ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން އެންމެ ފަސޭހަ މަގު- އަދި އެންމެ މަތީދަރަޖައިގަ އަޅުކަން ކުރެވޭނެ މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން އެންމެ ފަސޭހަ މަގު- އަދި އެންމެ މަތީދަރަޖައިގަ އަޅުކަން ކުރެވޭނެ މަގު!: މުފްތީ މެންކް

ގިނަދުވަސްތަކެއް ވަންދެން ނަމާދު ނުކޮށް ހުރެފައި ނަމާދުކުރަން ފަށާމީހަކަށް ނަމާދުގައި ޚުޝޫޢަތްތެރިވާން ޢަމަލުކުރެވިދާނެ ގޮތަކީ ކޮބައިތޯ؟

ޖަވާބުގައި ބުނަން ޖެހެނީ މައުޟޫގައި ލިޔެވިފައިވާ ވަރަށް ގިނަ ލިޔުންތައް މިއަދުނޫހުގެ ލިޔުންތަކުން ފެނިލައްވާނެއެވެ. ތިއަ ޙާލަތުގައި ކުރުން އެންމެ މުހިންމު އެއްކަމަކީ ނަމާދުކުރަނީ ކުރާހިތުން ކަމަށް ހެދުމެވެ. ތިރީގައިވާ ލިޔުމުން އެކަމުގެ ސަބަބުތައް އެނގިލައްވާނެއެވެ. އިން ޝާ ﷲ

މީސްތަކުން އަޅުކަން ކުރުމުގައި ތަފާތު ގޮތްތަކަށް ޢަމަލުކުރެއެވެ.

1 އެއްގޮތަކަށްވެސް އަޅުކަން ނުކުރުން

2 އެމީހަކަށް ފަސޭހަ ވަގުތަކު، ކުރާ ހިތްވުމުން އަޅުކަން ކުރުން

3 ހުރިހާ އަޅުކަމެއް ކުރުން

4 ހުރިހާ އަޅުކަމެއް ކުރިނަމަވެސް އެއީ ބުރައެއް ކަމަށް ދެކެގެން މަޖުބޫރުން ކުރާ ފަދައިން އަޅުކަންކުރުން (ގިނައީ މިބާވަތަކަށް އަޅުކަންކުރާ މީހުންނެވެ.) 5 އަޅުކަން ކުރުމަކީ އުފަލެއްކަމަށް ދެކި ލޯބިން، ހިތްހަމަޖެހުން ހޯދަން އަޅުކަންކުރުން

ވިސްނައިލަންޖެހޭ ކަމަކީ ކަމެއް ކުރަން ޖެހޭތީ ކުރުމާއި ކުރާހިތުން ލޯބިން ޝައުޤުވެރިކަމާއިއެކު ކުރުމަކީ މުޅިން ތަފާތު ދެކަމެއްކަމެވެ. ވީމާ ކޮންމެ ކަމެއް ކުރުމުގައިވެސް އެންމެ މަތީފެންވަރަކީ އެކަމަކީ ތިމާ ކުރާހިތުން ލޯބިން ޝައުޤުވެރިކަމާއިއެކު ކުރުމެވެ. އަޅުކަންކުރުމުގައިވެސް އޮތީ ހަމަ މިމަގުން ޢަމަލުކުރުމެވެ. އަޅުކަންކުރުމުގެ އެންމެ މަތީ ފެންވަރަކީ ވެސް ހަމައެއީއެވެ.

އެއީ އަޅުކަން ކުރުމަކީ އުފަލެއްކަމަށް ދެކި ލޯބިން، ހިތްހަމަޖެހުން ހޯދަން އަޅުކަންކުރުމެވެ! އަޅުކަންކުރަން ލޯބިކުރަންވީ އެކަން ކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަންކަމުގައިވާތީއެވެ! ފަރުޟު އަޅުކަން ކުރަނީ އެކަންކަން ކުރުން ވާޖިބު ކުރައްވަވާފައިވާތީއެވެ. ސުންނަތް ކަންކަން ކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރަށް ހޯދުމަށެވެ.

މިބުނި މަގުން ލޯބިން އަޅުކަން ކުރާނަމަ އެމީހަކަށް އެކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ.

އަހަރެމެންނަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ނުކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ލޯބިން އެކަން ނުކުރެވުމެވެ. ކޮންމެ ކަމެއް ކުރިނަމަވެސް ކުރާހިތުން ޝައުޤުވެރިަމާއިއެކު ކުރާނަމަ އެކަމެއް ކުރަން ފަރުވާތެރިވެވޭނެވެ. އެކަމެއް ކުރާނީ ކުރެވުނު އެންމެ ފުރިހަމައަކަށެވެ.

ވީމާ ނަމާދުގައި ޚުޝޫޢަތްތެރިވުމަށްވެސް އޮތް އެންމެ ފަސޭހަކަ މަގަކީ ލޯބިން އެކަން ކުރުމެވެ. ކުރާހިތުން އެކަން ކުރުމެވެ. އެއީ ހަމަ އެކަނި ވާޖިބެއްކަމަށް ދެކެގެން ވާޖިބު އަދާކުރަން ނަމާދުކުރާ މީހަކަށް ޚުޝޫޢަތްތެރިކަމާއިއެކު އޮންނާނީ ނަމާދު ނުކުރެވިފައެވެ. ވީމާ ޚުޝޫޢަތެރިކަމާއެކު ނަމާދުކުރަން އެދޭމީހާވެސް ފުރަތަމަ ކަމަކަށް ނަމާދުކުރުމަށް ޝައުޤުވެރިވެ ލޯބިން ކުރާ ކަމަކަށް އެކަން ހަދާށެވެ!

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން