މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުނީއެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވުނީއެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވުނީއެވެ.
އެކުވެރިންނޭވެ! ރޯދަހިފުމަކީ ހާރުކައިގެން މާދަމާ އާއިއެކު ނިދާފައި ޢަޞްރުވުމުން ތެދުވެ ރޯދަކުރުކޮށްލުމުން ކަމަށް ނުހަދާށެވެ! މަޣްރިބް ނަމާދުން ފެށިގެން ރަމަޟާންމަހުގެ ރޭއަޅުކަމަށް ފަށާށެވެ! ދެ ނަމާދު ދޭތެރޭގައިވެސް ވީވަރަކުން ކީރިތި ޤުރްއާން ކިޔެވުމުގައި ހޭދަކުރާށެވެ! ޢިޝާ ނަމާދާއި ތަރާވީހް ނަމާދުކޮށްގެން މިސްކިތުން ފައިބާށެވެ!
ކުޅިވަރުކުޅުމާއި މުނިފޫހިފިލުވުމުގައި ވަގުތުތައް އިސްރާފްނުކޮށް އަވަހަށް ނިދާފައި ރޭގަނޑުގެ ފަހުބައަށް އެޅުމުން ތެދުވެ ދަމުނަމާދުކުރާށެވެ! ފަތިސްނަމާދުން އަނެއް ދުވަސްފަށާށެވެ!
މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުން ރަމަޟާން މަހާއިމެދު ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ބެހެއްޓެވިއެވެ. އަދި އެމައްސަރު އަންނާތީވެ އެކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވަވަވައި ރަމަޟާންމަހާއި ބައްދަލުވުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވައެވެ. އަދި ރަމަޟާން މަސް ނިމިއްޖެނަމަ، އެމައްސަރުގައި ކުރި އަޅުކަން ގަބޫލުކޮށްދެއްވުން އެދި ދުޢާ ކުރައްވައެވެ.
އެމައްސަރުގެ ދުވާލުގެ ވަގުތު ތަކުގައި ރޯދައަށް ތިއްބަވައެވެ. އަދި ރޯދަ ބާޠިލްވެދާނެ ނުވަތަ އެރޯދައަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވެލައްވައެވެ.
ބޭކާރުވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުން ފަދަ ކަންތަކުން ސަލާމަތްވެ ތިއްބަވައެވެ. އެމައްސަރުގެ ރޭގަޑުގެ ވަގުތުތައް ރޭއަޅުކަން ކުރުމާއި ގުރްއާން ކިޔެވުމުގައި ހޭދަކުރައްވާ އެމައްސަރުގެ ރޭތައް އިޙްޔާ ކުރައްވައެވެ.
ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވެ، ކާންދީ، ޞަދަގާތް ކުރުން އިތުރު ކުރައްވައެވެ. ރޯދަވެރިންނަށް ރޯދަވިއްލާނެ އެއްޗެއް ދެވޭތޯ ބައްލަވައެވެ.
އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ރަމަޟާން މަސް ފެށުމާއިއެކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލައްވަވައި މަސް ނިމިގެންދަންދެން އެގޮތަށް ބަހައްޓަވާކަމެވެ. ވީމާ މަސްނިމިގެންދާއިރު ތިމާއަކީ އެއިން ދޮރުކޮޅަކުން ވަނުމުގެ ނަޞީބު ލިބިގެންދާ މީހަކަށް ވެވޭތޯ ޞަޙާބީން ފަދައިން މަސައްކަތްކުރަން ޖެހެއެވެ.
އެކަން ޙާޞިލުކުރެވެން އޮތީ ﷲ އަށް ކިޔަމަންތެރިވުމުގައި އެބޭކަލުންގެ (ޞަޙާބީންގެ)އަމިއްލަ ނަފްސުތަކުން ޖިހާދު ކުރެއްވެވިފަދައިން އަހަރެމެންވެސް ޖިހާދުކޮށް އަދި އެބޭކަލުން ފަދައިން ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި ދީނުގެ ޢަދާވާތްތެރިންނާއި ދެކޮޅަށް އެބޭކަލުން ޖިހާދު ކުރެއްވެވި ފަދައިން ޖިހާދުކޮށްގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން