ޞަޙާބީން މުޅިއަހަރު ހޭދުކުރައްވަވާފައިވަނީ ރަމަމާން މަހަށްޓަކައެވެ. ފުރަތަމަ 6 މަސް ދުވަހު ދުޢާކުރެއްވެވީ ކުރީއަހަރު ހިއްޕެވި ރޯދަތައް ޤަބޫލުފުޅުކުރެއްވެވުން އެދިވަޑައިގެނެވެ. ފަހު 6 މަސް ހޭދަކުރައްވަވަނީ ދެން ބައްދަލުވާ ރޯދަމަހަށް ތައްޔާރުވެވަޑައިގަތުމަށެވެ.
އަހުރެމެންނަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ރަމަޟާންމަސް އައިސް ޖެހުމުން ނުވަތަ ހަނދުބެލުމުން ކިތަންމެ ވަރަކަށް ތެޅިފޮޅުނަސް އެންމެ އެދޭ މީންވަރަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެންވީމާ މިއަހަރުގެ ރަމަޟާންމަހާއި ކުރިމަތިލާންވީ އެމީހަކަށް ތައްޔާރުވެވިފައިވާ ވަރަކުންނެވެ. ކަންކަން ކުރަން މަސައްކަތްކުރަންވީ އެމީހަކަށް ކުރެވޭނެ ވަރަކުންނެވެ. އެގޮތަށް ޢަމަލުކުރަމުން ފުރިހަމައަށް ތައްޔާރުވެގެން އަންނަ އަހަރުގެ ރަމަޟާން މަހާއި ބައްދަލުކުރަން މިހާރުންސުރެ ޢަޒުމް ކަނޑައަޅައި ނިޔަތްގަނެ މަސައްކަތްވެސް ފަށާށެވެ.
އެހެން މީހުން ގިނައިރު މިސްކިތުގައި ތިބޭތީ ތިމާވެސް އިންނަން ވިސްނަންވާނީ މިސްކިތުގައި އިނދެގެން އެންމެ ކުޑަމިނުން ޛިކުރުކުރެވޭނެ ނަމައެވެ. މިސްކިތުގައި އިނދެގެން ފޯނުން ސޯޝަލް މީޑިއާއަށް ވަދެ ރޯދައަށް ގެއްލުންވާނެ ކަންކަން ކުރަން އިނުމުގެ ބޭނުމެއް ނެތެވެ. އެޙާލަތުގައި އޮތީ މިސްކިތުން ފައިބައި އެމީހަކަސް ފައިދާކުރާނެ ހެޔޮ ޢަމަލެއް ކުރުމުގައި ވަޤުތުތައް ހޭދަކުރުމެވެ. ކުރާނެ މަސައްކަތެއް ނެތްނަމަ ގެއަށްގޮސް ގޭގައި ޢާއިލާއާއިއެކު ވަޤުތު ހޭދަކުރުމުންވެސް އެކުރެވުނީ ހެޔޮ ޢަމަލެކެވެ.
ތަރާވީޙް ދިގުކޮށްކުރަންވީވެސް އެހެން މީހުން ކުރާތީއެއް ނޫނެވެ. އެމީހަކަށް ޚުޝޫޢަތްތެރިވެވޭނެ ނަމައެވެ. ނުވަތަ ޚުޝޫޢަތްތެރިވާން މަސައްކަތްކުރަމުންނެވެ. ކުރާ ނަމާދުގެ ފައިދާކުރާނީ އެއިރުންނެވެ. ކޮޅަށް ހުންނަންޖެހޭ ވަޤުތު ގިނަވާތީ އެކަމަށް ހިތުގައި ޝަކުވާ އުފައްދަމުން ގިނަ ރަކްޢަތްތަކެއް، ނުވަތަ ދިގުކޮށް ކުރަން މަސައްކަތްކުރުމުން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟
ރަމަމާން މަހަކީ ތަކްލީފަކަށް ނުހަދަން މިބުނަނީ އެހެންވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން