ބަރަކާތްތެރި ރަޟާމާން މަސް ފެށުމުން ކުރަން އޮތް ކަމަކީ ކަންކަންމަތީގައި ރާޒުވާ ކުޅުމާއި މައިދާންތަކުގައި ކުޅިވަރުކުޅުމެއް ނޫނެވެ. ރަމަޟާން މަސް ފެށުމުން ފުޓްސެލް މުބާރާތްތަކާއި އެނޫންވެސް އެފަދަ މުބާރާތްތައް ބޭއްވުމަކީ ދީނީ ގޮތުން ގަޓްހުރި ކަމެއް ނޫނެވެ.
މިފަދަ ކުޅިވަރު މުބާރާތްތައް އިންތިޒާމް ކުރަންވީ ރޯދަމަހަކު ނޫނެވެ. ޢީދުތަކާއި ގުޅުވައިގެންނެވެ. މުބާރާތަކަށް ތައްޔާރުވާން ނަމަވެސް ރަމަޟާން މަހުގެ އަގުހުރި ވަގުތުތައް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ހޭފަކުރަން ހެޔޮ ނުވާނެއެވެ!
ރަމަޟާން މަހާއި ދިމާކޮށް ލަޢްނަތްލެއްވިގެންވާ މިޔުޒިކް ޝޯތައް ބާއްވައި ޕްރަމޯޓްކުރުމާއި ކުޅިވަރު މުބާރާތްތައް ރޭގަނޑު ބޭއްވުމާއި ބައިވެރިވުމުން ބޮޑެތި އިނާމުތައް ދީ ރައްޔިތުން ޝައުޤުވެރިކުރުވައިގެން ޓީވީތައް ގާތު މެންދަމުން ފަސްވަންދެން މީސްތަކުން ބޭތިއްބުމުގެ ޘަޤާފަތް ރާއްޖޭގައި އުފައްދައި ތަޢާރަފްކުރީ ދާދިފަހުންނެވެ!
ބައެއްގެ ތެރެއަށް އަލަށް ތަޢާރަފްކުރާ ކޮންމެ ނުބައިކަމެއްގެ ސަބަބުން އެކަންކަން އުފެއްދި މީހުންނަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ޢަޛާބް ދެއްވަވާނެކަން އެނގެން އޮތުމުން އެނގިގެންދަނީ އެކަންކުރި ބައަކަށް އެމީހުން އުފައްދައި ތަޢާރަފްކުރި ބިދުޢަތައް ރާއްޖޭގައި ދެމިއޮތްހައި ދުވަހަކު، ޤިޔާމަތްދުވަހާއި ހަމައަށް ސަލާމަތްނުވެވޭނެ ކަމެވެ.
ވިސްނައިލަންވީ ގެއިން ބޭރުގައި ވަގުތުތައް ބޭކާރުނުކުރުމަށެވެ. ކުޅިވަރާއި މުނިފޫހި ފިލުވުމުގައި ވަގުތައް ހޭދަކޮށްނުލުމަށެވެ. އަދި ގޭގައި ތިބެގެންވެސް ތިމާ ހިފާ ރޯދައަށް ފައިދާކުރާނެ ކަންކަން ކުރުމަށެވެ. ހެޔޮ ޢަމަލުކުރުމަށެވެ!
އެއްވެސް ޙާލެއްގައި މިބުނަނީ ހަވީރުވުމުން ކުޑަކުދިން ގޮވައިގެން ނުވަތަ ދެމަފިރިން އެކުގައި ގެއިން ބޭރަށް ނުކުމެނުލާކަށް ނޫނެވެ. އެކަމަށް ހޭދަކުރާ ވަގުތު މަދުކޮށް އަޅުކަމުގައި ވަގުތުހޭދަކުރުން ގިނަކުރުމަށެވެ. ދެމަފރިން އެކަނި ނަމަ ދެމަފިރިން، ދަރިން ތިބިނަމަ ދަރިންނާއިއެކު އަޅުކަމުގައި ވީހާ ގިން ވަޤުތު ހޭދަކުރާށެވެ! އެއިރުން ދަރިންވެސް ތަރުބިއްޔަތުވާނީ ހެޔޮ ގޮތުގައެވެ. އިން ޝާ ﷲ
އުފާވެރި ވާހަކައެއްވެސް ބުނެލާނަމެވެ! އެއީ ރޯދަވެރިޔާ އަމަލުތައް ބަހައްޓަން ޖެހޭ ގޮތަށް ބަހައްޓަމުން އަނބިދަރިންގެ ހިތްހަމަޖައްސައިދޭން އެކުގައި ބޭރަށް ނުކުމެލުމަކީ ހަމަ ޘަވާބު ދެއްވަވާނެ ކަންކަމެވެ.
އެކުވެރިންނޭވެ! ތަރާވީޙް ނަމާދުކުރާށެވެ! ހިތްވަރުހުރިނަމަ ދަމުނަމާދުވެސް ކުރާށެވެ! ކޮންމެ ޙާލެއްގައިވެސް ފަރުޟު ނަމާދުތައް ވަޤުތުގެ އެންމެ ކުރީކޮޅުގައި ކުރާށެވެ! ފިރިހެނުން މިސްކިތުގެ ޖަމާޢަތުގައި ކުރާށެވެ. ރަވާތިބް ސުންނަތެއްވެސް ދޫކޮށްނުލާށެވެ!
--މަޢުލޫމާތު: މިއަދުނޫހުގެ ކިޔުންތެރިއެއް