ހިތުގަ ފުރިހަމަ ގޮތުގަ ﷲ ތަޢާލާއަށް ލޯބި އޮތްނަމަ ކާމިޔާބީ ދެއްވަވާނެ!: އިމާމް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ހިތުގަ ފުރިހަމަ ގޮތުގަ ﷲ ތަޢާލާއަށް ލޯބި އޮތްނަމަ ކާމިޔާބީ ދެއްވަވާނެ!: އިމާމް ޢުމަރު ސުލައިމާން

ދުނިޔޭގެ ބައެއް ޤައުމުތަކުގައި އުޅެނީ މުސްލިމުންގެ މަދުބައެކެވެ. އެއީއަކީ ކަންބޮޑުވާން ޖހެންވީ ކަމެއް ނޫނެވެ. މުސްލިމުންނަކީ ޙަޤީޤީ މުސްލިމުންގެ ގޮތުގައި ތިބެ ﷲ ތަޢާލާއަށް ލޯބިވުމުގައި ޘާނިތުވެ ތިބި ބައަކު ނަމަ ބަލިކޮށް ނިކަމެތި ނުކުރެވޭނެއެވެ. 

އެހެނީ މުސްލިމުންގެ ޢަދަދު ކިތަންމެ މަދު ނަމަވެސް އެމީހުންނަކީ ހިތުގެ އަޑިން  ތަޢާލާދެކެ ލޯބިވާ ބައަކު ނަމަ އެމީހުންނާއިއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. ﷲ ތަޢާލާ ދެކެ ލޯބިވާ ބައަކު ނިކަމެތިވާން ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ. އެމީހުންނަށް ނަޞްރު ދެއްވަވާނެތެވެ. 

އެކަމުގެ ޔަޤީންކަން ލިބެނީ އިސްލާމް ދީން ފެށިގެން އައި ދުވަސްވަރު ކަންކަން ހިނގާފައިވާ ގޮތުންނެވެ. ކާފިރުންގެ ބޮޑެތި ބިޔަ ލަޝްކަރުތަކާއި މުސްލިމުންގެ މަދު ޢަދަދެއްގެ ބައަކު ކުރި ހަނގުރާމަތަކުގައި މުސްލިމުންނަށް ނަޞްރު ދެއްވަވާފައިވާތީއެވެ. އެއިރުވެސް މުސްލިމުންގެ މަދު މީސްކޮޅަށް ﷲ ތަޢާލާ ވަނީ ބޮޑެތި ބިޔަ ލަޝްކަރުތަކުގެ މައްޗަށް ނަޞްރު ދެއްވަވައިފައެވެ. 

މިއަދު ކުރިމަތިވެގެން މިއުޅޭ މައްސަލައަކީ ތިމާމެންނަކީ މުސްލިމުން ކަމަށް ދުލުން ބުނި ނަމަވެސް ހިތުގައި ﷲ ތަޢާލާގެ މައްޗަށް ތެދުވެރި ލޯބި ނެތީއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރި ނުވެވެނީއެވެ. 

އިސްލާމް ދީނަށް ނަފްރަތުކުރާ މީހުން އަހަރެމެން އިސްލާމްދީން ދެކެ ލޯބިވާވަރަށްވުރެ ބޮޑަށް އިސްލާމް ދީނަށް ނަފްރަތުކުރާކަމަށް ހީކުރެވޭނަމަ އެއީ އަހަރެމެންގެ މައްސަލައެކެވެ. އެކަމުން އަންގައިދެނީ އިސްލާމް ދީނަށް އަހަރެމެންގެ ހިތުގައި ލޯބި އިތުރުކުރަންޖެހޭ ކަމެވެ. ކުރިން މިބުނި ފަދައިން އަހަރެމެންގެ ހިތުގައި ﷲ ތަޢާލާއަށާއި އެކަލޭގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމައަށާއި އިސްލާމް ދީނަށް ލޯބި އޮންނަންޖެހޭ ވަރަށް ލޯބި އޮތް ނަމަ އަހަރެމެން ބަލިނުކުރެވޭނެއެވެ. 

ހަމަ އެޒަމާނުގައިވެސް ފޮނުއްވެވި ފަދައިން އުޑުން މަލާއިކަތުންގެ ލަޝްކަރުތައް ފޮނުއްވަވައި މުސްލިމުންނަށް ނަޞްރު ދެއްވަވާނެތެވެ. ކާފިރުން ބަލިކުރައްވަވާނެތެވެ. އެކަންކަމަށް ޝައްކުކޮށްގެންވެސް ނުވާނެއެވެ. އެއިރު ތިބި މުސްލިމުންނަށް ނަޞްރު ދެއްވެވީ އެޒަމާނުގައި ތިބީތީއެއް ނޫނެވެ. އެމީހުންގެ ހިތްތަކުގައި ﷲ ތަޢާލާއަށް އޮތް ލޯބި ވަރުގަދަވުމުންނެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވާނީ ޒަމާނަކަށް ނޫނެވެ. އެބައެއްގެ ހިތްތަކުގައި ﷲ ތަޢާލާއަށް ލޯބި އޮތް މިންވަރަކަށެވެ. 

ވީމާ މުޖުތމަޢުގެ ޙާލަތު ބަދަލުކުރަން އެދޭނަމަވެސް ތިމާގެ އަމިއްލަ ޙާލަތު ބަދަލުކުރަން އެދޭނަމަވެސް ﷲ ތަޢާލާއަށް ލޯބިވުން އިތުރުކުރާށެވެ. ވަރުގަދަކުރާށެވެ. އެއިރުން މުސްލިމުންގެ ޢަދަދު ކިތަންމެ ނަމަވެސް މުސްލިމުން ބަލިކޮށް ނިކަމެތި ނުކުރެވޭނެތެވެ. މުސްލިމުންނަށް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން