މިއީ ފިރިހެނުން ލަދުގަންނަންޖެހޭ ކަމެއް! ކޮންމެ ގެއެއްގަ ބިދޭސީންތަކެއް ގެންގުޅެން ޖެހެނީ ކަންނެތްވެ ސުންނަތަށް ޢަމަލުނުކުރާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
މިއީ ފިރިހެނުން ލަދުގަންނަންޖެހޭ ކަމެއް! ކޮންމެ ގެއެއްގަ ބިދޭސީންތަކެއް ގެންގުޅެން ޖެހެނީ ކަންނެތްވެ ސުންނަތަށް ޢަމަލުނުކުރާތީ!

"އަޅުގަނޑުގެ ފިރިމީހާއަކީ ލަސްވެގެން ހަވީރު 4 ޖަހާއިއރު އޮފީސް ނިމޭ މީހެކެވެ. އެކަމަކު ގޭގައި ކިތަންމެ ކުޑަކުޑަ ކަމެއް ކުރަންވިޔަސް ދުވަހު މުސާރައަށް ނޫނީ ގަޑިއަށް އަގުކިޔައިގެން ބޭރުމީހަކު ގެނެސްގެން ނޫނީ ކުރެވޭ ކަމަކަށް ނުވެއެވެ. ލޮބެނީ އެހައި ބޮޑު މުސާރައެއް ނޫނެވެ. އެހެންވެ ގޭގަ ކުރަންޖެހޭ ގިނަ ކަންކަން ހުންނަނީ ނުކުރެވިއެވެ. މިޙާލަތުގައި ފިރިމީހާއަށް މިކަން ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟"

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. ފިރިމީހާ ލިޔުން ކިޔަން އެއްބަސްނުވާނަމަ ކަންފަތް ދޮށުގައި ކިޔައިދޭށެވެ. މިހާރަކަށް އައިސް އެންމެ ގިނައިން އިވޭ އެއް އަޑަކީ ގޭބިސީތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ވާހަކައެވެ. ކިރިޔާވެސް ތަނަވަސްކަމެއް ހުރިނަމަ ކޮންމެވެސް ގޮތަކުން ކޮންމެވެސް ނަމެއް ކިޔާފައި ގެނެސްގެން ބިދޭސީއަކު ގޭގައި ނުގެންގުޅެވޭނަމަ އެގެއަކީ ގެއަކަށްވެސް މިހާރަކު ނުވެއެވެ. ނަތީޖާއަކީ ގޭގައި ގެންގުޅޭ ބިދޭސީންނަށް ބޮޑެތި މުސާރަތައް ދޭންޖެހޭ ކަމެވެ.

އަނެއްބައަކު ގޭގައި ކިތަންމެ ކުޑަކުޑަ މަސައްކަތެއް ކުރަން އޮތް ނަމަވެސް އަމިއްލަ ދެއަތުން އެކަން ކުރެވޭކަމަކަށް ނުހަދައެވެ. މަގުމަތިން ހޮވައިގެން ނަމަވެސް ބިދޭސީން ގެނެސް ެމީހުންލައްވައި ނޫނީ ކުރުވޭ ކަމަކަށް ނުވެއެވެ.

ނަމަވެސް ވާހަކަ ދައްކާއިރު ދައްކަނީ ސުންނަތުގެ ވާހަކައެވެ. ސުންނަތަށް ޢަމަލުކުރުމުގެ ވާހަކައެވެ. ސުންނަތަށް އަމަލުކުރުމަކީ ހަމައެކަނި މިސްކިތަށް އަރައި ރަވާތިބް ސުންނަތް ފަދަ ސުންނަތް ނަމާދުތައް ކުރުމެއް ނޫނެވެ. ސުންނަތަށް ލޯބިކުރުމަކީ ކޮންމެ ކަމެއްގައިވެސް އެމީހަކަށް ވެވުނު ވަރަކުން ސުންނަނަތަށް ޢަމަލުކުރުމެވެ.

ވިސްނަވައިލައްވާށެވެ! ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަން އިތުރުވުމުން ގޭގައި އަމިއްލަ އަތުން އަހަރެމެންކުރާ އެއްވެސް މަސައްކަތެއް މިހާރު ނެތްއިރު އެފަދަ ހުރިހާ މަސައްކަތްޕުޅުތަކެއް އިތުރު މާތް ނަބިއްޔާ މުޙައްމަދު (ﷺ) ކުރެއްވެވީ އަމިއްލަފުޅަށެވެ. ރަސޫލް (ﷺ) އިޝާރާތްފުޅެއް ކޮށްލެއްވެވި ނަމަވެސް ހިލޭ ސާބަހަށް އެކަންކަން ކޮށްދެއްވަން ޞަޙާބީން އެދިވަޑައިގެން ތައްޔާރަށް ތިއްބެވިއިރުގައިވެސް މެއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ދިރިއުޅުއްވެވި ތަންތަނަށް ގަނޑުވަރުކޮޅު އަޅުގަނޑުމެން ކިޔަނީ އެތަންތަން ބިނާކުރެވިފައިވާ ފުރިހަމަކަމުގެ ބޮޑުކަމަކުން ނޫނެވެ. މާރބްލް ޖަހައި ޒީނަތްތެރި ކޮށްފައި ހުރެގެންނެއްވެސް ނޫނެވެ. ހަމަ އެކަނި ހިތުގައިވާ ލޯބީގެ ބޮޑުކަމުންނެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ ދިރިއުޅުއްވެވި ތަންތަނަކީ ވަރަށް އާދައިގެ ޖިފުޓިތަކެކެވެ. މަގުމައްޗަށް އެތެރެ ފެންނަ ހާލަތުގައި ހުރި ތަންތަނެވެ. އިތުރު އެކަލޭގެފާނު އެތަންތަން ބޭނުންފުޅުކުރެއްވީ ބައު ފޮތި ފަދަ ތަކެތިން ލޯވަޅުތައް ބަންދުކުރައްވައިގެންނެވެ.

މިފަދަ ހާލަތުގައި ހުންނަ ތަންތަން ބެލެހެއްޓުމަށްޓަކައި މީހަކު ކުރަންޖެހޭނެ މަސައްކަތްތައް ވިސްނައިލުން ރަނގަޅުވާނެ އެވެ. ކޮންމެ ދުވަހަކުވެސް އެފަދަ މަރާމާތުތައް ނުކޮށް ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ގެންދެވީ އެމަސައްކަތްޕުޅުތައް އަމިއްލަފުޅަށް ކުރައްވަވަމުންނެވެ.

އިތުރު މާތް ނަބިއްޔާ (ﷺ (އަކީ މުޅި އިސްލާމީ އުންމަތުގެ އެންމެ އިސްވެރިޔާއެވެ. 7 އުޑުމަތިން ވަޙީ ބާއްވަވައިލެވެމުން އައި މަތިވެރި ނަބިއްޔާއެވެ. އަދި ވެރިކަމުގެ ނިޒާމު އެއިރު އޮތްގޮތުން ފަނޑިޔާރަކީވެސް ހަމަ އެ މާތް ނަބިއްޔާއެވެ. އަބަދު ގެންދެވީ ރައްޔިތުންގެ މަޖިލިސް ކުރައްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވެސް ހަމަ އެމާތަް ނަބިއްޔާއެވެ.

މިއަދު އަޅުގަނޑުމެން ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރަމުއެވެ. ވަޒީފާ ގިނަކަމުންނާއި މަސްއޫލިއްޔަތު ބޮޑުކަމުންނެވެ. ލިބޭ މުސާރައިން ބައެއް ބިދޭސީންނަށް ދީފައި ބިޒީވެގެން މިތިބޭއިރު އިތުރު މާތް ނަބިއްޔާ (ﷺ(އާއި ގާތަކަށްވެސް އަޅުގަނޑުމެންނަށް ބިޒިވެވިދާނެހެއްޔެވެ؟ މިއީ ހަމަ އަމިއްލަ ނަފުސާއި ކޮށްލުން ވަރަށް މުހިންމު ސުވާލެކެވެ.

މިމައްސަލަތަކަށް ފުންކޮށް ވިސްނައިފިނަމަ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްޠިޞާދީ މައްސަލަތަކުގެ އިތުރުން ސީދާ އާއިލާތަކާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ހައްލުކުރެވިގެންދާނެއެވެ.

ހަމަ އެޢާއިއެކު ވިސްނައިލުން އެންމެ މުހިންމު އެއްކަމަކީ ހިލޭ ސާބަހަށް ކަންކަން ކޮށްދެއްވަވަން ޞަޙާބީން ތައްޔާރަށް ތިއްބެވިއިރުގައިވެސް ރަސޫލް ﷺ އަމިއްލަފުޅަށް އެ މަސައްކަތްޕުޅުތައް ކުރެއްވެވި ސަބަބަށެވެ. އެކަމުން އުންމަތަށް ދަސްކޮށްދެއްވެވި ފިލާވަޅަށެވެ. ރަސޫލް (ﷺ) ގެ ކޮންމެ އަމަލުފުޅަކީ އުންމަތަށް ދެއްވަވާފައިވާ ވަރަށް މަތިވެރި އިރުޝާދެކެވެ. ކިތަންމެ ބޮޑަކަށް އިތުބާރުކުރެވުނު ނަމަވެސް ގޭތެރޭގެ ކަންކަމަށް (ތިމާއަށް ކުރެވޭވަރުގެ މަސައްކަތްކުރަން) ހިލޭ ފިރިހެނުން ވެއްދުމަކީ އިތުރަށް ވިސްނައިލަންޖެހޭ ކަމަކަށް މިއޮތީވެފައެވެ. ރަސޫލް ﷺ އެކަން ނުކުރައްވަވައި އޮތުމުންނެވެ. އެނގިގެން މިދަނީ އެކަމުގައި ވަރަށް މަތިވެރި ޙިކުމަތެއްވާނެ ކަމެވެ.

 

މިއަދު އޮންލައިން