އަނބިދަރިންނަށާއި ޢާއިލާއަށް ނުބައި ބަސްބުނެ ހަރުކަށިކަމާއެކު ކަންކަންކުރާނަމަ ދުވާލަކު ފަންސާސް ނަމާދުކުރި ނަމަވެސް ކުރާނެ ފައިދާއެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
އަނބިދަރިންނަށާއި ޢާއިލާއަށް ނުބައި ބަސްބުނެ ހަރުކަށިކަމާއެކު ކަންކަންކުރާނަމަ ދުވާލަކު ފަންސާސް ނަމާދުކުރި ނަމަވެސް ކުރާނެ ފައިދާއެއް ނެތް!: މުފްތީ މެންކް

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީނަށް ޢަމަލުކުރާނަމަ ފުރަތަމަ ކަމަކަށްވެސް އެމީހެއްގެ ކިބައި ރިވެތި އަޚްލާޤީ ސިފަތައް ހަރުކުރުވަން ޖެހޭނެއެވެ. އިސްލާމް ދީނަކީ އަޚްލާޤް ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާ ސަބަބަކީ އެއީއެވެ. އެމީހެއްގެ ކިބައިގައި އަޚްލާޤް ނެތް ނެތްނަމަ އެމީހެއްގެ ކިބައި ދީންވެރިކަން ހުންނަންވާ ގާތަކަށްވެސް ނުހުންނާނެތީއެވެ.

ތިބާއަކީ ދުވާލަކު 50 ނަމާދުކުރާ މީހަކަށްވެސް ވެދާނެއެވެ. ފޫޅާއި ހަމައަށް ތުނބުޅި ދިގުކޮށް އިސްލާމީ ފޭރާންލައިގެން އުޅޭ މީހަކަށްވެސްވެދާނެއެވެ. ޙިޖާބް އަޅައި މުޅި ހަށިގަނޑު ނިވާކޮށްގެން އުޅޭ މީހަކަށްވެސް ވެދާނެއެވެ. އަދި އެހެނިހެންވެސް ވަރަށް ގިނަ ހެޔޮ ޢަމަލުތައް ކުރާ މީހެއް ކަމުގައިވެސް ވެދާނެއެވެ.

ނަމަވެސް އަހަރެންގެ ސުވާލަކީ ތިބާގެ ދަރިންނަށާއި ޢާއިލާއަށް ތިބާއަކީ ބިރުވެރި މީހަކަށްވެއްޖެނަމަ ތިބާ ކުރާ އަޅުކަމުގެ ފައިދާއަކީ ކޮބައިހެއްޔެވެ؟ އަނބިމީހާއަށް، ފިރިމީހާއަށް، ދަރިންނަށް މައިންބަފައިންނަށް، ޢާއިލާގެ މީހުންނަށް ނުބައިބަސްތައް ބުނެ ހަރުކަށި ޢަމަލުތައް ކުރާ މީހަކު ކަމުގައި ވެއްޖެނަމަ ތިބާ ތިއަކުރާ އެއްވެސް ހެޔޮ ޢަމަލަކުން ކުރާނެ އެއްވެސް ފައިދާއެއް އޮންނާނެ ހެއްޔެވެ؟

މީސްތަކުންގެ މައްޗަށް ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރުން ވާޖިބުވާފަދައިން މީސްތަކުންގެ ޙައްޤުތައް އަދާކުރުމަކީވެސް ވާޖިބެކެވެ.

ތަނަވަސްކަން ލިބިގެންވާ ބައެއް މީހުން އިންސާނިއްޔަތަކަށްޓަކައި އަދި އިސްލާމް ދީނަށްޓަކައި ބޮޑެތި ޢަދަދުތަކުން ޞަދަޤާތް ކުރެއެވެ. ނަމަވެސް ގެއަށްވަނުމަށްފަހު އޭނާގެ ޢަމަލުތައް ހުންނަނީ ނުބައިކޮށް ކަމަށްވެފައި ދުލުން ބުނަނީ ނުބައި ބަސްތައް ކަމުގައިވާނަމަ އޭނާ އެކުރި ޞަދަޤާތުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ޞަދަޤާތްކުރަން ފަށަންވެސް ފުރަތަމަ އޮތީ ގޭތެރެއިންނެވެ. އެއީ ހަމައެކަނި ބޭނުންވާހައި އެއްޗެއް ގެއަށް ވެއްދުމެއް ނޫނެވެ. ހެޔޮބަސް ބުނުމާއި ރިވެތި އަޚްލާޤަށް ޢަމަލުކުރުމަކީވެސް ޞަދަޤާތެކެވެ.

ޚިޔާލުތްފާތުވުންތައް ބައިވަރު ހުންނާނެއެވެ. އެއީ ﷲ ތަޢާލާ އިންސާނުން އުފައްދަވާފައިވާ ގޮތެވެ. ވީމާ ޚިޔާލުތަފާތުވުމަކީ ދުލުން ނުބައި ބަސްތައް ބުނެ އަނިޔާވެރި ޢަމަލުތައް ކުރަން ހުއްދަލިބޭ ކަމެއް ނޫނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން