ފަހު ދިހަ އައިސް ބައްދަލުކުރުމުންވެސް ހިރި، އޮނަހިރިއަށް ބަލަންތިބޭ މީހުންނަކީ އެބައަކަށް ފަހު ދިހަވެސް ލައިލަތުލްޤަދަރިވިލޭރޭ ވެސް ނުލިބުން ގާތް ބައެކެވެ. އެހެނީ މިފަދަ މީހުންނަކީ ރަމަޟާން މަސް ބައްދަލުކުރުމުން ފަހުދިހައަށް ބަލަހައްޓައިގެނެ ތިބި މީހުންނެވެ. ފަހު ދިހަ އައުމުން އެބަލަނީ ހިރި އޮނަހިރިއަށެވެ. މިއީ ރަމަޟާންމަސް ކިބިގަންނަން މަސައްކަތްކުރަން އޮތް ގޮތެއް ނޫނެވެ.
ޙަދިޘްފުޅުގައި އޮތީ ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލުކުރަން އެދޭމީހާ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށެވެ. އެއިގެ މާނައަކީ އޮނަހިރިރޭތައް ކަމުގައި ހިމެނޭ ރޭތަކުގައި އިތުރަށް މަސައްކަތްކުރުމެވެ. އެނޫން ރޭތަކުގައި ކަންނެތްވެ ފަރުވާކުޑަކޮށްލުމެއް ނޫނެވެ. ކުޅިވަރާއި މަޖަލިގައި އުޅުމެއް ނޫނެވެ. ރޭއަޅުކަން ނުކޮށް ނިދަން އޮތުމެއްވެސް ނޫނެވެ.
ބަލަންވީ ރަސޫލް ﷺ ގެ ސުންނަތަށެވެ. ފަހު ދިހަ ބައްދަލުކުރުމުން ހުރިހާ ރޭތަކެއްގައިވެސް ހިތްވަރުފުޅު ކުރެއްވެވިކަމެވެ. ކަމަރުފުޅު ބާރުކުރެއްވެވިކަމެވެ.
އަހަރެމެން ކުރަން އޮތް ކަމަކީ ހިރި އޮނަހިރިއަށް ބެލުމެއް ނެތި ކުރާ އަޅުކަން އެއްރެއަށްވުރެ އަނެއް ރޭ އިތުރުކުރަން މަސައްކަތްކުރުމެވެ. ސަޖިދަކުރުން ގިނަކުރުމެވެ. ޤުރްއާން ކިޔެވުން ގިނަކުރުމެވެ. ޛިކުރުކުރުން ގިނަކުރުމެވެ.
މިޘާލަކަށް ރޭ ކިޔެވިފައިވަނީ 500 އާޔަތްނަމަ އެއަދަދަށް ކޮންމެވެސް މިންވަރެއް އިތުރުކުރާށެވެ! ކުރީރޭ 50 ޑޮލަރު ޞަޤާތް ކުރިނަމަ މިރޭ ޢަދަދު ތަންކޮޅެއް ގިނަކޮށްލާށެވެ! ޛިކުރުކުރުމާއި ދުޢާކުރުންވެސް ކުރީރެއަށްވުރެ ގިނަ ކުރަންވާނެއެވެ!
ލައިލަތުލްޤަދްރިވިލޭރޭ ލިބުން އެދި ގަދައަޅައި މަސައްކަތްކުރިކަމަށްވާނީ އެއިރުންނެވެ. ކާމިޔާބީ އަކީ އެކަމަށް އެދި މަސައްކަތްކުރާ އަޅުންގެ ޙައްޤެކެވެ. މި ރަމަޟާން މަހު ފާފަ ފުއްސަވައި ޢަފޫކުރައްވަވާ އަޅުންގެތެރޭގައި އަޅަމެން އެންމެން ލައްވަވާނދޭވެ! އާމީން. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން