ކޮންމެ އަހަރަކުވެސް ރަޙްމަތުން ފުރިގެންވާ ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލުކުރުމުގެ ފުރުޞަތު ދެއްވަވާކަން އެއީ އެމީހަކަށް ކުރެވިފައިވާ ފާފަތައް ފުހެލަން ދެއްވަވާ އެންމެ އަގުހުރި، އެންމެ ފަސޭހައިން މަޤްޞަދު ޙާޞިލުކުރެވެން އޮތް ފުރުޞަތެވެ. އެހެނީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ރަޙްމަތަކީ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުން ކަމުގައިވާތީއެވެ! ސުވަރުގެ ލިބުން ޔަޤީން ގޮތަކީ އެއީ ކަމުގައިވާތީއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ.
)مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)
މާނައަކީ: "އީމާންކަމާއި ދަރުމައަށް އެދި ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކޮށްފިމީހަކަށް މާތް ﷲ އޭނާގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާނެތެވެ".
މީސްތަކުންނޭވެ! ރަމަޟާން މަހުގެ ރޭއަޅުކަމަށް ފަރުވާކުޑަނުކުރާށެވެ! ފަހުދިހައަށް މަޑުނުކުރާށެވެ! ފުރަތަމަރެއިން ފެށިގެން އެކަމަށް މަސައްކަތްފަށާށެވެ! އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމަށްވުރެ ވަކިން ބޮޑު ރަޙްމަތެއް ނެތުމުންނެވެ.
މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. ހަމައެކަނި ފަހު ދިހަ ނުވަތަ ފަހުދިހައިގެ އޮނަހިރި ރޭތައް އިޙްޔާކުރަން މަޑުނުކޮށް މިއަދުން ފެށިގެން މަސައްކަތްކުރަމުން ގެންދާށެވެ. ކުރެވުނުހައި ގިނަ އަޅުކަމެއް ކުރުމަށެވެ. އިން ޝާ ﷲ އެމީހަކަށް ކާމިޔާބުކުރެވޭނެއެވެ.