ރަމަޟާން މަސް ކައިރިވީއެވެ. މިސްކިތްތައް ފުރި ބާރުވެ މަގުމަތީގައިވެސް ނަމާދުކުރާނެއެވެ. ވީމާ މިސްކިތުގައި ސަފުހަދަންވާނީ ސަމާލުވެގެން ތިބެ ސުންނަތާއި އެއްގޮތަށެވެ. އަލަށް ނަމާދުކުރަން ފަށާބައަކުވެސް އުޅޭނެއެވެ. ވީމާ ދަސްކުރާށެވެ!
ނަމާދު ފުރިހަމަވާނީ ސަފުތައް ފުރާލައިގެންނެވެ. ނަމާދުގައި ސަފު ހެދުމަށް ރަސޫލް (ﷺ) އަންގަވައިދެއްވަވައިފައިވާ ގޮތަށް ސަފު ހެދުމުންނެވެ. ފައި އާއި ފައި (ފަޔާއި ފައި)، ކޮނޑާއި ކޮޑު ޖައްސަން އިމާމް އެ ގޮވާލަނީ އޭނާގެ އަމިއްލަ ބަހެއް ނޫނެވެ. އެއީ އެކަން ކުރަން އޮތް ގޮތެވެ. ސަފަށް ގޮވާލަން ސުންނަތުގައި އައިސްފައިވާ ގޮތެވެ.
ސަފުތަކުގައި ހުންނަ ހުސް ޖާގަތައް ފުރާމީހުންގެ އުނިކަންތައްތައް މާތް ﷲ ފުރުއްވައިދެއްވަވާނެތެވެ.
ތަރާވީސް ނަމާދު ފަދަ ބައެއް ނަމާދުތަކުގައި ބައެއް ފަހަރު ސަފުތަކުން ޖާގަ ހުސްވެއެވެ. އެއީ އެކި މީހުން އެކި ޢަދަދަށް ރަކްޢަތްކޮށްފައި ފައިބާތީއެވެ. ގިނަ ބައަކު 8 ރަކްޢަތްކޮށްފައި ފައިބާތީއެވެ!
ކޮންމެ ގޮތަކުން ނަމަވެސް ޖާގަ ހުސްވެއްޖެ ނަމަ އެޖާގަ ފުރަންޖެހޭނެއެވެ. ނަމާދަށް ހުއްޓައި ކުރިމަތިން ޖާގައެއް ހުސްވެއްޖެނަމަ އެ ޖާގަ ފުރުމަށްޓަކައި ހަރަމްބަނދެގެން ހުރެ ކުރިއަށް ދެވޭނެއެވެ. އަދި އަރިމައްޗަށް ޖެހެން ޖެހިއްޖެ ނަމަ އަރިމައްޗަށްވެސް ޖެހެވޭނެއެވެ. އަދި އެއީ ކުރަންވެސް ޖެހޭނެ ކަމެކެވެ.
ތަރާވީސް ނަމާދުގައި 8 ރަކްއަތް ކޮށްފައި ފައިބާ ބައަކު އުޅޭތީ އެމީހުން ފޭބުމުން ސަފުތަކުން ގިނަ އަދަދެއްގެ ޖާގަ ހުސްވެއެވެ. އެހާލަތުގައި އަމަލުކުރަންޖެހޭނެ ގޮތަކީ ފަހަތުގައި ތިބި ބައަކު ކުރިއަށް އަރައި ޖާގަތައް ފުރުމެވެ.
މިއަހަރުގެ ރަމަޟާން މަސްވެސް ދާދި އަވަހަށް ބައްދަލުކުރާނެއެވެ. އުންމީދު ކުރަމުން މިގެންދަނީ ތަރާވީޙް ނަމާދާއި ދަމުނަމާދުވެސް ޖަމާޢަތުގައި ކުރެވޭނެ ކަމަށެވެ! ވީމާ މިފަދަ ކަންކަން އޮޅުން ފިލުވައި ހޭލުންތެރިވުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ. އަދި މިކަމުގެ ފައިދާއަށް ނިކަން ވިސްނައިލަބަލާށެވެ. ފަށަމުން ބުނި ފަދައިން ނަމާދުގެ ސަފުތަކުގައި ހުންނަ ހުސް ޖާގަތައް ފުރާމީހުންގެ އުނިކަންތައްތައް މާތް ﷲ ފުރުއްވައިދެއްވަވާނެތެވެ. މިއީ ކޮންފަދަ މަތިވެރި ނިޢްމަތެއްތޯއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން