އަހަރެމެންނަކީ އަހަރުގެ ކޮންމެ ދުވަހަކުވެސް މަދުވެގެން ދުވާލަކު 5 ފަހަރު މިސްކިތަށް އަރާބައަކީމެވެ. އަންހެނުންނަމަ މުސައްލަމައްޗަށް އަރާބައެކެވެ. ރަޟާން މަސް އައުމުން އެއަށްވުރެވެސް ގިނައިން އަރާނެއެވެ.
އަހުރެމެން އެކަން ކުރަނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ދެކެ ލޯބިވާތީއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދޭތީއެވެ. ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭތީއެވެ. ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެ ދެއްވެވުން އެދޭތީއެވެ. އަދި މިދުނިޔޭގެ ޙަޔާތުގައިވެސް ހެޔޮ ރަޙްމަތަށް އެދޭތީއެވެ.
ފާހަގަކުރަން ބޭނުންވަނީ އުންމީދާއިއެކު ނަމާދުކުރާށެވެ! ނަމާދުގައި ވެވުނު އެންމެ ބޮޑަށް ޚުޝޫޢަތްތެރިވާން މަސައްކަތްކުރާށެވެ! އަދި ނަމާދު ނިމުމުން ސުންނަތް ވެސް ކޮށްލާށެވެ! ކިތަންމެ ކުޑަކުޑަ އިރުކޮޅަކަށް ނަމަވެސް ޛިކުރުކޮށްލަންވެސް މަޑުކޮށްލާށެވެ! ﷲ ތަޢާލާއަށް ލޯބިން ނަމާދުކުރުމަކީ އެއީއެވެ.
ތެޅިގަނެގެން މިސްކިތަށް އަރައި އަވަސް އަރުވާލައިގެން ނަމާދުކޮށްލާފައި ފައިބައިގެން ދާނަމަ އެމީހަކީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އޮތް މީހަކަށް ނުވާނެއެވެ. ކުރާ ކޮންމެ އަޅުކަމަކުންވެސް ފައިދާކުރާނީ ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ﷲ ތަޢާލާއަށް ލޯބިން އެކަމެއް ކުރުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން