މީސްތަކުންނޭވެ! މިގޮތަށް ނިކަން ވިސްނައިލަބަލާށެވެ! ބޭންކުގެ ހުރިހާ ތިޖޫރީތައް ހުޅުވާލާފައި ބޭންކުން ބުނީ ކުރިއަށް އޮތް 2 ގަޑިއިރު ތެރޭގައި ތިބާއަށް ގެންދެވުނު ވަރަކަށް ފައިސާ ގެންދާށެވެ.
ދެން ތިބާ ކުރާނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ހިނދުކޮޅަކުވެސް ބަލަހައްޓައިގެން ހުއްޓި ހުންނާނަން ހެއްޔެވެ؟ އެންމެ ވަޤުތުކޮޅެއްވެސް ބޭކާރުކޮށްލާނަން ހެއްޔެވެ؟ އެންމެ ކުޑަމިނުން ކާންބޯންވެސް މަޑުކޮށްލާނަން ހެއްޔެވެ؟ ލޮރީތައް ގެނެސް އަރުވައިގެން ގެންދެވުނުހައި ގިނައިން ފައިސާ ގެންދިއުން ނޫން އެހެންއެއްވެސް ކަމެއް ކުރާނަން ހެއްޔެވެ؟
އުފުލާއިރު ބަރުކަމުން އުނަގަނޑަށް ކިތަންމެ ތަދުވިނަމަވެސް ހުއްޓައިލާނަން ހެއްޔެވެ؟ ވެއްތިއްޖިއްޔާ ހިތްވަރުކޮށްފައި ތެދުވެވެސް ފައިސާ އުފުލުން ނޫންކަމެއް ކުރާނަން ހެއްޔެވެ؟
ޢާއިލާގެ އެންމެންނަށް ގުޅައި ގެނުވައިގެންވެސް އެނޫންކަމެއް ކުރާނަން ހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! ރަމަޟާން މަސް އައުމުން ﷲ ތަޢާލާ ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވައެވެ. ސުވަރުގޭގެ ފޮރުކޮޅުތައް ހުޅުއްވަވަތެވެ. ސުވަރުގެ ވަނުމަށް ހުރަސް އަޅަން ތިބި ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވަތެވެ. އެކަންކަމާއިއެކު އެއަންގަވަނީ ވީހައި ގިނައިން އަޅުކަންކޮށް ސުވަރުގެ ވަނުމަށެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް ވާޞިލުވުމަށެވެ.
އަހުރެންގެ ސުވާލަކީ އެކަމަސް ތިބާ ދިނީ ކޮން ސަމާލުކަމެއް ހެއްޔެވެ؟ ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟ އެމަސައްކަތުގައި ޢާއިލާގެ މީހުން އެބަ ބައިވެރިކުރުވަންހެއްޔެވެ؟
މީސްތަކުންނޭވެ! މިޘާލުތައް ދެއްކިދާނެއެވެ. ވިސްނައިދެވިދާނެއެވެ. ނަމަވެސް އެމީހަކަށް ލިބޭނީ އެމީހަކަށް ކުރެވުނު މަސައްކަތެއްގެ ނަތީޖާއެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވޭނީ އެމީހަކު އެކަމަށް މަސައްކަތްކުރުމުންނެވެ. އެކަމަށް މަސައްކަތްކުރެވުނު ވަރަކުންނެވެ. އާދޭސްކޮށްފައިވެސް ބުނަން އޮތީ ހަމަ އެއް ވާހަކައެކެވެ. އެއީ މި ރަމަޟާން މަހަކީ ތިބާއަށް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރާ މަސްކަމުގައިހަދާށެވެ! ދުވަސްތަކާއި ވަޤުތުތައް ބޭކާރުކޮށްނުލާށެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން