ރަމަޟާން މަސް ކައިރިވާންސުރެ އެންމެ ގިނައިން ދެވޭ އެއް ނަޞޭޙަތަކީ ހިތުން ޙަސަދަވެރިކަން ފިލުވާލައި ހިތްތައް ޠޯހިރުކުރުމެވެ. ހިތް ޠޯހިރު ނުކުރެވި ހިފާ ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ.
ވީމާ އެއްވެސް މީހަކަށް ތިމާގެ ހިތުގައި ޙަސަދަވެރިކަން އޮތްތޯ ބަލައި އޮތްނަމަ އެކަން ހިތުން ފުހެލައި ހިތް ސާފުކުރަން އެބަޖެހެއެވެ. ވިސްނައިލާށެވެ! އެއްވެސް މީހަކު ފެނުމުން ފޫހިވެ އުނދަގޫވޭހެއްޔެވެ؟ އެއްވެސް މީހަކަށް ނަފްރަތު ކުރެވޭ ހެއްޔެވެ؟ އެމީހަކަށް ދެރަގޮތްވުމަށް އެދެވޭ ހެއްޔެވެ؟ އެމީހަކަށް ކުރިއެރުމާ ކާމިޔާބު ނުލިބުމަށް އެދެވޭ ހެއްޔެވެ؟
މީހަކާއިމެދު މިފަދަ އެއްވެސް ކަމެއް ހިތަށް ވަންނަނަމަ ތިމާއަށް އެހުރެވެނީ އެމީހަކަށް ހަސަދަވެރިވެވިގެންނެވެ. އެދެވެނީ ހަސަދަވެރިވުމުގެ ފާފަ ކުރެވެމުންނެވެ. މީހަކާއިމެދު ތިބާގެ ހިތަށް މިފަދަ އެއްވެސް ކަމެއް އަރާނަމަ އަވަހަށް އެކަމުން ސަލާމަތްވާށެވެ! ފާފަވެރިވުމާއި ދުރުހެލިވާށެވެ! ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވާށެވެ!
އަބަދުވެސް ބުނާފަދައިން އެއްވެސް މީހަކު ނުބައި ޢަމަލެއް ކުރާނަމަ އެކަމަށް ރުޅި އައުމަކީ ތަފާތުކަމެކެވެ. މީހަކު ނުބައި އަމަލެއް ކުރާނަމަ އެކަމަކަށް ތާއީދުކޮށްގެންވެސް ނުވާނެއެވެ. ތާއީދުކޮށްފިނަމަ އެއީ އެކަމުގައި ބައިވެރިވުމެވެ.
ހަމައެއާއިއެކު ނުބައި ޢަމަލުތައް ކުރާނަމަ އެކުވެރިންގެ ތެރޭގައި އެމީހަކު ނުގެންގުޅޭށެވެ. އެމީހަކީ އެކުވެރިއެއް ކަމަށް ބަލައި ގުޅުން ބަދަހިކުރަންވާނީ އެމީހަކު އެކުރާ ނުބައި ޢަމަލު ކުރުން ހުއްޓައިލުމުންނެވެ. އަދި އެމީހަކާއި ދުރުހެލިވާންވާނީ އެމީހަކަށް ނަޞޭޙަތް ދިނުމުންވެސް އިޞްލާޙް ނުވި ނަމައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން