ބައިވެރިޔާގެ ވާހަކަ ދައްކައިގެން އެހެން މީހުންގެ ލޯބި ހޯދަން އުޅުމަކީ ބައިވެރިޔާގެ މުޅަމަސް ކެއުން- އެއީ ގޮތްހުސްވެފައިވާ ފިނޑިއަކު ނޫނީ ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ބައިވެރިޔާގެ ވާހަކަ ދައްކައިގެން އެހެން މީހުންގެ ލޯބި ހޯދަން އުޅުމަކީ ބައިވެރިޔާގެ މުޅަމަސް ކެއުން- އެއީ ގޮތްހުސްވެފައިވާ ފިނޑިއަކު ނޫނީ ކުރާނެ ކަމެއް ނޫން!

"އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ގިނައިން ދޮގުހަދާ މީހެކެވެ. ބޮޑުކަމެއް ކުޑަކަމެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް ފުރަތަމަ ހަދާނީ ދޮގެކެވެ. ތެދެއް ބުނާނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. ނަޞޭޙަތް ދީދީވެސް އިޞްލާޙްނުކުރުމުން އެޙާލުގައި 3 އަހަރު އުޅެފައި ކެތް ނުކުރެވިގެން ވަރިވީއެވެ. ވަރިވިފަހުން އޭނާގެ މަސައްކަތަކީ އަޅުގަނޑާއިމެދު ދޮގުހަދަމުން ހިނގުމާއި އެކުގައި އުޅުނުއިރު އަޅުގަނޑުގެ ކިބައިން ފެނުނު ކުދިކުށްތައް އެތައް ގުނައަކަށް ބޮޑުކޮށްގެން ވާހަކަދެއްކުމެވެ. އޭނާ އާއި ރައްޓެހިވެދާނެހެން ހީވާހައި އަންހެނުންގެ ގާތުގައި އަޅުގަނޑުގެ އެފަދަ ވާހަކަތައް އެބަ ދައްކައެވެ. މިއީ ހަމަ ހުއްދަ ކަމެއްތޯއެވެ؟"  

ކިޔުންތެރިޔާގެ ކަންބޮޑުވުމަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

އެހެން މީހެއްގެ ލޯބި ހޯދަން ތިމާގެ ބައިވެރިޔާގެ ނުބައި ވާހަކަ ދެއްކޭނަމަ އެކަން އެކުރެވެނީ ތިމާގެ ހިތަށް ޖެހިފައިވާ ވަރަށް ނުބައި ބައްޔެއްގެ ސަބަބުންނެވެ. އެބަލީގެ ޝިކާރައަކަށްވާ މީހުންގެ ޙަޔާތް ދާދި އަވަހަށް ބަރުބާދުވެގެންދާނެއެވެ. އެހެނީ ހެދޭ ދޮގުތައް އިސާހިތަކު އަރައި ތިމާއާއި ހަމަކުރާނެއެވެ!  

ބައިވެރިޔާ ޢާއިމެދު ތެދުވާހަކަވެސް ދައްކަންޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ތަޢްރީފްކުރުމުގެ ގޮތުން އެކަންޏެވެ. އެހެނީ ދެމަފިރިންގެ މެދުގައި ހުންނަ ކަންކަން އެއީ ޙަޔާތުގެ ސިއްރެވެ. ކޮންމެ ކޮންމެ މީހަކަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. ކިޔައިދީގެންވެސް ނުވާނެއެވެ. އެއީ ކުރެވޭ ބޮޑުފާފައެކެވެ.

ދެމަފިރިން ވެސް ވާންޖެހޭނީ އެކަކު އަނެކަކަށް ފޭރާމަކަށްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. "---އެކަނބަލުންނީ ތިއަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިއަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ.—" (އަލްބަޤަރާ: 187)  

ފޭރާން ޢިލްމްވެރިން ވަރަށް ފުޅައުދާއިރާއެއްގައި މާނަކުރައްވައެވެ. އެއިގެ ތެރެއިން ދެ މާނައެއް ފާހަގަކޮށްލާނަމެވެ. އެއް މާނައަކީ ޒީނަތްތެރިކޮށްދޭ އެއްޗެކެވެ. ވީމާ ވާންޖެހޭނީ ބައިވެރިޔާގެ ކަންކަން ﷲ ތަޢާލާ ހުއްދަކުރެއްވެވި އިންތަކުގެ ތެރެއިން ޒީނަތްތެރިކޮށްދޭ މީހަކަށެވެ. ދެވަނަ މާނައަކީ ފިނިހޫނުންނާއި ނުރައްކަލުން ރައްކަތެރިކޮށްދޭ އެއްޗެކެވެ. ވީމާ ވާންޖެހޭނީ އަނެކާއަށް ރައްކައުތެރިކަން ފޯރުކޮށްދޭ މީހަކަށެވެ.

ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުމަކީ މިފަދަ ބަދަހިގުޅުމެކެވެ. ވީމާ ދެމަފިރިންގެ ގުޅުމުގެ ކޮންމެ ކަމަކީވެސް ދެމަފިރިންގެ މެދުގައި ވަރަށް ބޮޑު ސިއްރަކަށް ހަދަންޖެހޭނެއެވެ. އުފާވެރިކަމުގައި ދިރިއުޅުނު ނަމަވެސް އަދި މައްސަލަޖެހިގެން އުޅޭއިރުވެސްމެއެވެ. ދެމަފިރިން ދުރުވާންޖެހިގެން ދުރުވެއްޖެނަމަ ވަކިން ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ.

ބައިވެރިޔާގެ ވާހަކަތައް ދައްކާނަމަ، ޚާއްޞަކޮށް ބައިވެރިޔާ އާއިމެދު ދޮގުހެދޭނަމަ އެއީ ވަރަށް ފިނޑި އަމަލެކެވެ. އަދި ކީއްހެއްޔެވެ؟ އެމީހަކު އެވަނީ މުޅިން ފޭލްވެފައެވެ. ދިރިއުޅުމުގެ ހަނގުރާމައިގައި މުޅިން ބަލިވެފައެވެ. ހުރިހާ ހަތިޔާރުތަކެއް ހުސްވެ ހުސްއަތަށްވެފައެވެ.  

މިވާހަކަކޮޅު ނިޞްބަތްމިކުރީ ވަކިމީހަކަށް ނޫނެވެ. ދެމަފިރިންނަށެވެ. ދެމަފިރންކުރެ ކޮންމެ މީހަކުވެސް ސަމާލުކަން ދިނުމަށެވެ. އެހެން މީހުންގެ ހަމްދަރުދީ ހޯދަންޖެހޭނީ އަދި ލޯބި ހޯދަންވެސް ޖެހޭނީ ބައިވެރިޔާ ނުވަތަ އިނދެވަރިކުރިމީހާ ނުވަތަ ވަރިވިމީހާ ކަތިލައިގެނެއް ނޫނެވެ. އޭނާ ދިރިހުއްޓައި އޭނާގެ މުޅަ މަސް ކައިގެނެއް ނޫނެވެ. ތިމާގެ ކިބައިގައިވާ ރަނގަޅު ސިފަތައް ދައްކައިދީގެންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން