ފުންޏަކަށް ހުރިހާ ނަމާދު އެކުގަ ކުރުމެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފުންޏަކަށް ހުރިހާ ނަމާދު އެކުގަ ކުރުމެއް ނެތެވެ!

ﷲ ރޭދުވާ ތަކުރާރުވުން ލައްވަވާފައިވަނީ ފުށޫނާރާނެ ގޮތަށެވެ. ދުވާލުކުރަންޖެހޭ އަޅުކަން ރޭގަނޑަށް އަދި ރޭގަނޑު ކުރަންޖެހޭ އަޅުކަން ދުވާލަށް ފަސްނުކުރާށެވެ! އަދި މިއަދުކުރަންޖެހޭ ކަމެއް މާދައަށްވެސް ފަސްނުކުރާށެވެ! ﷲ އިންތިޒާމްކުރައްވަވާ ފަދައިން ކުރަމުންގެންދާށެވެ! 

މުސްލިމުންނަށް ހުރި ރޭގަނޑު ކުރަންޖެހޭ އަޅުކަމާއި ދުވާލުކުރަންޖެހޭ އަޅުކަމެވެ. ރޭގަނޑުގެ ވަޤުތުތަކުގައި ފަރުޟުވެގެންވަނީ 3 ނަމާދެވެ. ދުވާލުގެ ވަޤުތުތަކުގައި ފަރުޟުވެގެންވަނީ 2 ނަމާދެވެ. ކޮންމެ ނަމާދެއްވެސް ކުރަން އޮތީ އެނަމާދުގެ ވަޤުތުގައެވެ.  

ވީމާ ފަހުން ކުރަން ނަމާދެއް ނުބެހެއްޓޭނެއެވެ. ވަޤުތު ފާއިތުވުމުގެ ކުރިން ކޮންމެ ނަމާދެއްވެސް ކުރަންވާނެއެވެ. ހަމައެފަދައިން ސުންނަތް ނަމާދުތައް ކުރުމުގައިވެސް އޮތީ ހަމައެގޮތެވެ. އެނަމާދެއް ކުރަންވީ އެނަމާދުގެ ވަޤުތުގައެވެ.  

ނަމާދުގެ ވަޤުތުތައް ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ވީމާ އިތުރު ތަފްޞީލަށް މިވަޤުތު ދާކަށްނެތީމެވެ. ފާހަގަކޮށްލަން ބޭނުންވަނީ ދުނިޔެއާއި އާޚިރަތް އެދިގެން މަސައްކަތްކުރާނަމަ އެމީހަކަށް އޮތީ ކޮންމެ ނަމާދެއްވެސް އެނަމާދުގެ ވަޤުތުގައިކުރުންކަމެވެ. ކޮންމެ ނަމާދެއް ކުރަންވެސް ވަކި ޚާއްޞަ ވަޤުތުތަކެއް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައި އެވަނީ އެކަން އެގޮތަށް ކުރަންޖެހޭ ސަބަބުތަކެއް އޮތުމުންނެވެ.  

މިވާހަކަ މިގޮތަށް ދައްކަން މިޖެހެނީ ރޭގަނޑުވުމުން 5 ނަމާދު އެކުގައި ކުރާ ބައަކު އުޅޭތީއެވެ. ނަމާދުކުރުމަކީ ދުވާލު ތިމާކުރަންހުރި ހުރިހާ ކަންކަން ކޮށްނިންމާފައި ކުރަން އޮތްކަމަކަށް ހަދައިގެން ބައަކު އުޅޭތީއެވެ. އެއްވެސް ޙާލެއްގައި އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. ކިތަންމެ މަސައްކަތް ބުރަނަމަވެސް ކޮންމެ ނަމާދެއްވެސް އެނަމާދުގެ ވަުތުގަ ކުރާށެވެ! ﷲ ތަޢާލާ ނަމާދުކުރަން އަންގަވާފައިވާ ގޮތަކީ އެއީއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން