ރަމަޟާން މަހު ރޭއަޅުކަންކުރަން ގިނަވަގުތު ހޭދަނުކުރެވޭނެ މީހުންނަށް މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ހޯދަން ވަރަށް ފަސޭހަ ގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރަމަޟާން މަހު ރޭއަޅުކަންކުރަން ގިނަވަގުތު ހޭދަނުކުރެވޭނެ މީހުންނަށް މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ހޯދަން ވަރަށް ފަސޭހަ ގޮތެއް!

އެންމެންނަކީ ޜޭގަނޑު އެހައި ގިނައިރު ހޭލައި ތިބެވޭނެ ބައެއް ނޫނެވެ. ދިރިއުޅެން މަސައްކަތްކުރަންޖެހުން އެއީ އެންމެ މުހިންމު އެއް ސަބަބެވެ. އަދި އެނޫން ސަބަބުތަކާއިހުރެވެސް ރޭގަނޑު އެހައިރުވަންދެން ހޭލައި ނުތިބެވޭނެ މީހުން އުޅޭނެއެވެ. 

ބަރަކާތްތެރި ރަމަޟާން މަސް އައިސް ދާދިގާތްވީއެވެ. އެންމެ 10 ވަރަކަށް ދުވަހަށް ގާތްވީއެވެ. ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ ވީހައި ގިނައިން ރޭއަޅުކަންކުރުމަށެވެ. އެހެންކަމާއިއެކުވެސް ބަލިޙާލާއި އެހެންވެސް ބައެއް ކަންކަން ހުންނަގޮތުން ދަތިތައް ކުރިމަތިވާ ބައަކު ތިބޭނެއެވެ. 

ވީމާ ފަސޭހައިން މުޅިރޭ އަޅުކަންކުރިކަމުގެ ޘަވާބު ލިބިގަނެވެން ވަރަށް ފަސޭހަ ގޮތެއް ބުނެލާނަމެވެ. 

ރޭގަނޑު ކީރިތި ޤްރްއާނުގެ 100 އާޔަތް ކިޔަވައިފި މީހަކަށް މުޅި ރޭގަނޑު އަޅުކަން ކުރި ކަމުގެ ޘަވާބު ﷲ ތަޢާލާ ދެއްވަވާނެތެވެ. ވީއިރު މިއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ޤަބޫލުކުރަމާ ހެއްޔެވެ؟ އަދި ކިހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ހެޔެވެ؟ އަދި މިއީ ކޮންމެހެން ރަމަޟާން މަހު އެކަނިކުރަން އޮތް ކަމެއްވެސް ނޫނެވެ. ކޮންމެ ރެއަކުވެސް ކުރަން އޮތް ކަމެކެވެ.  ރަމަޟާން މަހާއި ގުޅިގެން މިކަން މިހަނދާންކޮށްދިނީ ރަމަޟާން މަހަކީ ރޭ އަޅުކަންކުރުން ކޮންމެހެންވެސް އިތުރުކުރަންޖެހޭ މަހަށްވާތީއެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އާދަކޮށް ކޮންމެ ރެއަކު ސަޖިދަ ސޫރަތާއި މުލްކް ސޫރަތް ކިޔަވާ ބައެކެވެ. މި ދެ ސޫރަތް ކިޔެވުމުން 60 ޢާޔަތް ކިޔެވޭނެއެވެ. މި ދެ ސޫރަތް ކިޔެވުމަށްފަހު އިތުރަށް ޚަޠިމް ކުރަން 40 އާޔަތް ކިޔަވައިފިނަމަ 100 އާޔަތް ކިޔެވުނީއެވެ.

އަދިވެސް ވަރަށް ފަސޭހަ އިތުރު ފޯމިޔުލާއެއްވެސް ބުނެފާނަމެވެ. އެހައިމެ ފައިދާވެސް ބޮޑު ގޮތެކެވެ. އަލްވާޤިޢާ ސޫރަތް ކިޔަވާށެވެ! އެސޫރަތުގައި 76 އާޔަތްވެއެވެ. ވީމާ އަލްވާޤިޢާ ސޫރަތާއި ސަޖިދަ ސޫރަތާއި އަލްމުލްކް ސޫރަތް ކިޔަވައިފިމަ 136 އާޔަތް ކިޔެވުނީއެވެ. މިކަމަށް ނަގާނީ ގިނަވެގެން 15ވަރަކަށް މިނިޓްއިރެވެ. 15 މިނިޓް އިރުން ކިހައި މަތިވެރި ޘަވާބު ޙާޞިލުކުރެވެން އެބަ އޮތްހެއްޔެވެ؟ 

އަދިވެސް ބުނެލާނަމެވެ! 15 ވަރަކަށް މިނިޓްވަންދެން މިމަތިވެރި ޘަވާބު ލިބިގަތުމަށް މަސައްކަތްކުރުމަށްފަހު އެމީހަކަށް ކެރިކުޅަދާނަވީވަރަކުން ރޭއަޅުކަންކުރުން ގިނަކުރާށެވެ! ޚާއްޞަކޮށް ރަމަޟާން މަހު ވީހައި ގިނައިން ރޭއަޅުކަންކުރަން މަސައްކަތްކުރަންވާނެއެވެ. ހަމައެކަނި މުބުނި މަގުން 100 އާޔަތް ކިޔަވާފައި ނިންމައިނުލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން