ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަހިފާށޭ ބުނެވިއްޖެނަމަ ބައެއް މީހުންގެ މޫނުގެ ކުލަބަދަލުވެގެންދެއެވެ. މޫނު އަނބުރާލައެވެ. ބުނެއެވެ. "އެއީ ސުންނަތެއް ނޫންހެއްޔެވެ؟ އެއީ ވަޒީފާއަދާކުރަންޖެހޭ 2 ދުވަހެވެ. ވަރުބަލިވާނެއެވެ."
ދެން އެއިގެ އަނެއްކޮޅަށް ބަލައިލަމާ ހިނގާށެވެ. ޞިއްޙީ ކަންކަމާއި ގުޅުވައިގެން ޑޮކްޓަރުން މިހާރު އެބަ ރޯދަހިފަން ބުނެއެވެ. ޑޮކްޓަރަކު ބުނެފިނަމަ އެކަމަށް ޝައުޤުވެރިވެއެވެ. ދުވާލަކު 16 ގަޑިއިރު ނުކައި ހުރުން ބުރަކަމަކަށް ނުވެއެވެ. ނުކައި ހުރެގެން ވަޒީފާއަދާކުރަންވެސް ބުރަކަމަކަށް ނުވެއެވެ.
މީސްތަކުންނޭވެ! މިހިސާބުންވެސް ވިސްނައިލާށެވެ! ހަފްތާއަކު 2 ދުވަހު ރޯދަ ހިފުމާއި ކުޅަދާނަކަން ލިބިގެންވާނަމަ 2 ދުވަހަށްވުރެ ގިނަ ދުވަހު ރޯދަ ހިފުމަކީ ތިމާއަށް ހުރިހާ ގޮތަކުންވެސް ފައިދާކުރާނެ ކަމެއްކަމަށް ރަސޫލް ﷺ ޙަދީޘްފުޅުކުރެއްވެވީ މީގެ 1400 އަހަރުކުރިންނެވެ.
އެގޮތަށް ޙަދީޘްފުޅުކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ އެގޮތަށް އެކަން ﷲ ތަޢާލާ އަންގަވައިދެއްވެވުމުންނެވެ. ﷲ ތަޢާލާ އަންގަވައިދެއްވެވީ ކީއްވެގެން ހެއްޔެވެ؟ އެކަމުން އަހަރެމެންނަށް ފައިދާކުރާނެތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުންނަތް ރޯދަހިފުމަކީ ތިއަ ހީކުރާވަރަށްވުރެ މާ ފައިދާބޮޑު ކަމެކެވެ. މާމަތިވެރިކަން ބޮޑުކަމެކެވެ. އެހެނީ ސުންނަތް ރޯދަތައް ޤަވާއިދުން ހިފުމަކީ ވަރަށް ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.
އަދި އެއީ ނަރަކައިގެ އަލިފާނުން ސަލާމަތްވާން ވަރަށް ބޮޑަށް ބޭނުންވާ މީހުން ކުރާނެ ކަމެކެވެ. އެހެނީ އެމީހުން ވިސްނާނީ އެދުވަހު އުފުލަންޖެހޭ ތަކްލީފްތަކަކަށް ނޫނެވެ. ކޮންމެ ރޯދައެއް އެމީހަކާއި ނަރަކަ 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދެއްވަވާ ކަމާއިމެދުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން