ބަރަކާތްތެރި ރަމަމާން މަސް ފެށުމުން ޢިޝާ ަމާދަށްފަހު ގިނަ ބައަކު މިސްކިތުން އަންނަނީ ތަރާވީޙްކޮށްގެންނެވެ. އެއެންމެންނަކީ ދަންވަރުކުރާ ދަމުނަމާދުކުރާ ބައެއް ނޫނެވެ. ދަމުނަމާދު ނުކުރިނަމަވެސް އެންމެންގެ މައްޗަށްވާޖިބުވެގެންވާ ނަމާދެއް އެބައޮތެވެ. އެއީ ފަތިސް ނަމާދެވެ.
ޢިޝާ ނަމާދުކޮށްގެން ނުނިދާ ހޭލައި ތިބުމާއި ފަތިސްނަމާދާއި ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އެެހންކަމުން މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެއް ގެނެސްދޭނަމެވެ.
ޢިޝާ ފަހުން ދެކެވޭ ވާހަކަތައް ތިންބަޔަކަށް ބެހިގެންވެއެވެ. އެއީ މަކްރޫހަ އަދި ޙަރާމް ދަރަޖައިގެ ވާހަކަ އާއި، މުބާޙް ދަރަޖައިގެ ވާހަކަ އާއި، މަންދޫބު ދަރަޖައިގެ ވާހަކަ އެވެ.
މަކްރޫހަ އަދި ޙަރާމް ދަރަޖައިގެ ވާހަކަ ޢިޝާފަހުން ދެއްކުމުގެ ނުބައިކަން އިތުރުވެގެންވެއެވެ. އެއީ ދޮގުހެކި ދިނުމާއި، ޣީބަ ބުނުމާއި، ފިލްމު ބެލުމާއި، ލަވައަޑު އެހުމާއި، ދެބައޮޑުވުން ފަދަ ކަންތަކެވެ. މިފަދަ ވާހަކަ ތަކަކީ އެއްވެސް ވަގުތެއްގައި ދެއްކުން ހުއްދަ ވެގެންވާ ވާހަކަ ތަކެއް ނޫނެވެ. އެހެންނަމަވެސް ޢިޝާގެ ފަހުން މިފަދަ ވާހަކަ ދެއްކުމުގެ ނުބައިކަން އިތުރުވެގެންވެއެވެ.
މުބާޙް ދަރަޖައިގެ ވާހަކަ އަކީ ދުނިޔަވީ ވާހަކަ ތަކެވެ. މިފަދަ ވާހަކަތައް ދެއްކުމުގައި ޢިޝާފަހުން ހުންނެވުމަށް ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ނުރުހުންވެ ވަޑައިގަތެވެ. ސަބަބަކީ އެވަގުތުގައި ވާހަކަ ދައްކަން ތިބެ، މަޖްލިސް ދިގުދެމިގެން ގޮސް، ފަތިސްނަމާދުގެ ވަގުތަށް ހޭނުލެވުން އެކަށީގެންވާތީވެއެވެ.
ޢިޝާގެ ފަހުން ދެއްކުން މަންދޫބު ދަރަޖަ ލިބިގެންވާ ވާހަކަ އަކީ ދީނުގެ ޢިލްމު މުޠާލަޢާ ކޮށް ދިރާސާ ކުރުމެވެ. އަދި މިނޫންވެސް ދެދުނިޔޭގެ ފައިދާ ހުރި ވާހަކަ ތައް ދެއްކުމެވެ.
ދެނަމާދުދޭތެރޭގައި ނިދުން:
(عَنْ أَبِي بَرْزَةَأَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَكْرَهُ النَّوْمَ قَبْلَ الْعِشَاءِ وَالْحَدِيثَ بَعْدَهَا)
މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަބޫބުރްޒާގެ ކިބައިން ރިވާވެގެންވެއެވެ. ޢިޝާގެ ކުރިން ނިދުމާއި ޢިޝާގެ ފަހުން ވާހަކަ ދެއްކުމަށް އެކަލޭގެފާނު ނުރުހުންވެލެއްވިއެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުން މަޣްރިބް ފަހުން ނިދުން މަނާ ކުރައްވާފައިވަނީ ޢިޝާ އަށް ހޭނުލެވިދާނެތީވެއެވެ. އެހެންނަމަވެސް ޢިޝާ އަށް ގޮވާނެ މީހަކު ހުރެއްޖެނަމަ، ނުވަތަ ހޭލެވޭނެ ކަމުގެ ޔަގީންކަން އޮތްމީހާ މަޣްރިބް ފަހުން ނިދާލިޔަސްވެސް މައްސަލައެއް ނެތް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް