ދަސްކުރާ ޤުރްއާނާއި ދީނުގެ ޢިލްމް ހަނދާން ނެތުމަކީ ލެއްވެވި ބޮޑު ކޯފާއަކަށްނުވެ ސަލާމަތްވެވޭނެ މަގު!: : މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދަސްކުރާ ޤުރްއާނާއި ދީނުގެ ޢިލްމް ހަނދާން ނެތުމަކީ ލެއްވެވި ބޮޑު ކޯފާއަކަށްނުވެ ސަލާމަތްވެވޭނެ މަގު!: : މުފްތީ މެންކް

ބައެއް މީހުންނަށް ޢިލްމު އުނގެނެވެނީވެސް ހިތުދަސްކުރެވެނީވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ. އެހައި ބުރަ މަސައްކަތުން ދަސްކުރުމަށްފަހު ހަނދާނުން ފުހެވިގެންދާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެހެނަސް އެއީ މެދުވެރިވާ ކަމެކެވެ. ބައެއް މީހުންނަށް ހަނދާންނެތެނީ ބައްޔަކުންނެވެ. އަނެއް ބައަކަށް އެކަން މެދުވެރިވާ ސަބަބުތަކެއް އެބަހުއްޓެވެ.

ބައްޔަކުން ކަމަށްވާނަމަ އެކަމަށް ފަރުވާކުރަން މަސައްކަތްކުރާނީއެވެ. ތިމާގެ ފުށުންކަމަށްވާނަމަ އެ ސަބަބު ނައްތާލަން މަސައްކަތްކުރާނީއެވެ.

ދަސްކުރާ ތަކެތި، ޚާއްޞަކޮށް ދީނުގެ ޢިލްމް (ޤުރްއާން އާއި ޙަދީޘް، ޛިކުރް، ދުޢާ،( ހަނދާން ނެތުމަށް މެދުވެރިވާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއިގެ ތެރޭގައި ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުން، ފާފަތައް ކުރުން، ތެދުވެރިނުވުން,، މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުން، އަނިޔާވެރިވުން، ޙަރާމްތަކެތި ކެއުން ފާހިޝް ޢަމަލުކުރުން ފަދަ ސަބަބުތައް ހިމެނެއެވެ.

މިފަދަ ކަންކަން ކުރާނަމަ ހަމައެކަނި ދަސްކުރާތަކެތި ހަނދާން ނެތެނީއެއް ނޫނެވެ. ހިތް ހަރުވެގެންދެއެވެ. ހިތުން ރަނގަޅުކަންކަން ފިލައިގެންދެއެވެ. އަޅުކަންކުރާ ހިތް ނެތިގެންދެއެވެ. އަދި އެންމެ ކުޑަމިނުން ﷲ ތަޢާލާ އެންގެވިމަގުން ހެދުން އެޅުންވެސް އޮންނަނީ ވަރަށް ބޮޑު ބުރައކަށްވެފައެވެ.

ހެދުން އެޅުމުގެ ވާހަކަ ދައްކާއިރަށް ގިނަ މީހުންނަށް ހީވާނީ އެދައްކަނީ އަންހެނުން ޙިޖާބް އެޅުމުގެ ވާހަކަ ކަމަށެވެ. އަންހެނުން ފަދައިން ފިރިހެނުންވެސް ނިވައިކުރަންޖެހޭ ސަރަހައްދުތަކެއްވެއެވެ. ހަމައެކަނި ފޫޅާއި ކަކުލާއި ދެމެދު ނިވާކުރުމަކުން ނުފުދެއެވެ. މޭމަތިވެސް ނިވާކުރަން ޖެހެއެވެ.

އިންސާނާއަށް މިފަދަ ޙާލަތު ކުރިމަތިވަނީ ކުރިން ބުނިފަދައިން ފާފަތައް ކުރެވި އަދި ތައުބާވެސް ނުވެވޭތީއެވެ! ވީމާ ދަސްކުރާތަކެތި ހަނދާންނެތޭ ޙާލަތަށްދާނަމަ ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭނެއެވެ! ފާފަކުރުމުން ދުރުހެލިވެ ތައުބާވުން ގިނަކުރަން ޖެހޭނެއެވެ. އަދި ދަސްކުރާ ތަކެތި ހިތުގައި ހަރުލައްވަވައި ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ!

ކަންކަން ދަސްކުރުމުގެ ކުޅަދާނަކަން ލިބިގެންވަނީވެސް އަދި ހިތުގައި ހަރުލައްވައި ބެހެއްޓުމުގެ ބާރު ލިބިގެންވަނީވެސް އެކި މިންވަރަށެވެ. އެހެންކަމުން އެކަމަށް މަސައްކަތްކުރަންޖެހޭނީވެސް އެކި މިންވަރަށެވެ. ވީމާ ދަސްކުރާތަކެތި ހިތުގައި ހަރުލައްވަން ގަދައަޅައި މަސައްކަތްކުރަންވެސްވާނެއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން