ބިރުވެތިވޭ! އަޅުކަންކުރަން ވަގުތު ނުލިބޭކަމަށް ބުނާ މީހުންނަކީ މުނާފިޤުން ކަމުގައިވެދާނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބިރުވެތިވޭ! އަޅުކަންކުރަން ވަގުތު ނުލިބޭކަމަށް ބުނާ މީހުންނަކީ މުނާފިޤުން ކަމުގައިވެދާނެ!: ޝައިޚް އަބޫބަކުރު ޒައުދު

މިއަހަރުގެ ރަމަޟާން މަސްވެސް އައިސް ޖެހުނީއެވެ. ގިނަ ބައަކު ކޮންމެ ގޮތަކުން ނަމަވެސް ވަޤުތު ހޯދައިގެން އަޅުކަން ކުރާނެއެވެ. އެހެންކަމާއިއެކުވެސް އަޅުކަން ނުކޮށްފައި ބިޒީކަމުން ކަމަށް ބުނާނެ ބައަކުވެސް އުޅޭނެއެވެ.

ބައެއް މީހުންނަކީ އެމީހުންނަށް ފައިދާ ނުކުރާނެ ކަންކަން ކުރަން ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަކުރާ ބައެކެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަން އެތައް ގަޑިއިރެއް ހޭދަކުރާ ބައެކެވެ. ނަމަވެސް އެބަ ބުނެއެވެ. "ކީރިތި ޤުރްއާން ނުކިޔެވެނީ ވަގުތު ނުލިބޭތީއެވެ!"

މިބުނާ މީހުންނަކީ ސޯޝަލް މީޑިއާގައާއި ގޭމްކުޅުމަށާއި ކުޅިވަރުކުޅުމަށާއި ފިލްމްބެލުމަށާއި ކޮފީމޭޒުތަކުގައާއި އަދި އެނޫންވެސް އެމީހަކަށް އެއްވެސް ޙަޤީޤީ ފައިދާއެއް ނުކުރާނެ ކަންކަމުގައި ކޮންމެ ދުވަހަކު އެތައް ގަޑިއިރަށް ހޭދަކުރާ މީހުންނެވެ. އެމީހުންނާއި އަހަރެން ކުރަން ބޭނުންާ ސުވާލަކީ އެކަންކަން ކުރަން ވަގުތު ހޯދީ ކޮން ގޮތަކުންހެއްޔެވެ؟

ވަގުތަކީވެސް ﷲ ތަޢާލާގެ މަޚްލޫޤެކެވެ. ﷲ ތަޢާލާ ތިބާއަށް ވަގުތު ދެއްވެވުމުން އެއިގެ ބޭނުން ނުބައި ގޮތުގައި ހިފުމަށްފަހު ވަގުތު ނުލިބޭކަމަށް ބުނުމަކީ ﷲ ތަޢާލާއަށް ހެދޭ ވަރަށް ބޮޑު ދޮގެކެވެ. އެެފަދަ ދޮގުތައް ހަދާ މީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ލިބުމަށް އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟

އަދި ކީއްހެއްޔެވެ؟ މިފަދަ ބޮޑެތި ދޮގުތައް ހެދުމަކީ މުނާފިޤުންގެ ސިފައެކެވެ. ވީއިރު އެފަދަ މީހުން ޤިޔާމަތްދުވަހު ﷲ ތަޢާލާ އާއި ކުރިމަތިލާނީވެސް ކިހިނަކުން ހެއްޔެވެ؟

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އައިސް ޖެހުނީއެވެ. މިފަދަ ބޮޑެތި ދޮގުތައް ހަދައި ބަހަނާތައް ދެއްކުން އަވަހަށް ހުއްޓައިލާށެވެ! ވަގުތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން އާދަކުރުމުގެ މަސައްކަތް އަވަހަށް ފަށާށެވެ!

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން