އަންހެނުންވެސް މަޣްރިބް ނަމާދުކުރަންވީ މިސްކިތުގައިތޯ ތިއަ ސުވާލުކުރީ އަހުރެންގެ ކިބައިން ކޮން ޖަވާބެއް ލިބޭނެ ކަމަށް ހެއްޔެވެ؟ ވަރަށް ކެރިހުރެގެން މިބުނަނީއެވެ. މަޣްރިބް ނަމާދަށް ގޮވުމުން ގޭގައި ވަޤުތުން ނަމާދުކުރެވެން ނެތް، އަދި ދަރިން ގޮވައިގެން ނަމަވެސް މިސްކިތަށް އައުދެވެން ތިބި ހުރިހާ އަންހެނުން ޖަމާޢަތަށް މިސްކިތަށް އަންނަންވީއެވެ.
އެންމެ ބޮޑު އެއް ސަބަބަކީ އެންމެންނަށް ކާންދީ ނިމިގެން ގޭގަ މަޣްރިބް ނަމާދުކޮށްގެން ތާހިރުވެގެން ތަރާވީޙް ނަމާދުކުރަން މިސްކިތަށް ދާނެ ވަޤުތު ނުލިބޭކަމެވެ. ހަމައެއާއިއެކު މަޣްރިބް ނަމާދު ކުރަންވެސް ގިނަ އަންހެނުންނަށް އުނދަގޫވާކަމެވެ.
ބަލަ ރޯދަހިފާ ޢުމުރުގެ ދަރިން ތިބިނަމަ އެދަރިން ގޮވައިގެން މަންމަ އާއި ބައްޕަވެސް މިސްކިތަށް އަންނާށެވެ! މަޣްރިބް ނަމާދަށް ގޮވުމުން އޮތީ ރޯދަވީއްލަން ބޮޑު ކެއުމެއް ކެއުން ނޫންކަމާއި އަރާމުކުރުމާއި ފިލްމުތައް ބެލުން ނޫން ކަމާއި ލިބޭނަމަ ކަދުރުއޮށަކުން ނޫންނަމަ ފެންފޮދަކުން ރޯދަ ވީއްލައި ޖަމާޢަތުގައި މަޣްރިބްނަމާދު ކުރުންކަން ދަރިންނަށް ދަސްކޮށްދެވޭނީ އެއިރުންނޫންހެއްޔެވެ؟
މިދައްކަނީ މަޣްރިބް ނަމާދަށް ގޮވުމުން ދަރިން ގޮވައިގެން މައިންނަށް ގޭގައި ނަމާދުކުރެވެން ހުރި ގޭގޭގެ ވާހަކައެއް ނޫނެވެ. އެޙާލަތު ނެތް ގޭގޭގެ ވާހަކައެވެ. ނަމާދުކުރުވަންޖެހޭ ޢުމުރުގެ ދަރިން ތިބިނަމަ އެކުދިން ނުލައި މަޣްރިބް ނަމާދުގެ ޖަމާޢަތަށް ބައްޕައިން އަންނަން ހެޔޮނުވާނެއެވެ.
އެއީ އެކުދިންގެ މައްޗަށް އަދި ނަމާދު ފަރުޟުނުވިނަމަވެސްމެއެވެ. ބަލަ ފަރުޟުވީމާ ފަރުޟުއަދާކުރެވޭނީ އެކަމަށް ތަރުބިއްޔަތުކޮށްފައި ހުރިނަމަ ނޫންހެއްޔެވެ؟
ފިރިންނަށް އޮތީ މަޣްރިބް ނަމާދުން ފައިބައިގެން ގެއަށް ގޮސް ދެފައިވައްކޮށްލާފައި ނުވަތަ ބޮޑުގޮނޑީގައި އިށީނދެފައި ސުފުރާއަށް ކާނެތަކެތި ގެންނަން އަނބިމީހާއަށް އަމުރުކުރުމެއް ނޫނެވެ. އަނބިމީހާއަށް މަޣްރިބް ނަމާދުނުކުރެވިހުރިނަމަ އޭނާއަށް ނުކުރެވިހުރި މަސައްކަތާއި (ދަރިންބެލުމާއި) ޙަވާލުވެ އަނބިން ލައްވައި ނަމާދުކުރުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނިކަން ފަހުދިހައިގައި އެކަނިވެސް މިފަދައިން ޢަމަލުކޮށްލައިބަލާށެވެ! ދިރިއުޅުމަށް އަންނަ ހެޔޮބަދަލު ފެނިގެންދާނެއެވެ. އިން ޝާ ﷲ
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން