ފިރިހެނުންގެ އިސްތަށިގަނޑު ދިގުކޮށްފައި ބެހެއްޓުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް ރީތިކޮށް ފުނާއަޅައި ހަދަންވާނެއެވެ. މަންޘަރު ހުތުރުވާ ގޮތަށް ހުރެގެން ނުވާނެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ކުޑަކުއްޖެއްގެ ބޮލުގެ އެއްބައި ބާލާފައި ހުއްޓާފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "ބޯ ބާލާނަމަ އެެއްކޮށް ބާލާށެވެ. ނޫންނަމަ އެއްކޮށް ދޫކޮށްލާށެވެ".
އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. " އެމީހެއްގެ ބޮލުގައި އިސްތަށި ހުރެއްޖެނަމަ އެޔަށް ހެޔޮކޮށް ހިތާށެވެ". މާނައަކީ އިސްތަށިގަނޑު ރިވެތިކޮަށްދޮވެ، ސާފުކޮށް، ތެޔޮލާ، ފުނާއަޅާ ރީތިކޮށް ބެލެހެއްޓުމެވެ.
ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ މުޖްތަމަޢުގެ ޢާދަކާދައިގެ ތެރޭގައި އޮންނަ ކަމަކަށް ނުވެފައި، އެފަދަ ކަންތައް ކުރަނީ ތަންކޮޅެއް އާދައިގެ މީސްމީހުން ކަމަށް ވަނީ ނަމަ އިސްތަށިގަނޑު ދިގުކޮށްގެން ނުވާނެއެވެ.
އަލްޢައްލާމާ ޢުޘައިމީން –ރަޙިމަހުﷲ- ވިދާޅުވިއެވެ. "ފިރިހެނެއްގެ ބޮލުގެ އިސްތަށިގަނޑު ދިގު ކުރުމަކީ މައްސަލަ އެެއް ނޫނެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކޮނޑުފުޅާއި ހަމަ އަށް ބޮލުގެ އިސްތަށިގަނޑު އެކަލޭގެފާނު ދިގު ކުރެއްވިކަމަށް ވާރިދުވެފައިވެއެވެ. އެހެންކަމުން ބޮލުގެ އިސްތަށިގަނޑު ދިގު ކުރުމަކީ އޭގެ އަޞްލުގައި ހުއްދަ ކަމެކެވެ. އެހެންނަމަވެސް އެކަން ބިނާވެގެންދަނީ މުޖްތަމަޢުގެ ޢާދަ ކާދައިގެ މައްޗަށެވެ. މުޖްތަމަޢުގައި ބޯދިގު ކުރަނީ އާދައިގެ ދަށްފެންވަރުގެ މީހުން ކަމަށްވަނީ ނަމަ މުރޫއަތުގެ އަހުލުވެރިން އެކަން ކޮށްގެން ނުވާނެއެވެ". واللهتعالىأعلم.
އިތުރު ސުވާލެއް:
ކޮންޑަމްބޭނުން ކޮށްގެން ޖިންސީ ގުޅުން ހިންގުމުކުން އެއީ ޒިނޭ އަކަށްނުވާނެކަމަށް ބައެއް ބޭފުޅުން ލަފާދެއްވައެވެ. މިއީ ރަގަޅު ވާހަކައެއްތޯއެވެ؟
الحمد لله، والصلاة والسلام على من لا نبي بعده،
ފިރިހެނެއްގެ ޒަކަރުންފާޅުވާ ހިސާބު ހިލޭއަންހެނެއްގެ ފަރްޖުގެ ތެރެއަށް ވަދެއްޖެނަމަ ވާނީ ޒިނޭއަކަށެވެ. ދެކޮންޑަމް މަތިމައްޗަށް ލެއްވިޔަސްމެއެވެ. واللهتعالىأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް