ރަމަމާން މަސް ފެށުމަކީ ދިރިއުޅެން ކުރަންޖެހޭ މަސައްކަތް ނުކޮށް ހުއްޓާލައިގެން ހުރެވެން އޮންނަ ކަމެއް ނޫނެވެ. އަދި އެގޮތަށް އެކަންކުރަންޖެހެންވީ ސަބަބެއްވެސް ނެތެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް މަސައްކަތްތަކެއް ކުރާނެ މީހެކެވެ. އެކަމަށް ވަޤުތުވެސް ބޭނުންވާނެއެވެ.
އެހެނަސް ވަގުތަކީ ހޯދުމުން ލިބޭ އެއްޗެކެވެ. ރަމަޟާން މަހުގެ ރޭތަކުގައި އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއްކަމަކީ މުޅި ރޭގަނޑު އަޅުކަންކުރުމުގެ ޘަވާބު ލިބިގަތުމެވެ. އެއީ ކުޑަކުޑަ ހިތްވަރެއް ލައިފިނަމަ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.
ދެން މިބަލައިލަނީ ރޭގަނޑުގެ އިރާކޮޅުގެ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައިގެން މުޅި ރޭގަނޑުގައި އަޅުކަންކުރި ކަމުގެ ޘަވާބު ލިބެން އޮތް ފަސޭހަމަގަށެވެ.
އިމާމާއި އެކު ތަރާވީޙް ނިމެންދެން ބައިވެރިވުމަކީ ދަރުމަ އިތުރުވެގެންދާނެ ކަމެއް ކަމުން އެކަމަށް ޚާއްޞަ ސަމާލު ކަމެއް ދޭން ޖެހެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ.
(مَنْ قَامَ مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ)
މާނައަކީ: "އިމާމާ ނިމެންދެން އޭނާއާއި އެކުގައި ނަމާދުކުރުމުގައި ދެމިހުރެއްޖެނަމަ މުޅިރޭ އަޅުކަން ކުރުމުގެ ޘަވާބާއި ދަރުމަ ދެއްވާނެއެވެ".
ވީމާ އިމާމް މީހާ ތަރާވީޙް ނަމާދު ނިންމަންދެން ކޮންމެ ގޮތަކުން ނަމަވެސް އިމާމާއިއެކު ނަމާދުކުރުމުގައި ކެތްތެރިވާށެވެ! އެވަގުތު އެކަމަށް ޚާއްޞަކުރަން މަސައްކަތްކުރާށެވެ! އެހެން ހުރިހާ ކަމެއް ފަހުން ކޮށްލަން ބެހެއްޓި ނަމަވެސް ތަރާވީޙް ނަމާދު ނުނިންމައި އިމާމާއި ވަކިނުވާށެވެ!
ކުރުކޮށްކުރާ މިސްކިތްތަކުގައި 20 ވަރަކަށް މިނިޓުންވެސް ނިންމައިލައެވެ. ދިގުކޮށް ކުރިނަމަވެސް ގިނަވެގެން ނަގާނީ ދޮޅުގަޑިއެއްހައިއިރެވެ. ވީމާ ދޮޅުގަޑިއަިރަށް ބެލިނަމަވެސް މުޅި ރޭގަނޑު އަޅުކަންކުރުމުގެ ޘަވާބާއި އަޅުވައިލުމުން 90 މިނިޓް އެއީ ކޮންއެއްޗެއްހެއްޔެވެ؟ ހިތްވަރުކޮށްލާށެވެ! ކުރަން ފެށުމުން ބުރައަކަށްވެސް ނުވާނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން