ޢިބްރަތްތެރި ވާހަކަ: އަޅައިލާނެ އެއްވެސް މީހަކު ނެތް އަންހެންކުއްޖަކު ނޯކިރީކުރަމުން ނަމާދާ ދަމުނަމާދުކޮށް ހިތުންކުރާ ދުޢާގެ އަޑު ބޭރަށް އިވި ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ޢިބްރަތްތެރި ވާހަކަ: އަޅައިލާނެ އެއްވެސް މީހަކު ނެތް އަންހެންކުއްޖަކު ނޯކިރީކުރަމުން ނަމާދާ ދަމުނަމާދުކޮށް ހިތުންކުރާ ދުޢާގެ އަޑު ބޭރަށް އިވި ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަޅުގަނޑަކީ ވަރަށް ކުޑައިރު މައިންބަފައިން ނިޔާވުމުން ވަރަށް ދަތިޙާލުގައި އުޅެ ބޮޑުވި ކުއްޖަކީމެވެ. އަޅުގަނޑު ގެންގުޅެ ބޮޑުކުރީ ބޮޑުދައިތައެވެ. ބޮޑުދައިތައަކީވެސް ވަރަށް ނިކަމެތި ޙާލުގައި އުޅުނު އަންހެނެކެވެ. އެހެންކަމާއިއެކުވެސް ވެވުނު ވަރަކުން އެހީތެރިވިއެވެ. 

ޢުމުރުން 16 އަހަރުގައި ބޮޑުދައުތަ ނިޔާވެއްޖެއެވެ. ބޮޑުދައިތަ ނިޔާވުމުން އަޅުގަނޑަށް ޖެހުނީ އެގެއިން ނުކުންނާށެވެ. އެކަމަށް ވިސްނަމުން ދަނިކޮށް އަވަށްޓެރިއަކު އެހީތެރިވިއެވެ. އެގޭގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ހުރުމުގެ ފުރުޞަތު އަޅުގަނޑަށް ދިނެވެ.

ދެއްވެވި ނިޢްމަތަށް ޝުކުރުކޮށް އެގޭގައި އުޅެމުން ދިއައިމެވެ. ބޮޑުދައިތަ ދިން ނަޞޭޙަތް ހަނދާން ބަހައްޓައިގެންނެވެ. ބޮޑުދައިތަގެ ޙާލުހުރިގޮތުން އަޅުގަނޑު ކިޔަވަން ނުފޮނުވުނު ނަމަވެސް ޤުރްއާން ކިޔަވައިދިނެވެ. ނަމާދުކުރަން ދަސްކޮށްދިނެވެ. ނަމާދުކުރަން އަހުލުވެރިކުރުވިއެވެ. ބުންޏެވެ. "ދަރިފުޅާއެވެ. ކޮންމެ ޙާލެއްގައި ކޮންމެ ތަނެއްގައި އުޅެންޖެހުނަސް ނަމާދު ނުއަޅާށެވެ. ސުންނަތްވެސް ކުރާށެވެ. ކޮންމެ ރެއަކުވެސް ދަމުނަމާދުކުރަންވާނެއެވެ. ދަމުނަމާދުކުރުމަށްފަހު ހެޔޮ ގޮތް މިންވަރުކުރެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ދެއްވަވާނެތެވެ." 

އެގޭގެ ބޭބެ އާއި ދައްތަވެސް އަޅުގަނޑަށް ވަރަށް ހެޔޮކޮށް ހިތައެވެ. ގެންގުޅުނީ އަޅުގަނޑަކީ އަޅައިލާނެ ނިކަމެތި ކުއްޖެކަން ދަނެގެންނެވެ. ދުވަހަކުވެސް ބާރަށް އެއްޗެއްވެސް ނުބުނެއެވެ. 

އެދެމްފިރިންގެ އަޅުގަނޑާއި އެއް ޢުމުރުގެ ފިރިހެން ކުއްޖަކު ހުރެއެވެ. ދެމީހުންގެ މެދުގައި ވަރަށް ގާތް އެކުވެރިކަން އޮވެއެވެ. ސަމާސަކޮށް ބައެއް ގޭމްވެސް ކުޅެމުއެވެ. އެގޭގައި އުޅެންފެށިތާ 2 ވަނަ އަހަރު އެ ޒުވާނާ އަޅުގަނޑު ދެކެ ލޯބިވާ ވާހަކަ އާއި ކައިވެނިކުރަން ބޭނުންވާހަކަ ބުނެފިއެވެ. 

އަޅުގަނޑު ގަތީ ބިރެވެ. ބުނީމެވެ. "އެއް ފެންވަރެއް ނޫނެވެ. މަންމަމެންނަށް އެނގިއްޖިއްޔާ ގެއިންވެސް ބޭރުކޮށްލައިފާނެއެވެ. ދާނީ ކޮންތަނަކަށް ހެއްޔެވެ؟" އެކަމަކުވެސް އޭނާ ދުލެއް ނުކުރެއެވެ. ދޭތެރެއަކުން އެވާހަކަ ދައްކައެވެ. 

އެއް ދުވަހަކު ބަދިގެތެރޭގައި މަސައްކަތްކުރަން ހުއްޓައި އެ ޒުވާނާ ފުރަގަހުން އައިސް އަޅުގަނޑުގެ ދެލޯމަތީގައި އަތްއެޅިއެވެ. އަތް އެޅުމުން ހީނގަނެވުނުތަނާ މަންމަ އާއި ބައްޕަ އެތަނަށް އަތުވެއްޖެއެވެ. ގަތްބިރެއްގެ ބޮޑުކަން ބުނަންވެސް ނުއެނގެއެވެ. ތުރުތުރުއަޅައިގަތެވެ. 

އެކަން މަންމައަށް ވިސްނުމުން ބުންޏެވެ. "ދަރިފުޅާއެވެ! ތިއަހެން ދެކުދިން ގައިގައި އަތްލައި އުޅެނިކޮށް ބޮޑު ގޯހެއް ހިނގައިފާނެއެވެ. ދެކުދިން އެކަކު އަނެކަކަށް ބަލާ ގޮތުންވެސް ދެކުދިންގެ މެދުގައި އޮންނަ ގުޅުން މަންމަމެންނަށް ވިސްނެއެވެ. ތިއައީ މަންމަމެންނަށްވެސް އައި ދުވަހެކެވެ. ގައިގައި އަތްލަން ބޭނުމިއްޔާ އަވަހަށް ކައިވެނިކުރާށެވެ! މަންމަމެން މިތިބީ އެހީތެރިވެދޭށެވެ!" 

ގަތް ލަދުން ދުއްވައިގަނެވުނެވެ. ގޮވާގެނެސް މަންމަ ބުންޏެވެ! "ކޮންމެ ރެއަކު ރޮމުން މާތް ﷲ އަށް ކުރަމުން އައި ދުޢާ ޢިޖާބަކުރައްވަވައިފިކަމަށް ޤަބޫލުކުރާށެވެ! މަންމައަށް ވަނީ އެދުޢާގެ އަޑުއިވިފައެވެ. އިރާދަކުރެއްވިއްޔާ އަހަރެމެން ދެމަފިރިންގެ ފަރާތުން ފެންނާނީ ދަރިފުޅު ދުޢާކުރަމުން އައިފަދައިން ދަރިފުޅާއި އަޅައިލުމާއި އުފާވެރިކަމެވެ. ލިބޭނީ ހިތްހަމަޖެހުމެވެ." 

އަޅުގަނޑު އެންމެ ބޮޑަށް ޙައިރާންވި ކަމަކީ އަޅުގަނޑު ނަމާދުކުރަނީ ކޮޓަރި ތަޅުލައިގެން އެކަނި އިނދެއެވެ. ދުޢާކުރަނީ ހިތުންނެވެ. އެއަޑު ބޭރަށް އިވުނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެއަކަސް އެއޮތީ އަޑުއިވިފައިތާއެވެ! 

ކޮންމެއަކަސް ކައިވެނިކުރެވުނެވެ. އެކައިވެނީގައި 20 އަހަރުވީއެވެ. މައިންބަފައިން ދުނިޔޭގައި ނެތްކަން އިޙްޞާޞްކުރާކަށް ނުޖެހެއެވެ. އެއްވެސް ކަމަކާއިހުރެ ފިރިމީހާ އާއި ދުވަހަކުވެސް ޝަކުވާކުރާކަށް ނުޖެހެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑަށް ހުރިހާ އުފަލެއް ލިބުނީވެސް ބޮޑުދައިތަގެ ނަޞޭޙަތަށް ޢަމަލުކުރުމުންނެވެ. ވީމާ އަޅުގަނޑު ބުނާނީ ބޮޑުދައިތަ އެދިން ނަޞޭޙަތުގައި ހިފަހައްޓައިފިނަމަ އެމީހަކަށް ދުނިޔޭގައި ދިރިއުޅެވޭނެ މަގެއް ދައްކަވާނެއެވެ. އެމީހަކު ދެރަވެ ނިކަމެތިވެގެން ނުދާނެއެވެ. އިން ޝާ ﷲ 

- ސާމިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން