ތިންވަނަ މައްސަލަ: މައިންބަފައިންގެ ނުރުހުމުގައި ކައިވެނި ކޮށްފިނަމަ ކުއްޖާ ފާފަވެރިވާނެތޯއެވެ، މައިން ބަފައިންނަށް ނުކިޔަމަންތެރިވީ ކަމުގައި ވާނެތޯ އެވެ ؟
ކައިވެނި ކުރާ ޢުމުރަށް އަޅާފައި ހުރި ކުއްޖަކު، އެކަމުގެ ކުޅަދާނަކަން ލިބި، އެކަމަށް ބޭނުންވެ، ކައިވެނި ނުކޮށް ހުރުމެއް ނެތެވެ. ކައިވެނި ކުރުމަށް އަންގަވާ މާތް ﷲ ނޫރު ސޫރަތުގެ 32 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ.
(وَأَنكِحُوا الْأَيَامَىٰ مِنكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ ۗ وَاللَّـهُ وَاسِعٌ عَلِيمٌ)މާނައަކީ: ” އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން(މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެންއަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، فقيرންކަމުގައިވާނަމަ، އެކަލާނގެ فضلވަންތަކަމުން، އެކަލާނގެ އެއުރެންމުއްސަނދިކުރައްވައިފާނެތެވެ. اللَّهއީ، ތަނަވަސްވަންތަ،މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ"
. އަދި ކައިވެނި ކުރުމަށް ބާރު އަޅުއްވާ ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވެވިއެވެ،
(يا معشر الشباب من استطاع منكم الباءة فليتزوج فإنه أغض للبصر وأحصن للفرج ومن لم يستطع فعليه بالصوم فإنه لو وجاء )
މާނައަކީ: "އޭ ޒުވާނުންނޭވެ. ތިޔަބައިމީހުންކުރެ ކައިވެނި ކުރުމަށް ކުޅަދާނަކަން ލިބިގެންވާ މީހާ ފަހެ އެކަން ކުރާ ހުށިކަމެވެ. ހަމަކަށަވަރުން އެކަމުގެ ސަބަބުން ލޯތައް ތިރިވެއެވެ. އަދި ފޮރުވިފައިވާ ގުނަވަނަށް ރައްކާތެރިކަން ލިބިދެއެވެ. ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ ރޯދަ ހިފާ ހުށިކަމެވެ. ހަމަކަށަވަރުން އެކަމުގައި ރައްކާތެރިކަމެއްވެއެވެ".
عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ قال :جَاءَ ثَلَاثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا ، فَقَالُوا : وَأَيْنَ نَحْنُ مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ .قَالَ أَحَدُهُمْ : أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا .وَقَالَ آخَرُ : أَنَا أَصُومُ الدَّهْرَ وَلَا أُفْطِرُ .وَقَالَ آخَرُ : أَنَا أَعْتَزِلُ النِّسَاءَ فَلَا أَتَزَوَّجُ أَبَدًا .فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْهِمْ فَقَالَ : أَنْتُمْ الَّذِينَ قُلْتُمْ كَذَا وَكَذَا !! أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ، لَكِنِّي أَصُومُ وَأُفْطِرُ ، وَأُصَلِّي وَأَرْقُدُ ، وَأَتَزَوَّجُ النِّسَاءَ ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي)
މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާވެގެންވެއެވެ. ތިންމީހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުކަން ކުރައްވާ ގޮތް ބެލުމަށް ޓަކައި އެކަލޭގެފާނުގެ ގަނޑުވަރަށް ޒިޔާރަތް ކުރިއެވެ. އެބައިމީހުންގެ އަޅުކަމުގެ ކަންތައް ހުރިގޮތުން އެކަންތައް މާ މަދުވެގެން އެބައިމީހުން ވާހަކަ ދެއްކިއެވެ. އަދި ބުންޏެވެ. ރަސޫލާ އަކީ އިސްވެދިޔަހާ ފާފަ އަކާއި ކުރިޔަށް އޮތް ތަނުގައި ކުރެވެން އޮތްހާ ފާފަ އެއް ފުއްސަވާފައިވާ ބޭކަލެކެވެ. އެހެންވީމާ، އަހަރުމެން މީ އަދި ކޮން ބަޔެއް ހެއްޔެވެ؟ ދެން އެތަނުން އެކަކު ބުންޏެވެ. އަހަރެން މުޅި ރޭ އެއްކޮށް އުޅޭނީ އަޅުކަމުގައެވެ. އަނެކަކު ބުންޏެވެ. އަހަރެން މުޅި އަހަރު ދުވަހު ހުންނާނީ ރޯދައަށެވެ. އެއްވެސް ދުވަހަކު ރޯދަ ދުލެއް ނުކުރާނަމެވެ. އަނެކަކު ބުންޏެވެ. އަހަރެން އަންހެނުންނާއި ދުރުހެލިވެ ދުވަހަކުވެސް މީހަކާ ނުއިންނާނަމެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުންގެ ގާތަށް ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. މިވެނި އެވެނިހެން ތިޔަބައިމީހުން ބުނީމެއް ނުން ހެއްޔެވެ؟! ދަންނާށެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ، މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވާ، އެންމެ ތަގްވާވެރި މީހާއެވެ. އެހެންނަމަވެސް، ތިމަންކަލޭގެފާނު ރޯދަ ހިއްޕަވަމެވެ. އަދި ރޯދަ ދޫވެސް ކޮށްލަމެވެ. ނަމާދުވެސް ކުރައްވަމެވެ. އަދި ނިދަންވެސް ނިދަމެވެ. އަދި އަންހެނުންނާއި ކައިވެނިވެސް ކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފިމީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާ މީހެއް ނޫނެވެ".
މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުން އޮތީ ﷲއަށް އަދާ ކުރަންޖެހޭ ކިޔަމަންތެރިކަމަށްފަހުގައެވެ. ވީމާ، ކައިވެނި ކުރުމަށް މައިން ބަފައިން މަނާ ކުރިނަމަވެސް އެކަމުގެ ފަހަތުގައި މަގްބޫލު ޢުޛުރެއް ނެތްނަމަ އެމީހުންނަށް ކިޔަމަން ގަތުމެއް ނެތެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(لاطاعةلمخلوقفيمعصيةالخالق)
މާނައަކީ: " ﷲ އަށް އުރެދުމެއްވާ ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ." މަގްބޫލު ޢުޛުރަކީ ކައިވެނި ކުރަން އުޅޭ ފިރިހެން ކުއްޖާ އަކީ ނުވަތަ އަންހެން ކުއްޖާ އަކީ ދީނީ ގޮތުންނާއި އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ ކުއްޖަކަށް ވުމެވެ. އެނޫން ކަމަކާ ހުރެ ކައިވެންޏަށް ހުރަސް އެޅުމުގެ ބާރު މައިންބަފައިންނަށް ލިބިގެން ނުވެއެވެ. އަދިކިއެއްތަ، އެބައިމީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ އެކަމުގައި އެހީތެރިވުމެވެ.
ކީރިތި ގުރްއާނުގެ މާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.”وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ”މާނައަކީ: ” އަދި ހެޔޮކަންތައް ކުޅައުމާއި، تقوىވެރިވުމުގެ މައްޗަށް ތިޔަބައިމީހުންއެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوةތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ!".
ޚުލާޞާ: މައިންބަފައިންނަށް ކިޔަމަން ގަތުމަށް އިސްލާމްދީނުގައި ނުހަނު ބާރު އަޅުއްވާފައިވެއެވެ. ނަމަވެސް، އެއީ ﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައެވެ. ﷲ ގެ އަމުރުފުޅަކާ މައިންބަފައިންގެ އަމުރަކާ ތަޢާރުޟުވެއްޖެ ހިނދެއްގައި އިސްކުރަން ޖެހޭނީ ﷲ ގެ އަމުރުފުޅެވެ. ވީމާ، ކައިވެނީގެ ޢުމުރަށް އަޅާފައި ތިބި ކުދިންތަކެއް އެކަން ކުރުމަށް މައިންބަފައިން ހުރަސް އެޅިޔަސްވެސް އެކަމުގައި މަގްބޫލު ޢުޛުރެއް ނެތްނަމަ އެމީހުންނަށް ކިޔަމަން ގަންނާކަށް ނުޖެހޭނެއެވެ. އަދި އެއީ އެމީހުންނަށް ނުކިޔަމަންތެރި ވުމަކަށް ނުވާނެއެވެ. އަދި އެކަމުގެ ސަބަބުން ކައިވެނި ކުރި ދެކުދިން ފާފަވެރި އެއް ވެސް ނުވާނެއެވެ. والله أعلم.
- ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް