ހިފާ ރޯދަ ރޯދައަކަށް ހެދުމަށްޓަކާ އަނގަ ތަޅުލަންޖެހޭ ކަންކަމާ އަނގަހުޅުވަންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ހިފާ ރޯދަ ރޯދައަކަށް ހެދުމަށްޓަކާ އަނގަ ތަޅުލަންޖެހޭ ކަންކަމާ އަނގަހުޅުވަންޖެހޭ ކަންކަން-

ﷲ ތަޢާލާ އިންސާނާއަށް ދެއްވެވި ކޮންމެ ގުނަވަނަކީވެސް އެހައިމެ މުހންމު ގުނަވަނެކެވެ. އެއިގެ ތެރެއިން ބައެއް ގުނަވަންތަކުގެ މުހިންމުކަން އެހެން ގުނަވަންތަކަށްވުރެ މާބޮޑުވެގެންދެއެވެ. ކުރާ ފައިދާ ބޮޑުވެ އަދި ލިބޭ ގެއްލުންވެސް ބޮޑުވެގެންދެއެވެ!

ރޯދަ ހިފުމަކީ ގުނަވަންތަކުގެ ތެރެއިން އަނގަ އާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އެހެނީ އަހަރެމެން ކައިބޮއި ހަދަނީ އަނގައިން ކަމަށްވާތީއެވެ. ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ނުކައި ނުބޮއި އެކަންކަމަށް އަނގަ ބަންދުކޮށްގެން ހުރުމުން ރޯދަ ހިފުނީ ކަމަށެވެ. ނަމަވެސް ރޯދަ ވަނީ އެއަށްވުރެ މާބޮޑަށް އަނގަ އާއި ގުޅިފައެވެ.

މިޘާލަކަށް ދުލުން ނުބައި ބަސްތައް ބުނާނަމަ އެމީހާ ރޯދަ ހިފުމަށް ނިޔަތްގަނެގެން ހުރިނަމަވެސް ނުކައިހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ﷲ ތަޢާލާ އޭނާގެ ރޯދަ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. އަބޫހުރައިރާ (ރޢ)ގެ އަރިހުން ރިވާބެގެންވާ މިޙަދީޘްފުޅުން އެއޮތީ އެކަން ވަރަށް ރަނގަޅަށް އެނގޭށެވެ.

Narrated Abu Huraira: The Prophet (ﷺ) said, "Whoever does not give up false statements (i.e. telling lies), and evil deeds, and speaking bad words to others, Allah is not in need of his (fasting) leaving his food and drink."

Reference : Sahih al-Bukhari 6057

މިއީ އެއްވެސް މުސްލިމަކަށް އައު ޙަދީޘްފުޅެއް ނޫނެވެ. އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއް ޙަދީޘްފުޅެވެ.

ވީމާ ކެއުން ބުއިމަށް އަނގަ ބަންދުކޮށް ތަޅުލި ފަދައިން ދުލުން ނުބައި ބަސްތައް ބުނުމަށްވެސް އަނގަ ބަންދުކޮށް ތަޅުލަން އެބަ ޖެހެއެވެ. ފިތުނަވެރި ވާހަކަތަކާއި ބޭކާރު ވާހަކަތައް ދެއްކުމަށްވެސް އަނގަ ބަންދުކޮށް ތަޅުލަން އެބަ ޖެހެއެވެ.

ހަމަ އެއާއިއެކު ކީރިތި ޤްރްއާން ކިޔެވުމަށާއި ހެޔޮ ބަސްތައް ބުނުމަށާއި ޛިކުރުކޮށް ދުޢާކުރުން ގިނަ ކުރުމަށް އަނގަހުޅުވުން އިތުރުކުރަން އެބަޖެހެއެވެ. ހިފާ ރޯދަ ރޯދައަކަށްވާނީ އަނގަ، އެއިގެ ދައުރު މިބުނި ގޮތަށް ފުރިހަމަކޮށްގެންނެވެ. ވީމާ ރޯދައަށް ހުންނަ މީހާ އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ އަނގަ ބަނދުކުރަން ޖެހޭ ކަންކަމަށް އަނގަ ބަންދުކުރުމަށާއި އަނގަހުޅުވަން ޖެހޭ ކަންކަމަށް އަނގަ ހުޅުވުމަށެވެ.

އުންމީދަކީ މިފެށޭ ރަމަޟާންމަހު ހުރިހާ މުސްލިމުންވެސް އަނގައަށް ދޭ ސަމާލުކަން އިތުރުކޮށް ފުރިހަމަ ގޮތުގައި ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރާ ބައަކަށްވުމެވެ. ނުކައި ނުބޮއި ހުންނަން ޢަޒުމް ކަނޑައަޅައި މަސައްކަތްކުރާ ފަދައިން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެންމެ ބަހެއްވެސް ދުލުން ނުބުނަން މަސައްކަތްކުރާ ބައަކަށްވުމެވެ. އަދި ހަމަ އެފަދައިން ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ބަސްތައް ވީހައި ގިނައިން ދުލުން ބުނާ ބައަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.

ރޯދަ އަށްހުރެ ޣީބަބުނުން، ނެތިމޮށުން، ދޮގުހެދުން ފަދަ އެއްވެސް ފާފައެއް ކުރަން އަނގަހުޅުވައިގެންނުވާނެއެވެ. އެކަންކަމަށް އަނގަވަރަށް ބޮޑަށް ތަޅުލަން ޖެހޭނެއެވެ. އެކަން ނުކުރެވި ހިފާ ރޯދައިން ކުރާނީ ކޮން ފައިދާއެއްކަމާއިމެދު ވިސްނައި ބިރުވެތިވާށެވެ! ހިފާ ރޯދައިގެ ޘަވާބު ހިމާޔަތްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން