ނޫޙްގެފާނުގެ ވާހަކަ- 11: ޚުލުޤުފުޅު

ކިޔުމަށް ހޭދަވާނީ 5މ 49ސ
ނޫޙްގެފާނުގެ ވާހަކަ- 11: ޚުލުޤުފުޅު

ޢަލީ އިޙްޞާން ފިރާޤް

 

އަރަހުށި ހުސްޠާހިރު ވަންތަ މާތްއެކަލާނގެ ރިސާލަތު މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށްޓަކައި ފޮނުއްވި ރަސޫލުންނާއި ނަބިއްޔުންނަކީ އިންސާނުންގެ ޚުލުޤާއި ސުލޫކު ބައްޓަންކުރުމަށް ދިއްލައިލެވިފައިވާ ދަންމަރުތަކެއް ފަދަ ބައެކެވެ. އޭގެ ތެރެއިން ކޮންމެ ބޭކަލެއްގެ ޝަޚްޞިއްޔަތު އިތުރަށް އުއްތި ފުރިހަމަވެފައިވަނީ، އެބޭކަލުންގެ ޚުލުޤުފުގެ ރިވެތި މަކާރިމްތަކުންނެވެ. 

އެގޮތުން نوح عليه السّلام އަކީވެސް އުޅުއްވުން ރީތިކަމާއި އަޚްލާޤުގެ ފުރިހަމަކަމުގެ ފުރިހަމަ ނަމޫނާއެކެވެ. އިސްވެ ބަޔާންކުރެވުނު ޞަފްޙާތަކުން އެނގިގެންދިޔަ ފަދައިން، އެކަލޭގެފާނަކީ ނުހަނު ކެތްތެރި ބޭކަލެކެވެ. 950 އަހަރު ދުވަސްވަންދެން އެއްވެސް ފޫހިފުޅުކަމެއްނެތި އަރަހުށި މާތްގެ ދީންނަށް ގޮވައިލައްވަމުން ގެންދެވީ ނުހަނު ކެތްތެރިކަމާއެކުގައެވެ. ދުޝްމިނުންގެ ބަހުގެ ޙަމަލާތަކާއި، ނުބައިރޭވުންތަކުގެ ކުރިމަތީގައި ދައްކަވައިފައިވަނީ، ހިލަ ފަރުބަދައެއްފަދަ ސާބިތުކަމެވެ. 

ކީރިތި ޤުރްއާނުގައި نوح عليه السّلام ސިފަކުރައްވައިފައިވަނީ ވަރަށް ގިނަގިނައިން ޝުކުރުވެރިވާ ބޭކަލެއްކަމުގައެވެ. އެކަލޭގެފާނުގެ މިދެންނެވި މަކާރިމުލް އަޚްލާޤަށް މާތްالله سبحانه وتعالى ވަނީ ތާރީފުގެ ބަސްފުޅު ވަޙީ ކުރައްވައިފައެވެ.  ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ 3 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވައިފައިވެއެވެ. 

"ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا ﴿٣﴾"

މާނައީ: "ތިމަންރަސްކަލާނގެ نوح ގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނޭވެ! ހަމަކަށަވަރުން، شكر ވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ." 

ޤަތާދާ ރަޙިމަހު ވިދާޅުވެފައިވާކަމަށް އިމާމު ޤުރްޠުބީ ލިޔުއްވައިފައިވެއެވެ. [نوح عليه السّلام ހެދުންކޮޅެއް ތުރުކުރެއްވާއިރު بسم الله ވިދާޅުވެއެވެ. ހެދުންކޮޅު ބަދަލުކުރައްވާއިރު الحمد لله ވިދާޅުވެއެވެ.] އިބްރާހީމް ވިދާޅުވެފައިވެއެވެ. [نوح عليه السّلام ޝުކުރުކުރައްވާ ގޮތަކީ އެކަލޭގެފާނު ފަރިއްކުޅުއްވާ ކޮންމެ ފަހަރަކު بسم الله އޭ ވިދާޅުވެއެވެ. ފަރިއްކުޅުއްވާ ނިމިވަޑައިގަތުމުން الحمد لله އޭ ވިދާޅުވެއެވެ.]

{ އަލްއިމާމުލް ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، އިސްރާ ސޫރަތުގެ ތިންވަނަ އާޔަތުގެ ތަފްސީރު} 

ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާ ކަމެކެވެ. ޝުކުރުވެރިވުމަކީ ނިޢުމަތް އިތުރުކޮށްދެއްވާކަމެކެވެ. މިކަމަށް އިޝާރާތް ކުރައްވާ އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

"وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴿٧﴾"

މާނައީ: [އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.] 

ކަންމިހެން ހުރުމާއެކުވެސް އަރަހުށި މާތް ގެ މަތީން ހަނދުމަކޮށް ޝުކުރުވެރިވަނީ ވަރަށް މަދުބަޔެކެވެ. އެކަންބަޔާން ކުރައްވައި ސަބާ ސޫރަތުގެ 13 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

"وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ﴿١٣﴾"

މާނައީ:[އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ.]  

އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.

"‏ إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الأَكْلَةَ فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا ‏" { صحيح مسلم، كتاب الذكر والدعاء والتوبة والاستغفار، باب اسْتِحْبَابِ حَمْدِ اللَّهِ تَعَالَى بَعْدَ الأَكْلِ وَالشُّرْبِ ،ޙަދީޘް ނަންބަރު 2734}

މާނައީ: [ހަމަކަށަވަރުން ތަޢާލާ އެކަލާނގެ އަޅާއަށް ރުހިވޮޑިގެންވެއެވެ. އެއީ އޭނާ އެއްޗެއް ކެއުމަށްފަހު، އެކަލާނގެއަށް ޙަމްދުކުރުމުންނާއި، ނުވަތަ އެއްޗެއް ބުއިމަށްފަހު އެކަލާނގެއަށް ޙަމްދުކުރުމުންނެވެ.] {ރިޔާޟުލްޞާލިހީން ދިވެރި ތަރުޖަމާ، ޞަފްޙާ ނަންބަރު 1155}

މިއަދު އޮންލައިން