އެހެން މީހުންގެ ވާހަކަތަކާ ތިމާއާ ނުބެހޭ ކަންކަމުގެ ވާހަކަ ދައްކާ މަޖިލިސްތަކުގަ ބައިވެރިވާނަމަ ގިނަ ފާފަތަކެއް ބޮލުގަ އަޅަން ޖެހިދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެހެން މީހުންގެ ވާހަކަތަކާ ތިމާއާ ނުބެހޭ ކަންކަމުގެ ވާހަކަ ދައްކާ މަޖިލިސްތަކުގަ ބައިވެރިވާނަމަ ގިނަ ފާފަތަކެއް ބޮލުގަ އަޅަން ޖެހިދާނެ!: މުފްތީ މެންކް

ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނީ ހަމައެކަނި އެމީހާގެ އަތުން ކުރި ކަންކަމަކަށް ނޫނެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނަކުން ނަމަވެސް ކުރެވިފައިވާ ކޮންމެ ކަމަކަށްވެސް ޖަވާބުދާރީވާންޖެހޭނެއެވެ.

ވިސްނާށެވެ! ގިނަ ބައަކު ފާފަވެރިވަމުން އެދަނީ އެމީހުންގެ އަތުން މާބޮޑެތި ފާފަތަކެއް ކުރެވޭތީއެއް ނޫނެވެ. ޣީބަ ބުނެ އެހެން މީހުންގެ ވާހަކަތައް ދައްކާ އަދި ތިމާ ޢާއި ނުބެހޭ ވާހަކަތައް ދައްކާ މަޖިލިސްތަކުގައި ބައިވެރިވެވޭތީއެވެ. އެއަޑުތައް އެހޭތީއެވެ.

ފާފަކުރެވެނީ ހަމައެކަނި އަތަކުން ނޫނެވެ. އެންމެ ގިނަ ފާފަތައް ކުރެވެނީ ދުލުންނެވެ. ލޮލުންނާއި ކަންފަތުންވެސް ފާފަކުރެވެއެވެ. މިބުނި ފަދަ މަޖިލީހެއްގައި އިނދެގެން އެތަނުގައި ދައްކާ ވާހަކަތަކަސް ރުހޭބަސް ބުނާނަމަ ދުލުން އެކުރެވެނީ ފާފަތަކެވެ. ބަސްނުބުނެ އަޑުއަހަން އިންނަ ކަންފަތުން އެކުރެވެނީ ފާފަތަކެވެ. އެކަންކަމުގެ އަސަރު ތިމާގެ ހިތަށް ކުރެއެވެ. ހިތުގައި ދަބަރު ޖަހައެވެ. ދަމިލަޖަހައެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ޢަމަލުތަކަށް ނުބައި އަސަރުތައް ކުރެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަންކަން ހުންނަ ގޮތުން އެއްވެސް މީހަކީ އެކަށީގެންވާ މިންވަރާއި ގާތަކަށްވެސް އަޅުކަންކުރަން ވަގުތު ދެވޭ މީހެއް ނޫނެވެ. ގިނަ މީހުންނަށް އެއުޅެނީ ހަމައެކަނި ފަރުޟުވެސް އަދާކޮށް ނުލެވިގެންނެވެ.

މިޙާލަތުގައި ތިމާ އާއި އެއްވެސް ބެހުމެއް ނުވާ ކަންކަމުގެ ތެރެއަށް ވަދެ އިތުރަށް ފާފަވެރިވުމަކީ ކުރެވޭ ކިހައި ދެރަ ކަމެއް ހެއްޔެވެ؟ އެކަމުގެ ނަތީޖާ ޤިޔާމަތް ދުވަހު ފެނިގެންދާނެ ގޮތާއިމެދު ބިރުވެތިވާށެވެ! ފާފައަކަށް ވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ! ސުވަރުގެ ލިބުމަށް ހުރަސްއެޅިދާނެ ކިތަންމެ ކުޑަ ކަމެއްވެސް ނުކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން