ޢާއިޝަތުގެފާނުގެ ސީރަތު: އުއްމުޙަބީބަތުގެފާނާއި މައިމޫނަތުގެފާނުގެ ޚުލްޤުފުޅަށް ޢާއިޝަތުގެފާނު ތާރީފު ކުރެއްވެވި

ކިޔުމަށް ހޭދަވާނީ 4މ 31ސ
ޢާއިޝަތުގެފާނުގެ ސީރަތު: އުއްމުޙަބީބަތުގެފާނާއި މައިމޫނަތުގެފާނުގެ ޚުލްޤުފުޅަށް ޢާއިޝަތުގެފާނު ތާރީފު ކުރެއްވެވި

ޢަލީ އިޙްޞާން ފިރާޤް

 

ޢާއިޝަތުގެފާނާއި، އުއްމުޙަބީބަތުގެފާނު: 

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާގެ ބައްޕާފުޅަކީ، އަބޫސުފްޔާނު ބުނު ޙަރްބުއެވެ. އެކަމަނާގެ މައިކަނބަލުންނަކީ ޞަފިއްޔާ ބިންތު އަބުލްޢާޞްއެވެ. އުއްމުޙަބީބަތުގެފާނާއި، ޢުޘްމާނުގެފާނަކީ ދެބެއިންގެ ދެދަރި ބޭފުޅުންނެވެ. އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ އާ އެންމެ ފުރަތަމަ ކާވެނިބެއްލެވީ ޢުބައިދުﷲ ބުނު ޖަޙުޝް އެވެ. އޭނާއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅު އުމައިމާ ބިންތު ޢަބްދުލްމުއްޠަލިބުގެ ދަރިކަލެކެވެ. މިދެކަނބަލުން ޙަބަޝާއަށް ހިޖްރައަށް ވަޑައިގެން އުޅުއްވަނިކޮށް، ޢުބައިދުﷲ މުރުތައްދުވެއްޖެއެވެ. ގިނަގިނައިން ރާބުއިމުގެ ސަބަބުން ޖެހުނު ބައްޔެއްގައި އޭނާ މަރުވެއްޖެއެވެ. ފިރިއެއްގެ އެހީތެރިކަމެއް އަޅާލުމެއްނެތި، ބޭރު ކަރައެއްގައި ތުއްޕުޅު ބޭފުޅަކު ބައްލަވަމުން، އުއްމުޙަބީބަތުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ވަރަށް ދަތި ޙާލުކޮޅެއްގައެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އުއްމުޙަބީބަތުގެފާނުގެ ޙާލުކޮޅު އެނގިވަޑައިގެންނެވުމުން ޙަބަޝާގެ ރަސްގެފާނު ނަޖާޝީ މެދުވެރި ކުރައްވާ އެކަމަނާއާ ކާވެނި ބައްލަވައިގެންނެވިއެވެ.  ޢާއިޝަތުގެފާނާއި އުއްމުޙަބީބަތުގެފާނުގެ ގުޅުން ވަރަށް ރަނގަޅެވެ. އުއްމުޙަބީބަތުގެފާނަށް ޙަބަޝާއިން ފެނިވަޑައިގެންނެވި ބައެއް ކަންތައްތަކުގެ ވާހަކަ އެކަމަނާ މާތް ރަސޫލާގެ އަރިހުގައި ވިދާޅުވެ އުޅުއްވައެވެ. އޭގެ ތެރެއިން އެއްވާހަކަ ޢާއިޝަތުގެފާނުވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވައިފައެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. 

އުއްމުޙަބީބާއަށް ޙަބަޝާއިން ފެނިވަޑައިގެންނެވި، ކަނީސާއެއްގެ ވާހަކަ މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވެދެއްވިއެވެ. އެ ކަނީސާއަކީ ވަރަށް ގިނަ ސޫރަތަކެއް ކުރަހައި ޒީނަތްތެރިކޮށްފައިވާ ތަނެކެވެ. އެވާހަކަ ވިދާޅުވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.[އެބައިމީހުންގެ ތެރެއިން ހެޔޮލަފާ ޞާލިހު މީހަކު މަރުވެއްޖެނަމަ، އޭނާ މަރުވުމުން ވަޅުލާތަނުގައި އެބައިމީހުން ކަނީސާ ނުވަތަ ފައްޅި ބިނާކުރެއެވެ. އެތަން އެބައިމީހުން ތަފާތު ކުރެހުންތަކާއި ސޫރަތަކުން ޒީނަތްތެރި ކުރެއެވެ. އެފަދަ މީހުންނަކީ، ޤިޔާމަތްދުވަހުން، މާތް ގެ ޙަޟްރަތުގައި އެންމެ ނުބައިމީހުންނެވެ.]{مُتَّفَقٌ عَلَيْهِ} 

ޠަބަޤާތު އިބްނު ސަޢުދުގައި ރިވާވެގެންވެއެވެ.  ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އުއްމު ޙަބީބާ އަވަހާރަވި އާލާސްކަންފުޅުގައި އޮންނަވައި ތިމަންކަމަނާ ބަލައިފޮނުއްވައިގެން ގެންދަވައި ވިދާޅުވިއެވެ. [އެކަކާ ކާވެނިކޮށްގެން އުޅުނު ބައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މެދުގައި ކުދިކުދި މައްސަލަ ޖެހިފައި ހުރެދާނެއެވެ. އެހެންކަމުން އެފަދަ ކަމެއް އަޅުގަނޑުގެ ފުށުންވެފައި އޮތްނަމަ އެކަމަށް މަޢާފު ދެއްވުން އެދެމެވެ.]  

ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ދެން ތިމަންކަމަނާ އުއްމު ޙަބީބާއަށް ދެންނެވީމެވެ. [މާތްﷲ ކަމަނާގެ ފާފަފުއްސަވައި ދެއްވާށިއެވެ. އަޅުގަނޑުގެ ހިތުގައި ކަމަނާއާމެދު އެއްވެސް ކޫރުމެއް ނުވެއެވެ.] އުއްމުޙަބީބާ ވިދާޅުވިއެވެ. [ކަމަނާ އަޅުގަނޑު އުފާކޮށްދެއްވައިފީމެވެ. މާތްﷲ ކަމަނާ އުފަލުގައި ލަހައްޓަވާށިއެވެ.]  

އަދި އުއްމުލް މުއުމިނީން އުއްމު ސަލަމަތުގެފާނު ބަލައިފިނުއްވައިގެން ގެންނަވައިގެންވެސް ހަމަ މިމޭރުމުން އެކަމަނާއާ ވާހަކަފުޅު ދެއްކެވިއެވެ. އުއްމުޙަބީބަތުގެފާނު އަވަހާރަވީ އެ އާލާސްކަންފުޅުގައި އޮންނަވައި ހިޖުރައިން 44 ވަނަ އަހަރުގެ ތެރޭގައެވެ. 

ޢާއިޝަތުގެފާނާއި މައިމޫނަތުގެފާނު: 

އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަﷲ ޢަންހާއަކީ ހިލާލުވަންހައިގެ ބޭކަނބަލެކެވެ. އެކަމަނާގެ ބަފައިކަލުންގެ ނަންފުޅަކީ، ޙާރިޘް ބިން ޙަޒްނެވެ. މައިކަނބަލުންގެ ނަންފުޅަކީ ހިންދު ބިންތި ޢައުފެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެފަހުން ކާވެނި ބައްލަވައިގެންނެވި ބޭފުޅަކީ މައިމޫނަތުގެފާނާއެވެ. މާތް ރަސޫލާގެ ކުރިން މައިމޫނަތުގެފާނު ދެ ކާވެނިފުޅެއް ކުރެއްވިއެވެ. 

މައިމޫނަތުގެފާނު އަވަހާރަވީ ހިޖްރައިން 51 ވަނަ އަހަރުގެ ތެރޭގައެވެ. އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވީ އެ އަހަރު ޙައްޖަށް ވަޑައިގެން އިންނަވަނިކޮށެވެ. އޭރުވަނީ ޙައްޖުގެ އެންމެހައި މަނާސިކުތަކެއް ފުރިހަމަ ކުރައްވާ ނިންމަވައިފައެވެ. އާލާސްކަންފުޅު ބޮޑުވުމުން އެކަމަނާ ވިދާޅުވިއެވެ. 

[އަހަރެން މިރަށުން ގެންދާށެވެ. އަހަރެން މިރަށުގައި މަރުނުވާނެކަމަށް ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި އަޑުއެހީމެވެ]. 

ދެން މައިމޫނަތުގެފާނު ގޮވައިގެން ދަތުރުކުރެއްވި ބޭކަލުން މައްކާގެ ރަށްބޭރުގައިވާ ސަރިފޭ ކިޔުނު މަންޒިލަކަށް ދެވުނުތަނާ އެކަމަނާ އަވަހާރަވެއްޖެއެވެ. އެތަނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބައްލަވައިގެން ރޭކުރެއްވި މަންޒިލެވެ.

{އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާ، ހަވަނަ ޖިލްދު، ޞަފްޙާ 230} 

އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަﷲ ޢަންހާ އަވަހާރަވި ޚަބަރު ލިބިވަޑައިގެންނެވުމުން ޢާއިޝަތުގެފާނު ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އެކަމަނާއަށް ތާރީފު ކުރައްވާ ބަސްފުޅު ވިދާޅުވިއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [އަހަރެމެންގެ ތެރޭގައި ހުންނެވި އެންމެ ތަޤްވާވެރި، ގާތް ތިމާގެ ކަމުގެ ގުޅުން ޤާއިމު ކުރައްވާ ކަމަނާ އަވަހާރަވީއެވެ.] {އަލްޙާކިމު، މުސްތަދުރަކު، ވޮލިޔުމު 4، ޞަފްޙާ 32}

މިއަދު އޮންލައިން