ބަލިވެދާނެތީ، ބަލިވުމުން މަރުވެދާނެތީ ކަންބޮޑުނުވެ ހުރެވެން އެބައޮތެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބަލިވެދާނެތީ، ބަލިވުމުން މަރުވެދާނެތީ ކަންބޮޑުނުވެ ހުރެވެން އެބައޮތެއެވެ!

ކިތަންމެ ބަލިބޮޑުވި ނަމަވެސް ކިތަންމެ ގިނަ ދުވަހަކު ބަލިޙާލުގައި އުޅެންޖެހުނަސް މުއުމިނުން ހިތާމައެއް ނުކުރާއޭ ބުނީމާ ބައެއް މީހުން އެބަ ކަންބޮޑުވެއެވެ. ފަހަތުން ވިއްދައިގެން އެބަ ސުވާލުކުރެއެވެ. "މުއުމިނަކު ނަމަ ގައިގައި ވޭން ނުއަޅާނީ ހެއްޔެވެ؟" 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަލިވުމުން ގައިގައި ވޭން ނުއަލާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ވޭން އަޅާނީ އެކިބަލީގައި އެކިވަރަށެވެ. އެކި ޢުމުރުގައިވެސް އެކިވަރަށެވެ. ވޭން އެޅިނަމަވެސް މުއްމިނުން ތިބޭނީ އުފަލުންނެވެ. ސަބަބަކީ ކިތަންމެ ބަލިޙާލުގައި އޮންނަން ޖެހުނަސް މުއުމިނުންނަށް 2 ކަމެއް ޔަޤީންވާނެއެވެ. އެއްކަމަކީ ތިމާއަށް ޝިފާދެއްވަވާނެކަމެވެ. ދެވަނަ ކަމަކީ ޝިފާ ނުދެއްވެވިނަމަ މަރުވުމުން ސުވަރުގެ ވައްދަވާނެ ކަމެވެ. 

މީސްތަކުންނޭވެ! މިކަމުގެ އަޞްލުފެށެނީ އަދި މާދުރުންނެވެ. އެއީ މަރާއިމެދު ކަންބޮޑުނުވާ ހިސާބުންނެވެ. މިޘާލަކަށް ބުނާނަމަ މުއްމިނުން މަރުވެދާނެ ކަމަށް ބިރެއް ނުގަންނާނެއެވެ. ޖެހިލުމެއްވެސް ނުވާނެއެވެ. ސަބަބަކީ ފުރާނަ ހިއްޕެވުމަށްފަހު މަލާއިކަތުން  ތިމާގެ ފުރާނަ ފުރަތަމަވެސް ގެންދަވާނީ ﷲ ތަޢާލާގެ ޙަޟްރަތަށްކަން އެނގޭނެއެވެ. އަދި ފުރާނަ ގެންދެވުމުން ﷲ ތަޢާލާ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެކަން ޤަބޫލުކުރެވޭނެއެވެ. ތިމާގެ ފުރާނަ ބިމަށް ގެނެވި ކައްވަޅުގައި އޮންނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ހެޔޮރަޙްމަތްފުޅު ލިބިގެންކަންވެސް ޤަބޫލުކުރެވޭނެއެވެ. 

އަދި ކީއްހެއްޔެވެ؟ ތިމާ ދުނިޔެ ދޫކޮށް، ޢާއިލާ އާއި ހުރިހާ އެކުވެރިން ދޫކޮށް މިދަނީ އެންމެ ދީލަތިވަންތަ، އެންމެ އޯގާތެރިވަންތަ ﷲ ތަޢާލާގެ ޙަޟްރަތަށްކަން ޤަބޫލުކުރެވޭނެއެވެ. ދެން ނިކަން ބުނެބަލާށެވެ. އެފަދަ މީހަކު މަރުވެދާނެތީ ހިތާމަކުރަންވީ ކީއްވެގެން ހެއްޔެވެ؟ 

ބަލިވެދާނެތީ ނުވަތަ ބަލިވުމުން މަރުވެދާނެތީ ބިރުން ތެޅިފޮޅެވެނީ އެމީހަކަށް ދުނިޔޭގައި އުޅެވިފައިވާ ގޮތުން ތިމާ މަރުވެއްޖެނަމަ ﷲ ތަޢާލާގެ ރަޙްމަތް ލިބޭނެކަމުގެ އުންމީދުވެސް ނުއޮންނާތީއެވެ. ޝިފާ ލިބުމުން ހެޔޮ އަމަލުތައްކޮށް ރަނގަޅު ގޮތުގައި އުޅެން ބޭނުންވާ ބައަކުވެސް ތިބޭނެއެވެ. އެހެނަސް ބުއްދިވެރިންގެ ގޮތަކީ ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެ ކަމަށް ތައްޔާރުވެގެން ހުރުމެވެ. އެއިރުން މަރުވެދާނެތީ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން