"އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 7 އަހަރުވެއްޖެއެވެ. ދުވަހަކުވެސް ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިގެން ދެބަސްވެ ޒުވާބުކުރާކަށް ނުޖެހެއެވެ. އިތުބާރު ގެއްލޭނެ ފަދަ ކަމެއްވެސް ނުހިނގައެވެ. އުލެމުން އަންނަނީ ވަރަށް ލޯބިންނެވެ.
އެހެންކަމާއިއެކުގައިވެސް އަޅުގަނޑުގެ ފިރިމީހާއަށް ބަދަލުތަކެއް މިހާރު އެބަ އައުދެއެވެ. ކުރިން އަޅުގަނޑަސް ދެމުން އައި ސަމާލުކަމެއް ނުދެއެވެ. ބައެއް އެކުވެރިން ބުނަނީ އޭނާ އެހެން އަނހެނަކު ދެކެ ލޯބިވަނީ ކަމަށެވެ. ނަމަވެސް އެއީ ތެދެއްކަން ޤަބޫލުކުރެވޭނެ އެއްވެސް ކަމެއް އޭނާގެ ކިބައަކުން ނުފެނެއެވެ.
މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"
އެންމެ ރަނގަޅު ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ލިޔުމުގައިވާ ވާހަކައަކީ ޢަމަލުކުރެވިދާނެ ވަރަށް ރަނގަޅު ގޮތެވެ. ޢަމަލުކުރަން ވަރަށް ރަނގަޅު ކަންކަމެވެ. ނިކަން ތަޖުރިބާ ކޮށްލަބައްލަވާށެވެ! ވީގޮތެއް އަނގަވާލަދެއްވުންވެސް އެދެމެވެ.
އަހަރެން އަހަރެންގެ ބައިވެރިޔާދެކެ ވަރަށް ލޯބިވެއެވެ. އަދި ބައިވެރިޔާވެސް އަހަރެން ދެކެ ވަރަށް ލޯބިވިއެވެ. އެހެނަސް ކައިވެންޏަށް 4 އަހަރުވަރުވީތަނާ ބައިވެރިޔާގެ ލޯބި ގެއްލުންފެށިއެވެ. އުނިވާންފެށިއެވެ. އެކަމަކީ ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.
ސަބަބެއް ހޯދަން މަސައްކަތްކޮށްކޮށްވެސް އޮޅުންފިލާނެ ގޮތެއް ނުވިއެވެ. ޖަވާބަކަށްވަނީ ބުނެދޭން ނުއެނގޭކަމަށާއި ހަމަ ފޫހިވަނީ ކަމަށެވެ.
މިކަމާއި ގުޅިގެން މަޝްވަރާކުރުމުން މީހުން ބުނިހާ ކަމެއްވެސް ކުރީމެވެ. އުޅުންވެސް ތަފާތު ގޮތްގޮތަށް ބަދަލުކުރީމެވެ. ބައިވެރިޔާ އުފާވާނެހައި ކަންކަންވެސް ކޮށްދިނީމެވެ. ނުކުރީ އެންމެ ކަމެކެވެ. އެއީ ސިހުރުވެރިއެއްގެ ގާތަށް ގޮސް ފަންޑިތަހެދުމެވެ. އެއީ އަހަރެން އެއްގޮތަކަށްވެސް ޤަބޫލުނުކުރާ ކަމަކަށްވާތީ އެކަމެއް ނުކުރަމެވެ.
ދުޢާކުރުން ގިނަކުރީމެވެ. ހަމަ ކޮންމެ ނަމާދެއްގެފަހުގައިވެސް ދުޢާކުރީމެވެ. ދަމުނަމާދުގައިވެސް ދުޢާކުރީމެވެ. އިސްތިޣްފާރުކުރުން ގިނަކުރީމެވެ.
މިގޮތަށް ކަންކަން ކުރަމުން ދަނިކޮށް އަޑު އިވުނު ދަރުސަކާއި ގުޅިގެން އިތުރު މަސައްކަތެއް ފެށީމެވެ. އެދަރުސަކީ އާޔަތުލްކުރުސިގެ މަތިވެރިކަމާއިބެހޭ ގޮތުން އަޑުއިވުނު ދަރުސެކެވެ. އެ ދަރުސްގައި އެންމެ ބޮޑަށް ބާރު އެޅީ ފަތިސް ނަމާދަށްފަހު އާއި މަޣްރިބް ނަމާދަށްފަހު އާޔަތުލް ކުރުސި، އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތް 3 ފަހަރު ކިޔެވުމަށާއި ނިދުމުގެ ކުރިންނާއި ކޮންމެ ނަމާދަކަށްފަހު އަދި ގެއިން ނުކުންނަމުން އާޔަތުލްކުރުސި ކިޔެވުމަށެވެ.
ކޮންމެއަކަސް މަޣްރިބް ނަމާދަށްފަހު 3 ފަހަރަކު ނޫނެވެ. ކިޔެވުނުހައި ގިނައިން ކިޔަވަން ފެށީމެވެ. ވަރުބަލިވުމުން އަމިއްލަ އަތަށް ފުމެލައިގެން ގޮސް ބައިވެރިޔާގެ ގައިގައި އަތްއުނގުޅާލަން ފެށީމެވެ.
ބައިވެރިޔާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އެކަމަކުން ކަމަށް ބުނާކަށް ނުކުރޭނެއެވެ. ނަމަވެސް ބަދަލު އަންނަން ފެށީ އެކަންކުރަންފެށިފަހުން ކަމަށް ބުނަންކެރެއެވެ. މާގިނަ ދުވަސްތަކެއްނުވެ ހަމަ ކުރީގެ ލޯބި އަހަރެންނަށް އަނބުރައި ލިބުނެވެ. އަދި ފަހުން އެނގުނު ގޮތުގައި ބައިވެރިޔާވެސް އައީ ހަމައެކަން ކުރަމުންނެވެ. އަހަރެން ގާތު ނުބުނަނީއެވެ.
ކޮންމެއަކަސް އަހަރެންގެ މިތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ މިކޮށްލީ ފައިދާއެއް ކުރާނެ ކަމުގެ އުންމީދުގައެވެ. އަދި ބުނެލަން ބޭނުންވަނީ ބައިވެރިޔާގެ ކިބައިން މިފަދަ މައްސަލަތައް ކުރިމަތިވަނީ ޙަޤީޤަތުގައި ފޫހިވެގެން ނޫން ކަމަށާއި ސިޙުރާއި އސްފީނާއިން މިފަދަ ކަންކަން މެދުވެރިވާކަން އެއީ ހަމަ އެނގޭ ކަމެކެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ނިކަން މި "ފަންޑިތަ" ތަޖުރިބާކޮށްލަބަލާށެވެ! ހަމަ ޔަޤީނުންވެސް ޤުރްއާން ކިޔަވައި ސުންނަތަށް ޢަމަލުކުރުމުން ލިބޭނީ ފައިދާއެވެ!
- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް