ނިކަން ޢަޖުމަ ބަލައިލަބަލަ! މިއީ ރިޒްޤް ތަނަވަސްވެ ޢާއިލީ މައްސަލަތައް ޙައްލުކުރެވި އުފާވެރިކަން ލިބެން މަގުފަހިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ނިކަން ޢަޖުމަ ބަލައިލަބަލަ! މިއީ ރިޒްޤް ތަނަވަސްވެ ޢާއިލީ މައްސަލަތައް ޙައްލުކުރެވި އުފާވެރިކަން ލިބެން މަގުފަހިވާ ކަމެއް!

މިބުނަނީ ވަރަށް ގިނަ ޢާއިލާތަކަކުން ފަރުވާކުޑަކޮށްލައި އަޅައިނުލައި ދޫކޮށްލާފައިވާ ކަމެއްގެ ވާށހަކައެވެ. މަސައްކަތް ބުރަކަން ބަހަނާއަކަށް ދައްކައި ނުކުރާ ކަމެކެވެ. އެކަމަކުވެސް މިއީ ކިތަންމެ މަސައްކަތްބުރަނަމަވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ މިއީ ކޮށްލަން އެހައި ފަސޭހަވެސް ކަމެކެވެ.

ޢާއިލާއަށް ރިޒްޤް ތަނަވަސްވުމަށް އެދޭނަމަ ނިކަން ދުވާލަކު އެންމެ ފަހަރަކު ނަމަވެސް ޢާއިލާގެ އެންމެން އެކުގައި އެއްމޭޒުކައިރީގައި ތިބެގެން ބިސްމިﷲ ކިޔައިގެން ކާން އާދަކޮށްބަލާށެވެ! ލައްވަވާ ބަރަކާތާއި ރަޙްމަތް ފެނިގެންދާނެއެވެ.

ކެއުމަށްފަހު ﷲ ތަޢާލާއަށް ޙަމްދުކޮށް އެކަމުގެ ނަމޫނާ ދަރިންނަށް ދައްކާށެވެ! އެކަމުގެ ސަބަބުން ދަރިންގެ ކިބައިގައި އެ ރަނގަޅުއާދަ ހަރުލާނެއެވެ. އަދި އެކުދިން ބޮޑެތިވެ ކައިވެނިކޮށް ލިބޭ ދަރިންނަށްވެސް އެ އާދަ ދަސްކޮށްދޭނެއެވެ.

ބިސްމިﷲ ކިޔައި ކާންފަށަނީވެސް އަދި ކައި ނިމުމުން ދެއްވެވި ރިޒްޤަށް ޝުކުރުވެރިވެ ޙަމްދުކުރަނީވެސް ރިޒްޤް ދެއްވަވަނީ ﷲ ތަޢާލާ ކަމުގައިވާތީއެވެ. ރިޒްޤް އިތުރުވުމަށް އެދޭ މީހާއަށް އޮތީ ދއްވެވި ރިޒްޤަށް ޝުކުރުވެރިވުމެވެ.

ދުވާލަކު އެންމެ ފަހަރަކުވެސް ޢާއިލާގެ އެންމެން އެކުގައި އެއް މޭޒުގައި ކާނަމަ އެންމެން ބައްދަލުވާނެއެވެ. ކަންކަމަށް މަޝްވަރާކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. ޚިޔާލުތަފާތުވުންތައް ނައްތާލައި ޢާއިލީ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. މިއީ ތަޖުރިބާއިން ޔަޤީންކުރެވޭ ކަންކަމެވެ!

ވީމާ ރިޒްޤް ތަނަވަސްވުމަށާއި ޢާއިލާގެ ގުޅުން ބަދަހިވުމަށް އެދޭނަމަވެސް މަދުވެގެން ދުވާލަކު އެންމެ ފަހަރަކު ނަމަވެސް އެންމެން އެއް މޭޒުދޮށުގައި ތިބެ ކެއުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން