އަނބިމީހާކަމަށްވިޔަސް އެއްވެސް މީހަކު ނިކަމެތިކޮށްލެވޭނެކަމަށް ހީކޮށް ކަންކަންކުރާ މީހާ ނިކަމެތިވުން މާގާތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އަނބިމީހާކަމަށްވިޔަސް އެއްވެސް މީހަކު ނިކަމެތިކޮށްލެވޭނެކަމަށް ހީކޮށް ކަންކަންކުރާ މީހާ ނިކަމެތިވުން މާގާތެވެ!

ތިމާއަކީ ކިތަންމެ ފައިސާވެރި އަދި ކިތަންމެ ބާރުލިބިގެންވާ މީހަކު ނަމަވެސް އަނބިމީހާވެސް  އަދި ކިތަންމެ ނިކަމެތި މީހާވެސް ނިކަމެތިކޮށްލެވިދާނެކަމަށް ހީކޮށް ކަންކަން ނުކުރާށެވެ! މީހުން ނިކަމެތިކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ބާރެއް ނޫނެވެ. މީސްތަކުން ނިކަމެތިކުރެއްވެވުމާއި މަތިވެރިކުރެއްވެވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ!  

އެކަލާނެ މަތިވެރިކުރަވަވަން އިރާދަކުރައްވަވާ އަޅަކު މަތިވެރިކުރައްވަވާނެތެވެ. ނިކަމެތިކުރައްވަވަން އިރާދަކުރައްވަވާ އަޅަކު ނިކަމެތިކުރައްވަވާނެތެވެ. މުޅި ދުނިޔެ އެކުގައި ނުކުތަސް ﷲ ތަޢާލާގެ އިރާދަފުޅު ބަދަލެއް ނުކުރެވޭނެއެވެ.  

ބައެއް މީހުން އަނބިން ދެކެ އަންނަ ރުޅީގައި ނިކަމެތިކޮށްލަން ބޭނުންވުމުން އެބަ ވަރިކުރެއެވެ. ނަމަވެސް އެއަންހެން މީހާއަށް ދެން ދެއްވަވާ ދިރިއުޅުން މާއުފާވެރިވެފައި މާފުރިހަމަވެގެން އެބަދެއެވެ. އެހާލަތުގައި އޭނާ ވަރިކުރިކަން ވެގެންދަނީ އޭނާއަށް ލައްވަވާ ނިޢުމަތަކަށެވެ.  

ބައެއް މީހުން ނިކަމެތިކޮށްލުމުގެ ބޭނުމުގައި އެބަ ވަޒީފާއިން ވަކިކުރެއެވެ! ދެން ލިބޭ ވަޒީފާއިން މާބޮޑު މުސާރަ އެބަލިބެއެވެ! އެހާލަތުގައި އޭނާ ވަޒީފާއިން ވަކިކުރިކަން ވެގެންދަނީ އޭނާއަށް ލެއްވެވި ރަޙްމަތެކެވެ.  

ވީމާ މިފަދަ ކަންކަމަށް ވިސްނާށެވެ! ﷲ ތަޢަލާގެ ރަހްމަތުން އެއްވެސް މީހަކު ބޭރުކުރެވޭނެ މީހަކު ނުހުންނާނެއެވެ. ﷲ ތަޢާލާ ދެއްވަވާ ރިޒުޤަށް ހުރަސް އެޅޭނެ މީހަކުވެސް ނުހުންނާނެއެވެ. ވީމާ ވަރިކުރުމުގެ ބާރާއި މަޤާމުގެ ބާރު ފަދަ ބާރުތައް ލިބުމުން ހެޔޮ ގޮތުގައި އެބާރުގެ ބޭނުން ހިފާށެވެ! ތިމާއަށް އެ ބާރު ދެއްވެވީ ﷲ ތަޢާލާކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތައނުލާށެވެ! ތިމާއަށް ދެއްވެވި ާރު ކޮންމެ ވަގުތަކުވެސް އަނބުރައި ގެންދަވައިފާނެ ކަމަށް ބިރުވެތިވާށެވެ!  

ހަމައެއާއިއެކު ރަމަޟާން މަސް ފަދަ މާތް މައްސަރެއްގައި އެއްވެސް މީހަކަށް ދެރައެއް ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާށެވެ. އެއިގެ ބަދަލުގައި ވީވަރަކުން މީހުންނަށް އެހީތެރިވެދީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން