ރޯދަމަހަކީ އެންމެ ޚަރަދު ބޮޑު މަހެވެ. އެންމެ ފަޤީރު މީހާވެސް އޭނާގެ އަނބިދަރިންނަށް ވީހައި މީރުކޮށް ކާންދޭން ބޭނުންވާނެއެވެ. އަތުގައި ހުރި ފައިސާކޮޅު މަދު ނަމަވެސް ދަރިންގެ ކެއުމަށް ވީހައި ރަނގަޅު، އެކުދިންނަށް މީރު ތަކެތި ޙޯދައިދޭން ބޭނުންވާނެއެވެ.
ވީމާ ކާބޯތަކެތި ވީހައި ހެޔޮ އަގުގައި ވިއްކުމަކީ އެކަމުގެ ފައިދާ އެންމެ ނިކަމެތި މީހާއަށްވެސް ކުރާނެ ކަމެކެވެ. އެހެންކަމާއިއެކުވެސް އެކަންކަމަށް ވިސްނާ ނުލައި މުދަލުގެ އަގުތައް އުފުލާ ބައަކުވެސް އުޅެއެވެ.
އެހެންކަމުން ހަނދުމަ އައުކޮށްލަދޭނަމެވެ!
ކޮންމެ އަހަރަކުވެސް ރަމަޟާން މަސް ފެށުމާއިއެކު ޢާންމު ގޮތެއްގައި ބާޒާރުގައި މުދަލުގެ އަގުތައް އުފުލާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. މިއީ މުސްލިމުން އެކަންކުރަން އޮތް ގޮތެއް ނޫނެވެ. މުސްލިމުންނަށް އޮތީ އަގުތައް ވީހައި ހެޔޮކޮށް ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށްދީ އެކަމަށް ﷲ ތަޢާލާ ދެއްވަވާ ދަރުމަ އާއި ރަޙްމަތް ލިބިގަތުމަށް މަސައްކަތްކުރުމެވެ.
ގިނަ ވިޔަފާރިވެރިން މުދަލުގެ ޚާއްޞަކޮށް ކާބޯތަކެތީގެ އަގުތައް އުފުލިނަމަވެސް އެގޮތަށް ޢަމަލުނުކުރާ ވިޔަފާރިވެރިންވެސް ތިބެއެވެ. އެގޮތުން މިއަހަރު ވެސް އުފަންވެލި ޝޮޕްތަކުންނާއި ރެޑްވޭވް ފިހާރަތައް ފަދަ ބޮޑެތި ބައެއް ފިހާރަތަކުން ވަނީ ރަމަޟާންމަހު ވީހައި ހެޔޮ އަގުގައި ކާބޯތަކެތީގެ ބާވަތްތައް ވިއްކާނެކަމުގެ ޔަޤިންކަންދީ އަދި މިހާރުވެސް ވިއްކަން ފަށާފައިކަންވެސް ފާހަގަކުރެވެއެވެ.
ރޯދަމަސް ފެށެން އެންމެ ހަފްތާއަކަށް ގާތްވީއެވެ. ރޯދަ މަސް ފެށުމާއިއެކު އަސާސީ ބައެއް މުދަލުގެ އަގުތައްވެސް ކޮންމެ ރޯދަމަހަކުވެސް އުފުލައެވެ. އެހެންކަމުން "ވިޔަފާރީގަ ތެދުވެރިނުވާނަމަ ރައްޔިތުންނަށް އަނިޔާވެރިވެ ފިއްތުންތައް އިތުރުކުރާނެ ވެރިން މުސްލިމް ޤައުމުތަކަށްވެސް މިންވަރު ކުރައްވަވާނެ!" މައުޟޫއަށް ޝައިޚް ޝުޢައިބު ދެއްވާފައިވާ މި ދަރުސް ގެނެސްމިދެނީ މިކަމުގެ މުހިންމުކަން ބޮޑުކަމުން ހަނދުމަކޮށްދިނުމުގެ ގޮތުންނެވެ.
ވިޔަފާރީގައި ތެދުވެރި ނުވެ މަކަރު ހަދާނަމަ އެބައަކަށް މާތް ﷲ މިންވަރުފުޅު ކުރައްވަވާ ވެރިންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެންދާނެ އެވެ. ބޮޑެތި ޓެކްސްތައް ނަގައި ރައްޔިތުންނަށް ނުއުފުލޭނެ ގިނަ މުޞީބާތްތައް ކުރިމަތިކުރުވާނެ އެވެ. އެކަންކަމުގެ ސަބަބުން ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ އެވެ. "ހަމައެކަނި ކާފަރު ޤައުމުތަކަކަށް ނޫން އެފަދަ ވެރިން މިންވަރުފުޅު ކުރައްވަވަނީ. މުސްލިމްް ޤައުމުތަކަށްވެސް މިންވަރުކުރައްވަވާ ކުރައްވަވާ."
ވިޔަފާރީގައި މަކަރުހަދާނަމަ އެބައެއްގެ މައްޗަށް ގިނަ ގުނަވެގެންވާ ބޮޑެތި މުޞީބާތަތްތައް ފޮނުއްވަވާނެ އެވެ. އެގޮތުން ރައްޔިތުންގެ އަތުން ބޮޑެތި ޓެކްސްތައް ނަގައި އެބައަކަށް އިތުރަށް ދަތިތައް ކުރިމަތިކުރުވާނެ ވެރިއަކުވެސް މާތްﷲ ފޮނުއްވަވާނެތެވެ.
މުދަލުގެ އަގުތައް އުފުލަމުން ގެންދިއުމަކީ ވެސް މިނެކިރުމުން މަކަރުހެދުން ފަދައިން ވިޔަފާރީގައި މާތްﷲ ނަހީކުރައްވަވާފައިވާ ކަމެކެވެ. މުދަލުގެ އަގުތައް އުފުލުމަކީ މީސްތަކުންނަށް ލިބޭ އިތުރު ނިކަމެތިކަމެއް ކަމަށާއި މީސްތަކުންނަށް ނިކަމެތިކަން ލިބޭ ކަންކަމަކީ މާތްﷲ ނުރުއްސަވާ ކަންކަމެވެ. މުދަލުގެ އަގުތައް އުފުލުނީމާ އެކަމުގެ ދަތިތައް އިހްސާސްކުރާ ބައަކީ ނިކަމެތި ރައްޔިތުންނެވެ. ވީމާ މުދަލެއްގެ އަގު އުފުލަންޖެހޭނީ ދެން އެހެން ގޮތެއް ނެތިގެންނެވެ.
ވިޔަފާރީގައި މަކަރު ހެދުމަކީ ރައްޔިތުން ނިކަމެތިވަމުން ދާނެ ސަބަބެކެވެ. އަދި އެކަން ޢާންމުވެ ބައެއް މުޖުތަމައުތަކުގައި ތަކެތި ގަންނަންދާ މީހާއަށް، ވިއްކާ މީހާ މަކަރުހަދާނެކަން ކަނޑައެޅިގެން އެނގޭއިރުވެސް ވިޔަފާރިކުރަންދަނީ އެކަމަށް ރުހި ޤަބޫލުވެގެންނެވެ. މަކަރު ހެދުމަކީ ވެސް އަދި އެކަމަށް ރުހި ޤަބޫލުވުމަކީ ﷲ ތަޢާލާ ހަރާމް ކުރައްވަވާފައިވާ ކަންކަމެވެ.
- ޝައިޚް އަޙްމަދު ޝުޢައިބްގެ ދަރުސަކުން