ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރަން ފަސޭހަ ގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރަން ފަސޭހަ ގޮތެއް!

ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ގޮސްގެން ކިޔަވާ ދަރިވަރުންނަށްވުރެ މިހާރު ގިނަވާނީ އޮންލައިންކޮށް އުނގެނޭ ދަރިވަރުންކަމަށްވެދާނެއެވެ. ކޮންމެއަކަސް އޮންލައިން ކްލާސްތައް ތަޢާރަފްވެ ބާރަށް ކުރިއަށްދާން ފެށުމުން މުސްލިމުންގެ ތެރެއިން އެންމެ ގިނަ ބައަކު އުނެގެނެނީ ތަޖްވީދުމަގުން ޤުރްޢާން ކިޔަވަންކަން ފާހަގަކުރެވެއެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރުކަމުގައިވުމުން އެ މައްސަރާއި ބައްދަލުވުމުން ގިނަ ބައަކު ކީރިތި ޤުރްއާން ކިޔަވައެވެ. އަޑުއަހައެވެ. ކާރުގައި ގެންގުޅުނު ލަވަސީޑީތައް އެއްފަރާތްކޮށްފައި ކީރިތި ޤުރްއާނުގެ ސީޑީތައް ޖަހައެވެ. މިއީ ހަމަ ވަރަށް ރަނގަޅު ކަންކަމެވެ.

އަހުރެންގެ ނަޞޭޙަތަކީ ވީވަރަކުން މާނަވެސް އަޑުއެހުމެވެ. އަދި ތަފްސީރުވެސް އަޑުއެހުމެވެ. އެހެނީ ބައެއް އާޔަތްތަކުގެ ލަފްޒީ މާނައިން އެނގެން ބޭނުންވާ މިންވަރަށް މާނަ ނުއެނގިދާނެއެވެ. އިތުރު ތަފްޞީލަށް ބޭނުންވާނެއެވެ.

ހަމައެއާއިއެކު ބުނެލަން އޮތީ ވީހައި ގިނައިން ޤުރްއާން ކިޔަވަން ކުރާ މަސައްކަތް އިތުރުކުރަންވާނެއެވެ. ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިންވެސް ޢަމަލުކުރެއްވެވީ އެފަދައިންނެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ގޭގައިވެސް އަދި ކާރުގައިވެސް ކީރިތި ޤުރްއާން ޖަހަމުން އެއަށް ނުވިސްނާނަމަ އެކަމުން ކުރާނެ ފައިދާއެއް ނެތްކަމެވެ. ފައިދާ ކުރާނީ އަޑުއެހުމުންނެވެ. ކީރިތި ޤުރްއާން އަޑުއެހުމަކީވެސް ޘަވާބު ދެއްވަވާ ކަމެކެވެ.

އަދި އަޑުއަހާއިރު ޤާރީގެ މަޚްރަޖައަށާއި ކިޔަވާގޮތަށް ރަނގަޅަށް ވިސްނައި ވީވަރަކުން ފަހަތުން ކިޔަވަންވެސް މަސައްކަތްކުރާށެވެ! މީހުންގެތެރޭގައިނަމަ ހިތުންވެސް ކިޔަވާށެވެ! އެކަނިނަމަ މަޑުމަޑުން ކިޔަވާށެވެ! އިސާހިތަކު ތަޖުވީދުމަގުން ކިޔެވެންވެސް ފަށައިފާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން