް ދެވޭނެ ފުރުޞަތެއް ނުދޭން މަސައްކަތްކުރުމެވެ. އެއާއިއެކު ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! ތިބާއަށް އެއްވެސް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން