ރޯދަމަސް ފެށެނީއެވެ. މައިންބަފައިން އެކުގައި ދިރިނުއުޅޭ ޢާއިލާތައް މަދެއް ނުވާނެއެވެ. ކޮންމެ މީހަކުވެސް ކޮންމެހެން އެހީތެރިވާންޖެހޭ ޢާއިލީ ބައަކުވެސް ތިބޭނެއެވެ. އަދި ދޫކޮށްލެވިފައިވާ ދަރިންވެސް ތިބޭނެއެވެ. އެހެންކަމުން ސުވާލަކީ ރަމަމާން ަމސް އައިސް ޖެހުނުއިރު އެމީހުން ތިބި ޙާލެއް ބަލައިފިންހެއްޔެވެ؟ އެހީތެރިވެއްޖައިން ހެއްޔެވެ؟
ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ވާޖިބަކަށްވާން ޖެހޭނީ އެމީހަކާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތުތައް އަދާކުރުމެވެ. އެކަންކަން ފުރިހމަ ނުކުރެވިއްޖެނަމަ އެމީހަކު ފާފަވެރިވާނެއެވެ. ނަމަވެސް އެހެން މީހަކަށް ކުރަންޖެހޭ ކަމެއް އޭނާ ނުކުރުމަކުން އަނެކާ ފާފަވެރިއެއް ނުވާނެއެވެ.
ވީމާ ފުރަތަމަ ކަމަކަށް ބަލަންވީ ތިމާގެ މައިންބަފައިންނާއި އަމިއްލަ އަނބިދަރިންގެ ޙާލުއަހުވާލެވެ. އެމީހުން ތިބިޙާލަތެވެ. ގެއަށް ބޭނުންވާތަކެތި ހަމައަށް ގޭގައި ހުރިތޯއެވެ. އެކަންކަން ނުބަލައި ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ކޮންމެވެސް ކަމެއްވެގެން އުޅޭކަމުގެ ޚަބަރު ބެލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކޮންމެވެސް ޤައުމެއްގައި ރީތީގެ ރާނީގެ ނަމުގައި އަންހެނެއްގެ ބޮލުގައި ތާޖް ބަހައްޓިކަމުގެ ޚަބަރުކިޔުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
މިޒަމާނުގައި ހަމަ ކޮންމެ މީހަކީވެސް ސްމާޓް ފޯނެއް ގެންގުޅޭ މީހެއްކަމަށް ބުނެވިދާނެއެވެ. މާނައަކީ އެހައިވެސް ގިނަ މީހުން ސްމާޓް ފޯނު ގެންގުޅޭކަމެވެ. ހުސްވަގުތެއް ކިރިޔާ ލިބުނު ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ޚަބަރުތައް ބަލައިލައެވެ.
އެފަދަ ގިނަބައަކަށްވެސް އެމީހުންނަށް ކުރަންޖެހޭ މަސައްކަތް ބޮޑުވެފައި ގިނަކަމުން އެމީހުންގެ އަމިއްލަ ޢާއިލާގެ ކަންކަން ބަލައިލާނެ ވަގުތެއް ނުވެއެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދަނީ އެއްވެސް ކަމެއް އެނގެންވާވަރަށް ނުއެނގުމެވެ. މިއީ މިއަދު ވަރަށް ގިނަ ބައަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.
އުތުރު އެޓްލާންޓިކް ކަނޑުް ބޮޑު ފެމުނެއް ތިލަވެގެން އުޅުނުކަން ތިބާއަށް ނުއެނގުމަކުން ތިބާ ފާފަވެރިއެއް ނުވާނެއެވެ. ދެން ނުކުންނަ ކޮންމެވެސް ފިލްމެއް ހުއްޓިގެން އުޅޭކަން ނުއެނގުނަސް ތިބާ ފާފަވެރިއެއް ނުވާނެއެވެ. އެކަމަކު އެބައެއްގެ ޙާލު ތިމާ ބަލަންޖެހޭ މީހުންގެ ޙާލު ނުބަލައިފިނަމަ ފާފަވެރިވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން