ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރާއިރު އަހުރެން ދެކޭ ގޮތުގައި އެންމެ މުހިންމު ކަމަކީ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތާއެކު ބައްލަވައި ވޮޑިގެންވާނެ މީހެއްގެ ގޮތުގައި ހުރުމެވެ. އެހެންކަމުން މިއީ އެންމެ ބޮޑަށް ފަރުވާތެރިވާންޖެހޭނެ ކަންތައްކަން ބަޔާންކުރައްވައި ޢިލްމުވެރިން ގެންދަވަނީ ތަފާތު ޢިބާރާތްތަކުން މިކަމުގެ ވާހަކަފުޅު ދައްކަވަމުންނެވެ.
ބަރަކާތްތެރި ރަމަޟާން މަސް އައިސް އަރައިހަމަކޮށްފިއެވެ. 10 ވަރަކަށް ދުވަހަށް ގާތްވެއްޖެއެވެ. އެހެންވީމާ މިހާރު އެއޮތީ އަތްދަމައިލުމުން އަތްފޯރާފަށުގައެވެ. ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރާނީ ވީހައި ގިނަ ހެޔޮ ޢަމަލުތައް ރަމަޟާން މަހުގައި ކުރުމަށެވެ.
ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ﷲ ތަޢާލާ ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައިދެއްވަވަތެވެ. އަދި އެމަސް ނިމެންދެން ސުވަރުގޭގެ ދޮރުކޮޅުތައް ބަންދު ނުކުރައްވަވައި ބަހައްޓަވަތެވެ. ވީމާ ލިބިގެން އެދާ ފުރުޞަތުގައި ސުވަރުގޭގެ ދޮރުކޮޅަކުން ވަންނަން ބޭނުންނުވާނެ ހަމައެންމެ މުސްލިމަކުވެސް ނުހުންނާނެތެވެ.
އެހެންކަމަށްވާއިރު ސަމާލުކަންދޭންޖެހޭ ވަރަށް ބޮޑުކަމެއް އެބައޮތެވެ. އެއީ ތިބާއަކީ ތިބާ ކުރާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ބައްލަވައި ނުލައްވަވައިފާނެ މީހަކުކަމުގައިވެދާނެކަމަށްޓަކައެވެ. އެފަދަ މީހަކަށް ވެއްޖެނަމަ އޮތީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟
ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ތިބާގެ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލޭކަމާއި ދެ މީހެއްގެ ޢަމަލުގެ ފަތަށް ﷲ ތަޢާލާ ބައްލަވައިވެސް ނުލައްވަވައި ބާއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ ރުޅިވެރިކަމުގައި ވާހަކަ ނުދައްކައި ތިބޭ މީހުންނެވެ. ހަސަދަލައި މޫނު ކުރިމަތިނުކުރާ މީހުންނެވެ. އެދެމީހުން އެކަން އިޞްލާޙްކުރަންދެން އެމީހުންގެ ފަތަށް ބައްލަވައިލެއްވެވުން މަޑުކުރައްވަވާނެކަން އޮތީ ޙަދީޘްފުޅުން އެނގޭށެވެ.
ވީމާ ރަމަމާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފުރަތަމަ ޢަމަލުތަކުގެ ތެރޭގައި ތިމާއަކީ އެފަދަ މީހަކު ނުވުން ހިމެނެއެވެ. އެއްވެސް މީހަކާއި ރުޅިވެރިކަން ނުބާއްވައި ހިތްހެޔޮކުރުން އެބަހިމެނެއެވެ. މިހާރު އެފަދަ މީހަކު ހުރިނަމަ އަވަހަށް ދެމީހުން ބައްދަލުކޮށް އެކަމެއް ޙައްލުނުކޮށް ތިމާ ރޯދަމަހު ކުރާ އަޅުކަމަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގަތުމަށް އުންމީދުކުރާނީވެސް ކިހިނަކުން ހެއްޔެވެ؟
ހަމަ އެއާއިއެކު ވިސްނައިލަންވީ ކަމަކީ ތިމާގެ ސަބަބުން ތިމާކުރާ އަޅުކަމަށް ﷲ ތަޢާލާ ބައްލަވައި ނުލައްވަވާނެ ނަމަ އެފަދަ ޙާލަތުގައި ތިމާކުރާ ދުޢާއަށް ވާނެ ގޮތެކެވެ. އެދުޢާގެ އަޑު ﷲ ތަޢާލާ އައްސަވައިވޮޑިގެންވާނެ ގޮތަކާއިމެދުގައެވެ.
މިހިރީ އާދައިގެ ކަންކަމެއް ނޫނެވެ. ރަމަޟާން މަހަށް ޚާއްޞަގޮތެއްގައި ސަމާލުކަންދޭންޖެހޭއިރު އަހަރުގެ ކޮންމެ ދުވަހެއްގައިވެސް މިކަންކަމަށް ސަމާލުކަން ނުދީ ތިބެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން