ޢަލީ އިޙްޞާން ފިރާޤް
ޠޫފާނަށްފަހު، އެތައް އަހަރެއް ވަންދެން نوح عليه السّلام ދުނިޔޭގައި އުޅުއްވި ކަމަށް ރިވާވެފައިވެއެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަޤީޤީ ޢުމުރުފުޅު، 950 އަހަރަށްވުރެ ދިގު ވާނެ ކަމުގައި ޢިލްމުވެރިން ލިޔުއްވައެވެ.
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ނޫޙުގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން ސާޅީސް އަހަރުފުޅުގައެވެ. އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ތެރޭގައި ދީނަށް ގޮވައިލެއްވުމަށްޓަކައި 950 އަހަރު ދެމިހުންނެވިއެވެ. ތޫފާނަށްފަހު ފަސްދޮޅަސް އަހަރުވަންދެން އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއެވެ. އެއީ މީސްތަކުންގެ އަދަދު ގިނަވެ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިއްޖެއުމަށް ދާންދެނެވެ.
{ތަފްސީރު އިބްނު ކަޘީރު އިނގިރޭސި ތަރުޖަމާ، ހަތްވަނަ ޖިލްދު، ޞަފްޙާ 470 އަދި 471}
نوح عليه السّلام އަވަހާރަވުމުގެ ކުރީން އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ވަޞިއްޔަތް ކުރައްވާ ނަޞޭހަތްދެއްވިއެވެ. عبدالله بن عمرو ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ނޫޙުގެފާނު އަވަހާރަވުމުގެ ވަގުތު ޖެހުމުން އެކަލޭގެފާނުގެ ދަރިދަރިކަލުން ގެންނަވައިފައި ވިދާޅުވިއެވެ.
[ތިމަންކަލޭގެފާނު ތިޔަ ދަރީންނަށް ވަޞިއްޔަތެއް ކުރަމުއެވެ. ދެކަމަކަށް އަމުރު ކުރަމެވެ. ދެކަމެއް ނަހީކުރަމެވެ. މާތްﷲ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވާކަން ޤަބޫލުކޮށް އެކަމުގައި ޢަމަލުކުރުންމަތީ ދެމިތިބުމަށް ދަރިފުޅުމެންނަށް ބައްޕަ އަމުރުކުރަމެވެ. އެހެނީ ހަތްއުޑާއި ހަތްބިން ތިލަފަތެއްގެ އެއްކޮޅަށްލައި އަނެއްކޮޅަށް لا إلهَ إلّا اللهُ މި ކަލިމަ ލީނަމަ އެކަލިމަތަށް ލީފަރާތް ބަރުވާ ހުއްޓެވެ. އަދި މިކަލިމަތަކުގެ ކުރިމަތީގައި ހަތްއުޑާއި ހަތްބިން ސިފަކުރެވެނީ ކުޑަކުޑަ ބޮޅެއްގެ ސިފައިގައެވެ.
އަދި ދަރިފުޅުމެން ގިނަގިނައިން سُبحانَ اللهِ وبحَمدِه މިކަލިމަތައް ކިޔުމަށް ބައްޕަ ވަޞިއްޔަތް ކުރަމެވެ. އެކަލިމައަކީ އެންމެހައި ތަކެތި ﷲ ގެ މަތިވެރި ޒާތުފުޅާ ގުޅައިލުމުގެ ސިއްރެވެ. ޚަލްޤުތަކުންނަށް އޭގެ ސަބަބުން ރިޒްޤުދެއްވައެވެ. އަދި ދަރިފުޅުމެން މާތްﷲ އަށް ޝަރީކުރުމާއި ބޮޑާވެ ކިބުރުވެރިވުން ބައްޕާ ނަހީކުރަމެވެ.] {الألباني (ت ١٤٢٠)، السلسلة الصحيحة ١٣٤ • إسناده صحيح} މި ރިވާޔަތަކީ ޞައްޙަ ރިވާޔަތެކެވެ.
بن أبي الدنيا އޭނާގެ "الزهد" ގައި أنس بن مالك رضي الله عنه ގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ملك الموتގެފާނު، نوح عليه السّلام ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ.
[އޭ ނަބީބޭކަލުންގެ ތެރެއިން އެންމެ ޢުމުރު ދިގު ނަބިއްޔާއެވެ. ދުނިޔެ އާއި ދުނިޔޭގެ ޒީނަތްތެރިކަން ނުވަތަ ލައްޒަތާމެދު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟]
نوح عليه السّلام ވިދާޅުވިއެވެ. [ދެ ދެދޮރު ހުރި ގެޔަކަށް ވަތް މީހެއްގެ މިސާލުގައެވެ. އޭނާ އެއް ދޮރުން އެގެއަށްވަދެ އެގޭގެ މެދުގައި ހިނދުކޮޅަކު މަޑުކޮށްލިއެވެ. އެއަށްފަހު އަނެއް ދޮރުން ނިކުމެގެން ދިޔައެވެ.] { روى ابن أبي الدنيا في "الزهد" (رقم/358)}
نوح عليه السّلام އަވަހާރަވުމުން ފަސްދާނުލެވުނު ތަނެއް އެއްވެސް ޞައްޙަ ހަދީޘަކުން ޘާބިތެއްނުވެއެވެ. އެ މައުޟޫޢުގައި ވާރިދުވެގެން އައިސްފައިވަނީ ޟަޢީފު ރިވާޔަތްތަކެކެވެ. އޭގެ ތެރެއިން އެއްރިވާޔަތް މިތަނުގައި ބަޔާން ކުރަން ގަސްދުކުރަމެވެ.
عبدالرحمن بن سابط އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އަރަހުށި މާތްﷲ ރަށެއް ހަލާކުކުރައްވައިފިނަމަ އެރަށެއްގައި ހުންނެވި ނަބިއްޔަކާއި އެކަލޭގެފާނަށް އީމާންވީ މީސްތަކުން ސަލާމަތްކުރައްވައެވެ. ދެން އެނަބިއްޔާ އެމީހުންނާއިގެން މައްކާއަށް ވަޑައިގެން އެތަނުގައި ވަޒަންވެރިވެވަޑައިގަންނަވައެވެ. އެނަބިއްޔަކު އަވަހާރަވެއްޖައުމަށް ދާންދެން ހުންނަވަނީ މައްކާގައެވެ. ނޫޙުގެފާނާއި ހޫދުގެފާނާއި، ޞާލިޙުގެފާނާއި، ޝުޢައިބުގެފާނުގެ ޤަބުރުފުޅުވަނީ الرُّكن އާއި زمزم އާ ދެމެދުގައެވެ.
{الألباني (ت ١٤٢٠)، إزالة الدهش ٥١ • ضعيف مرسل}