ތަނަވަސް މީހުންނާ ކައިވެނިކުރާނަމަ ވިސްނަންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތަނަވަސް މީހުންނާ ކައިވެނިކުރާނަމަ ވިސްނަންޖެހޭނެ ބައެއް ކަންކަން-

ކައިވެންޏަށްފަހު ޖެހޭ ގިނަ މައްސަލަތައް ޖެހެނީ ވިސްނާ ނުލައި ކައިވެނިކުރާތީއެވެ. ހަމައެކަނި އެމީހަކު ބޭނުންވާ ކަންކަން ޙާޞިލުކުރުމުގެ ބޭނުމަށް ވިސްނައިގެން ކައިވެނިކުރާތީއެވެ. ޚާއްޞަކޮށް ފައިސާގެ ތަނަވަސްކަމަށް ވިސްނައިގެން ކައިވެނިކުރާތީއެވެ. 

މިޘާލަކަށް ފިރިމީހާގެ ކިބައިން ގިނަ ވަޤުތަށް އެދޭ އަންހެނަކު ވަރަށް ތަނަވަސް މީހަކާއި ކައިވެނިކޮށްފިނަމަ ފިރިމީހާގެ ކިބައިން އެކަން ޙާޞިލްކުރެވުން އޮންނާނީ ވަރަށް ދުރުގައެވެ. އޭނާއަށް ކުރަންޖެހޭ ކަންކަން ވަރަށް ގިނަވާނެއެވެ. ދާންޖެހޭ މީޓިންގތައްވެސް ވަރަށް ގިނަވާނެއެވެ. ހަމަ އެއާއިއެކު އޭނާއަށް އެންމެ މުހިންމުވާ ކަންކަމުގެ ލިސްޓުގެ އެންމެ ކުރީގައި އަނބިމީހާގެ ވާހަކަ ލިޔެވިފައި އޮންނާނީ ތަނަވަސްކަން ހުންނަ ވަރަށް މަދު މީހެއްގެއެވެ. 

އަހުރެން ވަރަށް ތަނަވަސް ދެމަފިރިއަކާއިއެކު ދަތުރެއް ކުރީމެވެ. އެއީ ޗުއްޓީ ހޭދަކޮށްލަން ކުރި ދަތުރެކެވެ. އެދަތުރުގައިވެސް ފިރިމީހާގެ ގިނަ ވަޤުތުތައް ހޭދަކުރީ ލެޕްޓޮޕުން އޭނާގެ މަޝްރޫޢުތަކާއި ވިޔަފާރީގެ ކަންކަން ބެލުމަށެވެ. އެހެން މީހުންނަށް ފޯނުކުރުމަށާއި އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުމުގައެވެ. 

އަނބިމީހާއަށް އިންނަން ޖެހެނީ އެކަނިވެފައެވެ. އެހެންވެ ގިނަވަޤުތު އެކުގައި ހޭދަކުރަންޖެހުނީ އަހުރެމެން ދެމީހުންނަށެވެ. ދަތުރު ނިމިގެން އޭނާ މެސެޖްކޮށްފައި ބުންޏެވެ. "މިދަތުރުގައި އެކުވެރިޔާ ނުގެންދެވުނުނަމަ ފޫހިވެގެންވެސް އަހުރެން ހަލާކުވީހެވެ." 

އެއްވެސް ޙާލެއްގައި ތަނަވަސް މީހަކު ލިބިއްޖެނަމަ ކައިވެނިނުކުރަން ބުނަނީއެއް ނޫނެވެ. ހަމައެކަނި މިކުރާކަމަކީ މިފަދަ ކަންކަމަށް ވިސްނައިގެން ބައިވެރިއަކު އިޚްތިޔާރުކުރަން ބުނުމެވެ. ނޫންނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން އޮންނާނީ ވަރަށް ގާތުގައެވެ. 

- ރަޒިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން