މިހާރަކަށް އައިސް އޮޅުކޮށްގެން، ވަރަށް ލޯބިން ގޭގައި ބައެއް ބާވަތްތަކުގެ ޖަނަވާރުއެބަ ގެންގުޅެއެވެ. އެއީ ހުއްދަ ކަމެއްތޯ؟
ސުވާލާއި ގުޅިގެން ފުރަތަމަ ބުނެލަން ބޭނުންވަނީ ޖަނަވާރުންނަށްވެސް ކަމޭ ހިތުމަކީ ކުރަންޖެހޭ ކަމެކެވެ. އެއެތީގެ ސަބަބުން ގެއްލުމެއް ނުލިބޭނެ ނަމަ ކާންބޯންދިނުމަކީވެސް ކުރަން ރަނގަޅު ކަމެކެވެ. ނަމމަވެސް އޮޅުކޮށްގެން ގޭގައި ގެންގުޅުމާއިމެދު ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބޭނެ ކަމަށް ހީކުރަމެވެ.
ހިތްހަމަ ޖައްސާލަން "ޕެޓެއް"ގެ ގޮތުގައި އެއްޗެއް ގެންގުޅުމަކީ ޙަރާމް ކަމެއް ނޫނެވެ. ހުއްދަކަމެކެވެ. ނަމަވެސް ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.
ފުރަތަމަކަމަކީ ދުނިޔޭގައި އުޅެން ލިބިފައިވަނީ ވަރަށް މަދު ދުވަސްކޮޅަކަށްވާއިރު އެކަމަކުން ތިމާއަށް ފައިދާއެއް ނުކުރާނެ ކަމެއްކުރަން ގިނަ ވަގުތުތައް ހާދަކުރުމަކީ ބޭކާރުކުރެވޭ އަގުހުރި ވަގުތު ތަކެކެވެ.
ދެވަނަ ކަމަކީ ބައެއް ޖަނަވާރުން ކިތަންމެ ރަނގަޅަކަށް ބެލެހެއްޓިނަމަވެސް އެއެއްޗެތީގެ ސަބަބުން ބައެއް ޒާތުގެ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ތަފާތު ކަންކަމަށް އެލަރޖިކްވުން ފަދަ މައްސަލަތައް ވަރަށް ގިނައިން ކުރިމަތިވެއެވެ. ބުޅަލަކީ މިގޮތުން ފާހަގަކޮށްލެއްވޭ އެއް ޖަނަވާރެވެ.
ތިންވަނަ ކަމަކީ އިންސާނުންނާއި އަވަލާ ފަދައިން މިފަދަ ތަކެއްޗާއިވެސް ޖަނަވާރުން އަވަލައެވެ. އެހެންކަމުން ޖިންނިއެއް އަވަލާފައިވާ އެއްޗެއް ގޭގައި ގެންގުޅެވޭނަމަ ޖިންނިވެސް ފަހަތުން ގެއަށް ވަންނާނެއެވެ. ކިތަންމެ ހަނި ފުރުޞަތެއް ލިބުނު ނަމަވެސް ގެއަށް ވަދެގަންނަން މަސައްކަތްކުރާނެއެވެ.
ވީމާ ޕެޓުގެ ގޮތުގައި ދިރޭތަކެތި ގެންގުޅޭނަމަ މިކަންކަމަށް ވިސްނަންވާނެއެވެ. މިބުނި ހުރިހައި ކަންކަމަށް ރައްކައުތެރިވާންޖެހޭނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން