ލޮބުވެތި ފިރިންނޭވެ! އަނބިމީހާ ނަމާދުކުރަންވެގެން، ނުކެއްކި ހުރިނަމަ އޮތީ ރުޅިއައުމެއް ނޫން! އުފާކުރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ލޮބުވެތި ފިރިންނޭވެ! އަނބިމީހާ ނަމާދުކުރަންވެގެން، ނުކެއްކި ހުރިނަމަ އޮތީ ރުޅިއައުމެއް ނޫން! އުފާކުރުން!: މުފްތީ މެންކް

އަނބިންވެސް ފިރިންވެސް މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ! ދިރިއުޅުމުގެ ތެރެއިން ހޯދެންހުރި ޘަވާބު ހޯދޭނީ އެއިރުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީވެސް އެއިރުންނެވެ. އިން ޝާ ﷲ

ފިރިމީހާ ގެއަށް އަންނަންވާއިރަށް ކެއްކުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް އެންމެ މުހިންމީ ވަގުތު ޖެހުމުން ނަމާދު ކުރުމެވެ. ނަމާދު ވަގުތު ޖެހުމުން އެއަށްވުރެ ވަކިން މުހިންމުކަންބޮޑު އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ.

ގިނަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވަނީ ފިރިންގެ ސަބަބުންނެވެ. ގެއަށް ވަންނައިރު ކެއުން ތައްޔާރަށް ނެތްނަމަ ސިންގާއެއް ފަދައިން އަނބިންނާއި ދިމާއަށް ފުންމައި ގަންނާތީ އެކަމަށް ބިރުގަންނަވަރުންނެވެ.

ފިރިންނޭވެ! އެހެން ނުހަދާށެވެ! އަނބިންނަށް ނަމާދުކުރާނެ ފުރުޞަތު ދިނުމަކީ ތިއަބައިމީހުންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބެވެ. އެއީ ތިއަބައި މީހުންނާއި ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެ ކަމެކެވެ.

ތިބާ ގެއަށް ދިއައީ ވަރަށް ބަނޑުހައި ވެގެންހުރެ ކަމަށްވެދާނެއެވެ. ގެއަށް ވަންނައިރު ކާން ހެދިފައި ނެތް ނަމަވެސް ރުޅި އިސް ނުކުރާށެވެ! އަނބިމީހާ ހުރީ ނަމާދުކުރަން ނަމަ ނުވަތަ ޖެއްކުން ލަސްވީ ނަމާދުކުރަންނަމަ އެކަމަށްޓަކައި އުފާކުރާށެވެ! އެކަމަށް ހިތްވަރުދޭށެވެ.

މާބޮޑަށް ބަނޑުހައިވެގެން ހުރިނަމަ ބިސްމިﷲ ކިޔައި ބިސްކޯދެއް، ޕާންފޮތްޗެއް ފަދަ އެވަގުތަކު ލިބެން އޮތްއެއްޗެއް ކައިލުމަށްފަހު ބައިތަށި ފެން ބޯލި ނަމަވެސް އެވަގުތަށް ފުދޭނެއެވެ!

ކާން ނުހަދައި ސިރީޒް ބަލަން އިންނަމަ އެއީ ތަފާތު މައްސަލައެކެވެ. އެހާލަތުގައިވެސް ޓީވީ ތަޅައިނުލާށެވެ! އައު ޓީވީ ގަންނަން ޖެހޭނީ ވެސް ހަމަ ތިބާއަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން ލޮބުވެތި ކަނބަލުންނޭވެ! ނަމާދަށް ބަންގި ގޮވީމާ ކައްކަން ބަދިގޭގައި ނުތިބޭށެވެ. ނުވަތަ އެހެން މަސައްކަތެއް ކުރަންވެސް ނުތިބޭށެވެ. ސީރީޒް ބެލުން، ފިލްމްބެލުން، ޗެޓްކުރުން ފަދަ ކަންކަމުގައި އެއްގޮތަކަށްވެސް ތިބެގެން ނުވާނެއެވެ! އަވަހަށް ނަމާދުކުރަން މަސައްކަތް ކުރާށެވެ. ނަމާދު ކުރުމަށްފަހު މަސައްކަތާއިގެން ކުރިއަށްދާށެވެ. ނޫން ނަމަ ގިނަ ފަހަރަށް އޮންނާނީ ނަމާދު ނުކުރެވި އުޅެނިކޮށް ވަގުތު ފާއިތުވެފައެވެ. ގިނަ އަންހެނުންނަށް ވަގުތުގައި ނަމާދު ނުކުރެވެނީ "މިކަން ނިންމާލާފައި" ކުރަން މަޑުކުރާތީއެވެ. ކުރަން ހުންނަ މަސައްކަތްތައް ދުވަހަކުވެސް ނުނިމޭނެއެވެ. ނަމަވެސް ގަޑި ހިނގާވަރަކުން ނުވަތަ އިރު ދައުރުކުރާވަރަކުން ނަމާދު ވަގުތުތައް ދާނީ ފާއިތުވަމުންނެވެ. ގިނަ އަންހެނުން ދޭ މައުލޫމާތުން އެނގެނީ ނަމާދުކުރަން ސަމާލުކަންދޭނަމަ ކުރަން ހުންނަ އެހެންކަން ވަގުތަށް ކުރަން ފަސޭހަވެ މަގުފަހިވާކަމެވެ. ފުރަތަމަކަށް ނަމާދުކުރާނަމަ ކުރަން ދެން ހުންނަ ކަންކަން ކުރަން ބުރަ ނުވާކަމެވެ. އެއީ އެކަންވާނެވެސް ގޮތެވެ! ނަމާދުކުރަން އިސްކަންދޭނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. އެކަމުގެ ސަބަބުން ތިމާއަށް ހުރިހާ ގޮތަކުންވެސް ފައިދާކުރާނެއެވެ! އިން ޝާ ﷲ އަނބިމީހާ ނަމާދުކުރަންވެގެން، ކުރަންޖެހޭ ކަމެއް ނުކުރެވި ހުރުމުން އަންނަވީ ރުޅިއެއް ނޫނެވެ! އުފާކުރާށެވެ! އެހެނީ އޭނާ އެ މަސައްކަތްކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ! އޭނާއަށާއި ޢާއިލާއަށް ރަޙްމަތް އިތުރުކުރައްވަވައި ދެއްވެވުން އެދިއެވެ. --މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން