ގިނަ އަނބިންނާ ކައިވެނިކުރުމާ އަދި ވަރިއަށް އެދުމުގަ ދެނެގަންނަން ޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 11ސ
ގިނަ އަނބިންނާ ކައިވެނިކުރުމާ އަދި ވަރިއަށް އެދުމުގަ ދެނެގަންނަން ޖެހޭ ކަންކަން-

ފިރިހެނަކަށް ހަތަރު އަނބިން އެއްފަހަރާ ގެންގުޅުމަކީ އިސްލާމްދީނުގައި ހުއްދަ ދެއްވާފައިވާ ކަމެކެވެ. މިކަމަށް އިންކާރު ކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. 

"ޔަތީމުންނާއި މެދު ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ބިރުގެންފިނަމަ އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްހަމަޖެހޭ ބަޔަކާ ކާވެނިވެ އިންނާށެވެ. ދޭކެވެ. އަދި ތިނެކެވެ. އަދި ހަތަރެކެވެ. ދެންފަހެ ތިޔަބައިމީހުންނަށް ޢަދްލުވެރި ނުވެވޭނެކަމަށް ހީވެ ތިޔަބައިމީހުން ބިރުގެންފިނަމަ އެކެކެވެ. ނުވަތަ ތިޔަބައިމީހުންނަށް މިލްކުވެގެންވާ ބައެކެވެ. އެގޮތް ތިޔަބައި މީހުން ޙައްގުމަގުން އެއްކިބާ ނުވުމަށާއި، އަނިޔާވެރި ނުވުމަށް ގާތްކަން ބޮޑެވެ".

(ސޫރަތުއް ނިސާގެ 3 ވަނަ އާޔަތް). 

މިއާޔަތުން ވަރަށް ސާފުކޮށް ދޭހާވަނީ ފިރިހެނަކަށް އެއްފަހަރާ ހަތަރު މީހުންނާ އިނުމަކީ އިސްލާމް ދީން ހުއްދަ ދެއްވާފައިވާ ކަމެއް ކަމެވެ. މިކަމާއި މެދު ގައި މުޅި އުއްމަތް އިޖްމާޢު އެވެ. އެއްވެސް ޢިލްމުވެރިޔަކު މިކަމާއި މެދުގައި ޚިލާފުވެލައްވާފައެއް ނުވެއެވެ. 

އެކަކަށްވުރެ ގިނަމީހުންނާ އެއްފަހަރާ ކައިވެނި ކުރުމުގައި ޝަރްޠު ތަކެއްވެއެވެ.އެއީ: 

1.    އަނބީންގެ މެދުގައި ޢަދްލުވެރިވުން. މާތް ﷲ ގެ ވަޙީބަސްފުޅުގެ މާނާގައިވެއެވެ. " ދެންފަހެ ތިޔަބައިމީހުންނަށް ޢަދްލުވެރި ނުވެވޭނެކަމަށް ހީވެ ތިޔަބައިމީހުން ބިރުގެންފިނަމަ އެކެކެވެ". އެހެންކަމުން އެކަކަށްވުރެ ގިނަ މީހުންނާއި އެއްފަހަރާ އިނދެގެން އުޅޭ އިރުގައި އަނބީން ގެ މެދުގައި ޢަދުލުވެރި ނުވެވޭނެ ކަމަށް ހީވެއްޖެނަމަ އިތުރު ކައިވެންޔެއް ކުރުމަކީ އެމީހެއްގެ ޙައްގުގައި މަނާކަމެކެވެ. 

ޢަދުލުވެރިވުމޭ ބުނެވުނު ބަހުގެ މަގްޞަދަކީ ޚަރަދު ދިނުމުގައްޔާއި، އަންނައުނު ދިނުމުގައި، އަދި ރޭކުރުމުގައި ހުރިހާ އަނބީންގެ މެދުގައި އިންޞާފުވެރިކޮށް، ހަމަހަމަކޮށް ކަންތައް ކުރުމެވެ. ހިތުގެ ލޯބީގެ ވާހަކަ އެއް ނޫނެވެ. އެއީ އެއްވެސް އިންސާނަކަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް ނޫނެވެ. ކީރިތި ގުރްއާނުގެ ނިސާ ސޫރަތުގެ 129 ވަނަ އާޔަތުގައި އެވާ "ތިޔަބައިމީހުން އެކަމުގެ މައްޗަށް ދަހިވެތިވެ ރައްކައުތެރިވިނަމަވެސް، އަނބިންގެ މެދުގައި ޢަދުލުވެރިވުމަކަށް ކުޅަދާނަވެގެންނެއް ނުވެއެވެ" އޮތް ބަހުގެ މުރާދަކީ ހިތުގެ ލޯބީގެ ވާހަކައެވެ. 

2.    އަނބީންނަށް ޚަރަދު ކުރުމުގެ ކުޅަދާނަކަން ތިމާގެ ކިބާގައި ހުރުން. މިކަމުގެ ދަލީލަކީ ކީރިތި ގުރްއާނުގެ ނޫރު ސޫރަތުގެ 33 ވަނަ އާޔަތެވެ. އާޔަތުގެ މާނައަކީ: "ކާވެނިވުމުގެ މަގެއް (ޚަރަދުބަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން) ނުފެންނަ މީހުން، ޢިއްފަތްތެރިވެގެން ހުންނަހުށިކަމެވެ. (ޢިއްފަތްތެރިވުމަކީ، ދީނީ އަދި އަޚްލާގީ ހަމަތަކުން މަނާވެފައިވާ ކަންތައްތައް ނުކޮށް ހުރުމެވެ). މާތް ﷲ އެކަލާންގެ ދީލަތިވަންތަކަމުގެ ތެރެއިން އެބައިމީހުން މުއްސަނދި ކުރައްވައި، އެކަންފުއްދަވައި ދެއްވައިފުމަށް ދާންދެނެވެ". ކާވެނި ކުރުމަށް ކުޅަދާނަކަން ލިބިގެން ނުވުމޭ ބުނެވުނު ބަހުގެ މުރާދަކީ އަނބިމީހާ އަށް ޚަރަދު ކުރުމާއި ކައިވެނީގެ ރަންދިނުން ފަދަ ކަންތަކަށް ނުކުޅެދުންތެރިވުމެވެ. އެހެންކަމުން މިފަދަ މީހުން ކައިވެނި ކުރުމުގެ ބަދަލުގައި ރޯދަ ހިފުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރްޝާދު ދެއްވާފައިވެއެވެ. 

އެކަކަށްވުރެ ގިނަ މީހުންނާއި ކައިވެނި ކުރުމަށް ހުއްދަދެއްވުމުގެ ޙިކްމަތްތައް: 

1.    ގިނަމީހުންނާ ކާވެނި ކުރުމަކީ އުއްމަތުގެ ޢަދަދު ގިނަވުމަށް މަގުފަހިކޮށްދޭ ކަމަކަށް ވުން. އެކަކާއި އިނދެގެން ލިބޭދަރިންނަށް ވުރެ ގިނަ ދަރިން ގިނަ މީހުންނާއި އިނުމުން ލިބޭނެކަން. ބުއްދިވެރި އެންމެންނަށްވެސް އެގޭނެފަދައިން އުއްމަތުގެ ކާމިޔާބީ ބިނާވެގެންވަނީ އުއްމަތުގެ ބޯގިނަވުމުގެ މައްޗަށެވެ. އަދި އިގްތިޞާދު ވަރުގަދަވާނީވެސް މަސައްކަތްކުރާމީހުން އިތުރުވުމުން ކަމަށް ވާތީއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަގޮތުން ދަރިންގިނައިން ލިބުމުން ބިމުގެ ތާށިކަން އިތުރުވެގެންދެއެވެ. އެހެންނަމަވެސް ޙަގީގަތަކީ އެޔެއް ނޫނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ދަރިފުޅަކާއި އެކުވެސް އެކުއްޖެއްގެ ރިޒްގު ތަނަވަސްކޮށްދެއްވައެވެ. އިންސާނުންނަށް އޮތީ އެރިޒްގު ހޯދުމަށް މަސައްކަތް ކުރުމެވެ. އަތްއުރާލައިގެން ތިބުމަކުން ރިޒްގެއް ނާންނާނެއެވެ. މިކަމުގެ އަލިގަދަ ހެއްކަކީ ޗައިނާއެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކީ ޗައިނާއެވެ. މިއަދު ދުނިޔޭގެ އެންމެ އުފެއްދުންތެރިކަން ބޮޑު، އެންމެ ބާރުގަދަ އެއްގައުމަކީ ޗައިނާއެވެ. އެހެންކަމުން ދުނިޔޭގެ ބާރުތަކުން ޗައިނާ އާއި ކުޅެލުމަށް ޖެހިލުންވެއެވެ. 

2.    ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ފިރިހެނުނަށްވުރެ އަންހެނުންގެ އާބާދީ ބޮޑެވެ. ކޮންމެ ފިރިހެނަކުވެސް އެންމެ އަންހެނަކާއި ކައިވެނި ކޮށްލައިގެން ފުއްދާލައިފިނަމަ، މުޖްތަމަޢުގައި ފިރިޔަކު ނެތި އެތައް އަންހެނުންނެއް ތިބޭނެއެވެ. އެކަބަލުންގެ ޢިއްފަތްތެރިކަން ސަލާމަތްކޮށްދޭނެ ފިރިހެނަކުނުވެ، މަގުމަތީގައި ބިޗާރީވެގެން އުޅެން ޖިހިދާނެއެވެ. މީގެ ސަބަބުން އެކަބަލުންގެ އެތައް ޙައްގުތަކެއް ގެއްލި، މުޖްތަމަޢު ފާސިދުވެގެން ހިނގައިދާނެއެވެ. ރސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ."ތިޔަބައިމީހުންގެ އަމިއްލަ ނަފްސަށް ކުރާ ލޯބި އެނެއް އަޚާ އާއި މެދުވެސް ކުރުމަށް ދާންދެން ފުރިހަމަ އަށް އީމާންވި ކަމުގައި ނުވާނެއެވެ". 

3.    ފިރިހެނުންނަކީ ޙާދިޘާ ތަކާއި ކުރިމަތިވުން ގާތްމީހުންނެވެ. ދިރިއުޅުމަށް ބުރަމަސައްކަތްކޮށް، ހަނގުރާމާއިގެ މައިދާނުގައި ބައިވެރިވާން ޖެހެނީވެސް ފިރިހެނުންނަށެވެ. މިހެން އުޅުމުގެ ތެރޭގައި ފުރާނަގެއްލިއްޖެނަމަ، އަނބިމީހާ ހުވަފެންވެ، ދަރިންކޮޅު ޔަތީމުވެ ކަންތައްތަކެއް މެދުވެރިވާނެއެވެ. މިފަދަ ކަންތަކުގައި އޮތް ޙައްލަކީ ފިރިހެނުން އިތުރު ކައިވެންޔެއް ކުރުމެވެ.  

4.    ފިރހެނުންގެ ތެރޭގައި ޝަހުވަތްތެރިކަން ވަރުގަދަ މީހުން ހިމެނޭކަން. އެފަދަ މީހުންނަށް އެންމެ އަންބަކު ނުފުދޭކަން. މިފަދަ މީހެއްގެ ގާތުގައި އިތުރު ކައިވެންޔެއް ކުރުމުގެ ދޮރުވަނީ ބަންދުކުރެވިފަޔޭ، އިތުރުމީހަކާ ނީދެވޭނެޔޭ ބުނެފިނަމަ، އޭނާގެ ޙަޔާތުގައި ބޮޑު މުޞީބާތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ޙަރާމް ކުރެއްވި ޒިނޭ އަށް އަރައިގަތުމަށް މަގުފަހިވެގެންދާ ކަމަކަށް ވެއެވެ. ވުމާއިއެކު، މިފަދަ ކަންތަކުން ސަލާމަތްވުމަށްޓަކައި، ފިރިހެނުން އިތުރު މީހުންނާއި ކައިވެނި ކުރުން ހުއްދަވެގެންވެއެވެ. މީގެ އިތުރުން އަންހެނުން ޙައިޟު ވެއްޖެނަމަ، ނުވަތަ ވިހައިފިނަމަ، ލޭ ކެނޑެންދެން ޖިމާޢު ނުވެ ހުންނަންޖެހެއެވެ. މިދުވަސްވަރުގައި ޖިމާޢުވުމަކީ ޙަރާމް ކަމަކަށްވީތީވެއެވެ. އަދި ޞިއްޙީ ގޮތުންވެސް ގެއްލުންހުރި ކަމަކަށްވީތީވެއެވެ. މިދުވަސްވަރުގައި ފިރިމީހާގެ އެދުން ފުއްދުމަށް އިރުތު އަންބަކު ބޭނުންވެއެވެ. 

5.    އިތުރުމީހުންނާއި އިނުމަކީ އިސްލާމް ދީން އައުމުގެ ކުރިން އެހެން އުއްމަތްތަކުގައި ވެސް އޮތް ކަމެކެވެ. ބައެއް ނަބީބޭކަލުން ވެސް އެކަކަށް ވުރެ ގިނަ މީހުންނާއި ކައިވެނި ބައްލަވައިގެންފައިވެއެވެ. ސުލައިމާނު-ޢަލައިހިއްސަލާމް- ގެ ނުވަދިހަ އަނބިކަބަލުން ތިއްބަވައެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި ބައެއް ޞަޙާބީން އިސްލާމްވެ ވަޑައިގެންނެވި އިރުގައި އަށް އަނބިން، އަނެއްބައިބޭކަލުންގެ ފަސް އަނބިން ތިއްބެވިކަމަށްވެއެވެ. އެހިނދު ހަތަރު އަނބިން އިޚްތިޔާރު ކުރުމަށްފަހުގައި އެހެން އަނބިން ވަރި ކުރުމުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމ-ަ އަމުރު ކުރެއްވިއެވެ.  

6.    ފަހަރުގައި އަނބިމީހާއަކީ ދަރިން ނުލިބޭ މީހަކަށް ވުން އެކަށީގެންވެ އެވެ. ނޫންނަމަ، ޖިންސީގޮތުން ބަލިކަށި، ނުވަތަ ބައްޔެއް ހުރުމުގެ ސަބަބުން ފިރިމީހާ ބޭނުންވަރަށް އެދުންފުއްދައިދޭން ޢުޛުރުވެރި އަންހެނަކަށް ވެދާނެއެވެ. ފިރިމީހާ ދަރިންބޭނުންވެއެވެ. އަދި ޙަލާލު ގޮތުގައި އޭނާގެ އެދުން ފުއްދުމަށް ވެސް ބޭނުންވެއެވެ. މިކަމުގައި އޭނާއަށް އޮތް ހަމަ އެކަނި މަގަކީ އިތުރު ކައިވެންޔެއް ކުރުމެވެ. އަނބިމީހާ އަށް ވެސް ފައިދާ ބޮޑު ގޮތަކީ ވަރިނުވެ އަންބެއްގެ ގޮތުގައިހުރެ، ފިރިމީހާ އިތުރު މީހަކާ ކައިވެނި ކުރުމަށް ހުއްދަ ދިނުމެވެ. 

7.    ފަހަރުގައި ދެއަންބަށް އިންނަން ބޭނުންވާ އަންހެންމީހާ އަކީ ފިރިމީހާގެ ގާތްތިމާގެ މީހަކު ކަމުގައި ވެދާނެއެވެ. އެއަންހެންމީހާ އަށް ޚަރަދު ކުރާނެ މީހަކު ނެތެވެ. ނޫންނަމަ އެއަންހެން މީހާ އަކީ ފިރިމަރުވެފައިވާ މީހެކެވެ. އެހެންކަމުން މިފަދަ މީހުންނަށް ހެޔޮކޮށް ހިތުމުގެ ގޮތުން އަންބެއްގެ މަގާމު ދެވެނީއެވެ. މިޙާލަތުގައި އޭނާއަށް ޚަރަދުދެވި، އަދި އޭނާގެ ޢިއްފަތްތެރިކަންވެސް ސަލާމަތް ކޮށް ދެވެނީއެވެ. އޭނާ އަށް ޚަރަދު ދީފައި ދޫކޮށްލުމަށްވުރެ މިގޮތް މާ އައުލާ ކަން ބޮޑެވެ. 

8.    ދެޢާއިލާ އިތުރަށް ގުޅުވާލުން. އިތުރުމީހަކާއި ކައިވެނި ކުރުމުން، އިތުރު ޢާއިލާ އަކާއި ގުޅެވެނީ އެވެ. މިވެސް މުޖްތަމަޢު ގެ ހަމަޖެހުން އިތުރުވުމަށް އެޅިގެންދާނެ އިތުރުބާރަކަށްވާނެއެވެ.  

ފަހަރުގައި ބައެއް މީހުން މިކަމަށް އިޢުތިރާޟު ކޮށް ބުނެފާނެއެވެ. ގިނަމީހުންނާއި އިނުމަކީ އަނބީންގެ މެދުގައި މައްސަލަގަނޑެއް އުފެއްދުމެވެ، އަދި އޭގެ ސަބަބުން ދެއަނބިންގެ މެދުގައި ޢަދާވާތްތެރިކަން އުފެދި ދަރިންނަށް އޭގެ ނޭދެވޭ އަޘަރު ކުރުވާނެކަމެކެވެ. އެހެންކަމުން މިފަދަ ކަންތައްތައް މަނާ ކުރެވޭނީ އިތުރުމީހުންނާއި އިނުން މަނާ ކުރެވިގެންނެވެ. 

މި އިޢުތިރާޟު ގެ ޖަވާބުގައި ބުނަން އޮތީ: 

އެންމެ އަންބެއް ހުރި ނަމަވެސް ޢާއިލާތެރޭގައި މައްސަލަ ޖެހިދާނެއެވެ. އެއީ ހަމައެކަނި އިތުރު އަނބިން ތިބުމުގެ ސަބަބުން ވާ ކަމެއް ނޫނެވެ. އިތުރު އަންބަކު ހުރުމުން ހަމަނުޖެހުން ބޮޑުވާނެކަމަށް ހީކުރެވެނީނަމަ ދަންނަން ޖެހޭ ޙަގީގަތަކީ ދުނިޔޭގެ ދިރިއުޅުމުގައި ހިތްއެދޭ ކަންތަކާއި، ހިތްނޭދޭ ކަންތައްވެސް މެދުވެރިވާނެއެވެ. އެހެންނަމަވެސް، މިހުރިހާ ކަމެއް ތަޙައްމަލުކޮށް، ރިވެތި ގޮތުގައި އުޅެވޭތޯ ގަދަައަޅާ މަސައްކަތް ކުރުމަކީ ލާޒިމް ވެގެންވާ ކަމެކެވެ. އަދި ދެގެއްލުން ލިބެން އޮތްނަމަ ކުޑަގެއްލުމުގައި ހިފާ، ބޮޑު ގެއްލުން ނެތިކޮށްލަންޖެހެއެވެ. ފިރިމީހާ ޙަރާމް ޒިނޭ ކުރުން އިތުރުމީހަކާ އިނދެގެން އުފެދޭ މައްސަލައަށް ވުރެ ބޮޑެވެ. 

އެހެން އިޢުތިރާޟެއްވެސް އަތުވެދާނެއެވެ. އެއީ: ފިރިހެނުންނަށް އެއް އަންބަށްވުރެ ގިނައިން ހުއްދަވާއިރުގައި، އަންހެނުނަށް އެއްފަހަރާ ދެފިރިހެނުންނާއި އިނުން ހުއްދަ ނުވަނީ ކީއްވެ ހެއްޔެވެ؟

މީގެ ޖަވާބުގައި ބުނަންއޮތީ: އަންހުނުން އެއްފަހަރާ އެކަކަށް ވުރެ ގިނަމީހުންނާ ކާވެނި ކުރުމަށް ހުއްދަ ދިނުމަކީ އެކަބަލުންގެ ގަދަރާއި ޢިއްޒަތަށް ކުރެވޭ ބޭއިންޞާފެއް ކަމަށެވެ. އަދި އެކަމަނާ ގެ ދަރިފަސްކޮޅުގެ ނަސަބު އޮޅިގެން ހިނގައިދާ ފަދަ ކަމެކެވެ. އެތަށްފިރިހެނުންނެއް އޭނާ އާއި ޖިމާޢުވާ ކަމަށް ވަނީ ނަމަ އޭނާގެ ރަޙިމުގައިވާ ދަރިފުޅަކީ ކާކުގެ ދަރިއެއް ކަމެއް ނޭގޭނެއެވެ. އެހެންކަމުން ޢާއިލާ ފުނޑުފުނޑުވެ ހަލާކުވެގެން ހިނގައިދާނެއެވެ. އަދި ދަރިފުޅާއި ބައްޕަ އާއި އޮންނަންވީ ގުޅުން ގެއްލިގެން ހިނގައިދާނެއެވެ. މިކަމަކީ އަންހެން މީހާގެ މަޞްލަޙަތެއް، ދަރިފުޅުގެ މަޞްލަޙަތެއް، އަދި މުޖްތަމަޢު ގެ މަޞްލަޙަތެއް އެކުލެވިގެންވާ ކަމެއް ނޫނެވެ. މިހުރިހާ ސަބަބު ތަކަކަށް ޓަކައި އިސްލާމް ދީނުގައި މިކަން ވަނީ މަނާ ކުރައްވާފައެވެ.

ވަރި އަށް ގޮވުން: 

ފިރިމީހާ އަނބިމީހާ އަށް އަޅާ ނުލުން ފަދަ މަގްބޫލު ސަބަބަކާ ނުލާ ފިރިމީހާގެ ގާތުން ވަރިއަށް އެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.

(أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا طَلاقًا فِي غَيْرِ مَا بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّة)

މާނައަކީ: "ކަމަކާ ނުލާ ވަރިއަށް އެދޭ އަންހެނާ އަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވެއްޖެއެވެ". 

ނަމަވެސް، މަގްބޫލު ސަބަބެއް އޮވެއްޖެނަމަ، ވަރިއަށް އެދުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެންވެއެވެ. ނޫންނަމަ ޚުލްޢުވާން އެދުމުގެ ޙައްގުވެސް ލިބިގެންވެއެވެ. "ޚުލްޢު" އަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ހަދިޔާއެއް ނުވަތަ ކައިވެނީގެ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ނުވަތަ އެއިން ބައެއް ދިނުމަށްފަހު ކައިވެނިރޫޅާލުމަށް އެދުމެވެ. 

މިކަމުގެ ދަލީލަކީ ސާބިތުބިން ގައިސްގެ އަބިކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސްދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ސާބިތްބިން ގައިސްގެ އަޚުލާގާއިދީންވެރިކަމާއި ބެހޭގޮތުން ބަދުބަހެއް ބުނާކަށް އަހުރެންބޭނުމެއްނޫނެވެ. އެހެންނަމަވެސް އިސްލާމްވުމަށްފަހު ކުފުރުވުމަށް އަހުރެން ނުރުހެމެވެ. (މާނައަކީ އިސްލާމްވުމަށްފަހުގައި ކާފިރުކަމުގެ އަޚްލާޤަށް ނުވަތަ ފިރިމީހާއަށް ނުކިޔަމަންތެރިކަން ދެއްކުމުގެސިފަ ގެންގުޅޭކަށް ތިމަންކަމަނާ ނުރުހެމެވެ. ތިމަން ކަމަނާ ސާބިތްބިންގައިސް އާ އެކު އުޅޭކަމުގައިވާނަމަ ނުކިޔަމަންތެރިވެވިދާނެއެވެ. ނުވަތަ ސާބިތްބިންގައިސްއާ އެކު އުޅެންވެއްޖެނަމަ ތިމަންކަމަނާ ކުފުރުގެ ތެރެއަށް އެބުނރި ހިނގައިދާނެއެވެ. 

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ކަމަނާ ސާބިތް ބިން ގައިސްގެ ހަދީގާ(ބަގީޗާ) އަނބުރާ ދެއްވާހުށީމު ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. އާދޭހެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސާބިތް ބިން ގައިސްއާއި މުޚާޠަބުކުރައްވާ ހަދީޘްކުރެއްވިއެވެ. އެ ހަދިޔާ ޤަބޫލުކޮށް އެކަމަނާ ދޫކޮށްލާށެވެ.")

ނަމަވެސް މިފަދަ ނިންމުމަކާ ހަމަޔަށް ދިއުމުގެކުރިން ދެމަފިރިން ރަނގަޅަށް މަޝްވަރާކޮށް ދެމީހުން އެކުގައި އުޅެވޭތޯ  މަސައްކަތްކޮށް އެކަމަށް ތައުފީޤުދެއްވާތޯ ދުޢާކުރަން ވާނެއެވެ. ތިމާޔަށް ހެޔޮއެދޭ ޞާލިޙް ފިރިއެއް ލިބުމަކީ ވަރަށްބޮޑު ނިޢުމަތެކެވެ. އެއްޗެއްގެ އަގު ވަޒަންކުރެވޭނީ އެއެއްޗެއް ތިމާގެ އަތުން ބީވެގެން ދިޔުމުންނެވެ. ފިރިމީހާ ދެއަންބަށް އިނުމަކީ ނުވަތަ އިންނަން އުޅުމަކީ ވަރިއަށް އެދުމަށް އޮތް މަގްބޫލު ޢުޛުރެއް ނޫނެވެ.  والله أعلم

މިއަދު އޮންލައިން