ޖުނުބުވެރިޖަންމަތީހުރިކަން ހަދާންނެތި ފަތިހު ނިދާ ހޭލައިގެން ނަމާދުކުރީމެވެ. ވުޟޫކުރުމަށްފަހުގައެވެ. ޖުނުބުގެ މަތިން ހަނދާންވީ ދުވާލު 10 ޖަހާކަށްހާއިރުއެވެ. އަޅުގަނޑުގެ ފަތިސްނަމާދު ޞައްހަވާނެތޯއެވެ. ނޫނީ އަލުންކުރަންޖެހޭނެތޯއެވެ؟ މިފަދަ ހާލަތުގައި އޮތް ހުކުމް ބަޔާންކޮށްދެއްވުންއެދެމެވެ............. (ކަން އޮތްގޮތް ނޭގޭތީ އަޅުގަނޑު ހުކުރުހުތުބާކިޔަން ނުފަށަނީސް ފަތިސްނަމާދު ޤަޟާ ކުރީމެވެ
الحمد لله، والصلاة والسلام على من لا نبي بعده،
ޖުނުބުވެރި ޙާލަތުގައި ހަނދާން ނެތިގެން ނަމާދު ކުރެވިއްޖެނަމަ، ހަނދާންވި އިރަކުން ހިނައިގަތުމަށްފަހު ނަމާދު އިޢާދަ ކުރަންވާނެއެވެ. އިމާމުމީހާ ޖުނުބުވެރި ޙާލަތުގައި ހަނދާން ނެތިގެން ނަމާދުކުރެވިއްޖެނަމަ، މައުމޫމުންގެ ނަމާދު ޞައްޙަވާނެއެވެ. އަދި އިމާމާ ހިނައިގަނެގެން އަލުން ނަމާދު އިޢާދަ ކުރަންވާނެއެވެ.
މިކަމުގެ ދަލީލަކީ ޢުމަރު-ރަޟިޔަﷲ ޢަންހު- އެއްދުވަހެއްގެ ފަތިސްނަމާދު ނިމިވަޑައިގެންފަހުން ހެދުންކޮޅުގައި އިޙްތިލާމް ގެ އަޘަރު ހުރިކަން އެނގިވަޑައިގެން ނަމާދު އަލުން އިޢާދަ ކުރެއްވިއެވެ. އެހެންނަމަވެސް މައުމޫމުންނަށް ނަމާދު އިޢާދަ ކުރުމަށް އަމުރެއް ނުކުރައްވައެވެ.
ހަމައެފަދައިން ޢުޘްމާން-ރަޟިޔަﷲ ޢަންހު- ވެސް އެއްދުވަހެއްގެ ފަތިސްނަމާދު ނިމިވަޑައިގެން އިރުއެރިފަހުން އެކަލޭގެފާނުގެ ހެދުންކޮޅުގައި އިޙްތިލާމުގެ އަޘަރު ހުރިކަން އެނގިވަޑައިގެން ނަމާދު އިޢާދަ ކުރެއްވިއެވެ. ނަމަވެސް މައުމޫމުންނަށް ނަމާދު އިޢާދަ ކުރުމަށް ނާންގަވައެވެ. واللهتعالىأعلم.
އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު- އެއްދުވަހެއްގެ މެންދުރުނަމާދު ހަނދާންނެތި ވުޟޫ ނުކުރައްވާ އިމާމްވެ ކުރެއްވިއެވެ. އެކަލޭގެފާނަށް އެކަން ހަނދާންވުމުން އަލުން ނަމާދު އިޢާދަ ކުރެއްވިއެވެ. ނަމަވެސް މައުމޫމުން ނަމާދު އިޢާދަ ކުރެއްވުމަކަށް ނާންގަވައެވެ.
އިތުރު 2 ސުވާލު:
އަޅުގަޑުގެފިރިމީހާވަނީ އެހެން މީހުންނާ ގުޅުން ހިންގާފައެވެ. އަދި މިކަމަށް ވަނީއެއްބަސް ވެފައެވެ. އަދި މިހާރުއަޅުގަޑުގެ ފިރިމީހާ އާއި އަޅުގަޑާއެއްވެސް ގުޅުމެއް މިހާރު ނޯވެއެވެ. އޭނާ އަޅުގަޑާއި އެއްވެސް ގުޅުމެއްބާއްވަން ބޭނުންނުވާކަމަށް ބުންޏެވެ. ވީމާ ދެން އަޅުގަޑު ކަންތައް ކުރަންވީކިހިނެތްތޯއެވެ. އަދި މީގެ ސަބަބުން ފިރިމީހާ އަށް ޤިޔާމަތް ދުވަހުންއަޅުގަޑުގެ ހައްޤު އަދާ ނުކުރުމުގެ ދައުވާ ކުރެވޭނެތޯ އެވެ؟
الحمد لله، والصلاة والسلام على من لا نبي بعده،
ކައިވެނީގެ މަގްޞަދު ތަކުގެ ތެރޭގައި ދެމަފިރިން ވެސް ޢިއްފަތްތެރިވުން ހިމެނެއެވެ. ވުމާއިއކު، އަނބިމީހާގެ ޖިންސީ އެދުންވެރިކަން ފުއްދާ ދިނުމަކީ ފިރިމީހާގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ. މިކަންނުކޮށްދެވެނީ ކަމަށްވަނީ ނަމަ، އަނބިމީހާ ހިފަހައްޓާފައި (ދޫކޮށްނުލާ) ބަހައްޓައިގެން ނުވާނެއެވެ. އަދި މިގޮތުގައި ހަތަރުމަސް ވޭތުވެއްޖެނަމަ ކައިވެނި ފަސްޚުކޮށްދިނުން އެދި ހުށަހެޅުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެންވެއެވެ. އަދި މިފަދަޙާލަތެއްގައި ފިރިމީހާ ވަރިކޮށްނުދީފިނަމަ، ކައިވެނި ރޫޅާލުމުގެ ޙައްގު ގާޟީ އަށް ލިބިގެންވެއެވެ. واللهتعالىأعلم.
ޝައިތާނާގެކިބައިން ރައްކާތެރިވުމަށް ފާޚާނައަށް ވަންނަ ކޮންމެ ފަހަރަކު ދުޢާވެސްކިޔަމެވެ. އެކަމުވެސް ބައެއް ފަހަރު ވުޟޫކުރިއަސް ވުޟޫކުރާކަން ހަނދާންނެތޭފަހަރު އެބައާދެއެވެ. ނަމާދުކުރާއިރުވެސް ކިޔާތަކެތި ކިޔޭކަން ނޫނީނުކިޔޭކަން ހަނދާން ނެތެއެވެ. ނަމާދުގެ ފަހުގައި ފަލަޤް އަދި ނާސި ސޫރަތްވެސް ކިޔަވަމެވެ. މިކަމުން ސަލާމަތްވުމަށް އެހެން ޚާއްޞަ ދުޢާއެއްއޮވޭތޯއެވެ؟
މިކަމުގައި އޮތްފަރުވާ އަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. ޝައްކުތައް ދޫކޮށްލުމެވެ. ކޮންމެ ކަމަކަށްވެސް އެދި ދުޢާ ކުރެވިދާނެއެވެ. واللهتعالىأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް