ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ރޭއަޅުކަން ގިނަކުރަން ޖެހެއެވެ. މިގޮތުން ތަރާވީޙް ނަމާދަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓަން ޖެހެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ
.(مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)
މާނައަކީ: "އީމާންކަމާއި ދަރުމައަށް އެދި ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކޮށްފިމީހަކަށް މާތް ﷲ އޭނާގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާނެތެވެ". އިމާމާއި އެކު ތަރާވީޙް ނިމެންދެން ބައިވެރިވުމަކީ ދަރުމަ އިތުރުވެގެންދާނެ ކަމެއް ކަމުން އެކަމަށް ޚާއްޞަ ސަމާލު ކަމެއް ދޭން ޖެހެއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (مَنْ قَامَ مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ)
މާނައަކީ: "އިމާމާ ނިމެންދެން އޭނާއާއި އެކުގައި ނަމާދުކުރުމުގައި ދެމިހުރެއްޖެނަމަ މުޅިރޭ އަޅުކަން ކުރުމުގެ ޘަވާބާއި ދަރުމަ ދެއްވާނެއެވެ".
ރަމަޟާން މަސް ފަށަންވާނީވެސް ލއިލަތުލްޤަދްރްވިލޭރޭ ޙާޞިލްކުރުމުގެ ޢަޒުމާއެކު!: ހަމަ އެޔާއިއެކު، ރަމަޟާންމަހުގެ ފަހުދިހައިގެ ރޭ ތަކުގައި އިތުރަށް އަޅުކަމައިގެން މަޝްޣޫލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަބަބަކީ ފަހުދިހައިގެ ރޭ ތަކުގެ ތެރެއިން ރެ އެއްގައި ލައިލަތުލް ގަދްރިވިލޭރޭ ލައްވާފައިވުމެވެ. އެރެޔަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުރެއެކެވެ. އެރޭކުރާ އެންމެ އަޅުކަމަކީ އެހެން 83 އަހަރާއި 4 މަސްދުވަހު ކުރާ އަޅުކަމާއި އެއްވަރުގެ އަޅުކަމެކެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. (أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَجْتَهِدُ فِيْ الْعَشْرِ الْأَوَاخِرِ مَالَا يَجْتَهِدُ فِيْ غَيْرِهَا) މާނައަކީ: " އެހެންދުވަސްތަކުގައި އަޅުކަމައިގެން ނޫޅުއްވާ ވަރަށް ރަމަޟާންމަހުގެ ފަހުދިހައިގައި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުކަމައިގެން އުޅުއްވައެވެ".
އަދިވެސް އެކަމަނާ ވިދާޅުވިއެވެ. (كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مَأْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ) މާނައަކީ: "ރަމަޟާންމަހުގެ ފަހުދިހަވަދެއްޖެނަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޒާރުކޮޅު ބާރުކުރައްވާ، ރޭތައް އިޙްޔާ ކުރައްވާ، އަހްލުވެރިން ހޭލައްވައެވެ". ލައިލަތުލް ގަދްރި ވިލޭރެއަކީ އެރެއެއްގައި ގުރްއާން ބާވާލެއްވުމުގެ ސަބަބުން އެރެއެއް މާތް ﷲ ޝަރަފްވެރިކޮށްދެއްވި ރެއެވެ. އެރެއެއްގެ ފަތިސްވުމަށްދާންދެން މަލާއިކަތުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ބިމަށް ފައިބާވަޑައިގަންނަވާ ރެއެވެ. އީމާން ކަމާއި ދަރުމައަށް އެދި އެރޭ ރޭއަޅުކަންކޮށްފިމީހެއްގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާނެރެއެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމްވެގެންވަނީ ފަހުދިހައިގެ ރޭތަކުގައި ނަމާދުކޮށް، ގުރްއާންކިޔަވާ، ތައުބާވެ، ފާފަފުއްސެވުންއެދި ގިނަގިނައިން ދުޢާކޮށް، ސުވަރުގޭގެ މަތިވެރި ނިޢްމަތަށް އެދި، ނަރަކައިގެ ބިރުވެރި ޢަޛާބުން ސަލާމަތްކޮށްދެއްވުން އެދި ގިނަގިނައިން މާތް ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ. ލައިލަތުލް ގަދްރިވިލޭރޭގެ މަތިވެރިކަން ޙާޞިލްވުމަށް އެދިގެންނެވެ.
- ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް