ކަނބަލުންނޭވެ! އެހެންކަމެއް ނުކޮށް މުޅި ދުވަސް ބަދިގޭގަ ހޭދަކުރިޔަސް އެންމެންގެ ރުހުމެއްނުހޯދޭނެ! ﷲ ގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ހޯދަން މަސައްކަތްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކަނބަލުންނޭވެ! އެހެންކަމެއް ނުކޮށް މުޅި ދުވަސް ބަދިގޭގަ ހޭދަކުރިޔަސް އެންމެންގެ ރުހުމެއްނުހޯދޭނެ! ﷲ ގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ހޯދަން މަސައްކަތްކުރޭ!

ތިބާގެ ފިރިން، އަނބިން، ޢާއިލާގެ މީހުންނާއި އެކުވެރިން މިހެން ގޮސް އެންމެންވެސް ތިބާ ދެރަކޮށް ނިކަމެތިކުރާނެއެވެ. ހިތްދަތިކުރާނެއެވެ. ތިބާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސް ދެއްވަވާނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. ކޮންމެ މުސްލިމަކުވެސް މިތިބީ އެކަން ޤަބޫލުކޮށްގެންނެވެ.

ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން އަނެއްކާވެސް އުފާވެރިކަމާއި ބަރަކާތުން ފުރިގެންވާ ރަމަޟާން މަހެއް މިވަނީ ބައްދަލުކޮށްފައެވެ. ރަމަޟާން މަހަކީ އުފާވެރިކަމުގެ މައްސަރެއް ކަމަށް ބުނުމުން އެއީ ކީއްވެގެން ބުނާ ބުނުމެއް ކަމާއިމެދު ބައަކު ސުވާލު އުފައްދާނެއެވެ. އެމީހުންނަށް ބުނަން އޮތީ ރަމަޟާން މަހަށްވުރެ އުފާވެރިކަން ބޮޑު މައްސަރެއް ހަމަ ނެތް ކަމަށެވެ.  

ސަބަބަކީ ރަމަޟާންމަހަކީ އެންމެ ގިނަ ބައެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާ މައްސަރުކަމަށްވާތީ އެވެ. މުސްލިމަކަށް ލިބޭނެ އެއަށްވުރެ ބޮޑު އުފާވެރިކަމެއް އޮންނާނެ ހެއްޔެވެ؟  

ވީމާ ރަމަމާން މަހުގެ ދުވަސްތަކާއި ރޭތައް ބޭނުންކުރަންވީ މީހަކު ބައެއްގެ ހިތްހަމަޖައްސައިދިނުމަކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ތިމާއަކީ މިމަހުގައި ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ތިމާ ހިމެނޭތޯއެވެ؟  

ލޮބުވެތި ކަނބަލުންނަށް ބުނެލަން އޮތީ ރޯދަވީއްލަން ހެދޭ ބާވަތްތައް މަދުވެގެން މީހަކު ނުވަތަ ބައަކު ރުޅިއަތުވެދާނެކަމަށް ބަލައި މުޅި ދުވަސް ބަދިގޭގައި ހޭދަނުކުރާށެވެ! ބަދިގޭގައި އުޅެންވެސް ވަޤުތެއް ކަނޑާއަޅާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރަންވެސް ވަޤުތުތަކެއް ކަނޑައަޅާށެވެ! އެއަށްފަހު ބަދިގޭގައި ކުރަން ހުންނަ މަސައްކަތް އެންމެ ފުރިހަމަކުރަން، ﷲ ތަޢާލާއަށް ކަނޑަޅާ ވަޤުތުން ބައެއް ބަދިގެއަށް ނުދޭށެވެ!  

ތިބާ އެއްވެސް އެހެންކަމެއް ނުކޮށް މުޅި ދުވަސް ބަދިގޭގައި ހޭދަކުރިނަމަވެސް އެންމެންގެ ރުހުމެއް ނުވެސް ލިބޭނެއެވެ! ނުވެސް ހޯދޭނެއެވެ! އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ! އެހެނެއް ކަމަކު ﷲ ތަޢާލާއަށް ދޭންޖެހޭ ވަޤުތު ދޭނަމަ އެކަލާނގ ރުހިވޮޑިގަތުން ލިބޭނެއެވެ! އެކަމުގެ ސަބަބުން ރަމަޟާން މަސް ކާމިޔާބުކުރެވި ސުވަރުގެ ވެދެވޭނެއެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން