މަންމަ އާއި ބައްޕަގެ ދައުރު ބަޔާންކޮށް މިހައިތަނަށް އަޑުއިވުނު އެންމެ ފުރިހަމަ ދަރުސް- ކޮންމެ ބައްޕައަކާ މަންމައަކަށް ޖަވާހިރެއްފަދަ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
މަންމަ އާއި ބައްޕަގެ ދައުރު ބަޔާންކޮށް މިހައިތަނަށް އަޑުއިވުނު އެންމެ ފުރިހަމަ ދަރުސް- ކޮންމެ ބައްޕައަކާ މަންމައަކަށް ޖަވާހިރެއްފަދަ ފިލާވަޅެއް!

ސަބަބުތައް ކޮންމެ ގޮތަކަށް ހުރެގެން ނަމަވެސް އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ބައްޕައިން ދަރިންނާއި އަޅައިނުލުމުގެ ޝަކުވާއެވެ. ދަރިންކޮޅު އުކާލާފައިން މައިން ދާކަމުގެ ޝަކުވާވެސް ލިބެއެވެ. ކޮންމެއަކަސް މައްސަލަ އެބައޮތްކަން އެންމެންވެސް ޤަބޫލުކުރެއެވެ. އޮތީ ޙައްލު ކުރުމެވެ. ޙައްލުކުރެވޭނީ މަންމަ ޢާއި ބައްޕައަށްވެސް ޢާއިލާގައި އެމީހުންގެ މަޤާމާއި ޛިންމާ އެނގި ޤަބޫލުކުރެވިގެންނެވެ.

ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ވާހަކަ ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ. އެހުވަފެންފުޅުގައި ފެނިވަޑައިގެންނެވި އިރަކީ އެކަލޭގެފާނުގެ ބައްޕާފުޅެވެ. ހަނދަކީ މަންމާފުޅެވެ. 11 ތަރިއަކީ އަޚުންނެވެ.

ވީމާ ޢާއިލާގައި އިރަކީ ބައްޕައެވެ. އެއީ އެންމެ ގަދަވެގެންވާ އައްޔެވެ؟ އިރުގެ އަލިކަން ނެތިހިނގައްޖެނަމަ، އިރު އޮއްސިއްޖެނަމަ އިރުގެ މައްޗަށް ވިލާއެޅިއްޖެނަމަ ދުނިޔެއަށް އަނދިރިކަންވެރިވެއެވެ. ހަމައެފަދައިން ބައްޕަގެ ކިބައިން ޢާއިލާއަށް ލިބެންޖެހޭ އަލިކަން ނުލިބޭނަމަ އެ ޢާއިލާއަކަށް އަނދިރިކަން ވެރިވެއެވެ.

އަދިވެސް ވިސްނާށެވެ! ރިޒްޤް ލިބެނީ ގަސްގަހާގެހި ހެދިގެންނެވެ. ގަސްގަހާގެހި ހެދެން އިރުގެ އަލިކަން ބޭނުންވެއެވެ. ވީމާ ޢާއިލާއަށް ރިޒްޤް ތަނަވަސްވުމމުގައި ބައްޕަގެ ދައުރު ވަރަށް ބޮޑެވެ.

އިރުގެ އަލިކަން ލިބުމުން އުފާވެރިކަން ލިބެއެވެ. ހޫނުގަދަވެއްޖެނަމަ އުނދަގޫތައް ކުރިމަތިވެއެވެ. މިކަންކަމަކީވެސް ބައްޕަގެ ކިބައިން ޢާއިލާއަށް ލިބެންޖެހޭ ކަންކަމާއި ގުޅިފައިވާ ކަންކަމެވެ.

ޢާއިލާގެ ހަމަޖެހުމާއި ކާމިޔާބީ އާއި ގުޅިފައިވާ ކަންކަމެވެ. ޢާއިލާގެ ކަންކަން ފުރިހަމަވެ އުފާވެރިކަން ލިބުންވަނީ ބައްޕަގެ ކިބައިން ލިބެންޖެހޭ ކަންކަން ލިބިނުވަރަކުންނެވެ.

ދެން އޮތީ ހަނދެވެ. ހަނދުގެ އަލިކަމަށްވުރެ އުފާވެރިކަންލިބޭ އަލިކަމެއް ނުވެއެވެ. އަދިވެސް ވިސްނައިލާށެވެ! އިރުގެ އަލިންފައުޅުވެފައިވާ ވަގުތުތަކުގައި ތަރިތަކެއް ނުފެންނާނެއެވެ. ތަރިތައް ފިޔަޖަހާތަން ފެންނާނީ ހަނދުގެ އަލިކަން ލިބުމުންނެވެ. މިކަމުން އަނގައިދެނީ މައިމީހާ އާއި ދަރިންނާއި ދެމެދުގައިވާ ގުޅުމުގެ މަތިވެރިކަމެވެ.

އަދިވެސް އެންމެ ބޮޑު އެއްކަންތައް ފާހަގަކޮށްލާނަމެވެ. ގޭގައި މަންމައާއި ބައްޕަގެ ދައުރު އޮޅުވާލައިފިނަމަ ދަރިންނަށް ހުރިހާ އުފަލެއް ގެއްލިގެންދާނެއެވެ. އަނދިރިކަން ވެރިވާނެއެވެ. އެކަމުގެ މިސާލަކަށް ވެގެންދަނީ ކޭތަ ހިފުމުންނެވެ. ކޭތަހިފައިފިނަމަ އަނދިރިކަންވެރިވެއެވެ. ބޮޑަށް ހިފާވަރަކަށް އަނދިރިކަން ގަދަވާނެއެވެ. މަންމަ އާއި ބައްޕަގެ މައްސަލަތައް ބޮޑުވާވަރަކަށް ޢާއިލާއަށް އަނދިރިކަން އިތުރުވަނީ އެހެންވެގެންނެވެ. ތަރިތައް ވިދައި ފިޔަޖަހަމުން ދަނިކޮށް ވެސް ކޭތަހިފުމުން ތަރިތައް ގެއްލިގެންދަނީ އެހެންވެގެންނެވެ. ﷲ ތަޢާލާ ދައްކަވައި ދެއްވަވާފައިވާ މިސާލުތަކަށްވުރެ ފުރިހަމަ މިސާލެއް ދެއްކޭނީ ކާކަށް ހެއްޔެވެ؟

ކޭތަ ހިފުމުން އޮތީ ތައުބާވެ އިސްތިޣްފާރުކުރުމެވެ. ﷲ ތަޢާލާއަށް ދުޢާކުރުމެވެ. ގޭގައިވެސް ކޭތަ ހިފައިފިނަމަ ކުރަންވީ ހަމައެކަންތަކެވެ. އަނދިރިކަން ފިލައި އަލިކަން ލިބޭނީ އެއިރުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން